މަސްވެރިކަމާއި ގުޅޭ

އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިހާރު ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި، އަންނަ މަހުގެ 20ގެ ކުރިން އަޅަން ފަށާނަން: މިނިސްޓަރު

މިހާރު ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި، އަންނަ މަހުގެ 20ގެ ކުރިން އަޅަން ފަށާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ކުރެއްވި ސުވާލުގައި ވިދާޅުވީ، އެންމެ އުތުރުގެ މަސްވެރިންގެ ޝަކުވާއެއް އެބައޮތް ކަމަށާއި އެއީ އިހަވަންދިއްޕޮޅުގައި އަޅާފައިވާ ކަނދުފަތިތައް ކަނޑައިގެން ގޮސްފައިވާކަމުގެ ޝަކުވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ހައްލެއް ލިބޭނީ ކޮންއިރަކުންތޯ ސަލީމް ވަނީ މިނިސްޓަރު އަރިހުން އައްސަވާފައެވެ.

އެ ސުވާލުގެ ޖަވާބަކަށް މިނިސްޓަރު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އަޅާފައިވާ ކަނދުފަތިތައް ކަނޑައިގެން ގޮސްފައިވާކަމަށް ނޯޓް ކުރެވިފައިވާ ކަމަށެވެ. އަދި އެނޫންވެސް ބައެއް ކަނދުފަތިތައް ކަނޑައިގެން ދިއުމާ ގުޅިގެން، އެ ކަނދުފަތިިތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިހަވަންދިއްޕޮޅުގައި އަޅާފައިވާ ކަންދުފަތިތައް ކަނޑައިގެން ދިއުމާ ގުޅިގެން މަސްވެރިންނަށް އުނދަގޫތައް ކުރިމަތިވާކަން ފާހަގަ ކުރެވޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ ކަނދުފަތިތަކާ، މިހާރު ކަނޑައިގެން ގޮސްފައިވާ 10 ކަނދުފަތި އެޅުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށޭ މަހުގެ ކުރީކޮޅު ފަށަން. އެގޮތުން އެންމެ ލަސްވެގެން ވެސް ސެޕްޓެމްބަރު 20އާ ހަމައިގަ މި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކަނދުފަތި އެޅުމުގެ ތައްޔާރީތައް ވުމުގެ ގޮތުން އެންކަރ ބްލޮކްތަކެއް ހަދައި އެކަމަށް ބޭނުންވާ ސާމާނު ގެނެސް، ޑިޒައިންކޮށް، އެންކަރތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!