މަސްވެރިކަމާއި ގުޅޭ

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ
ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަމަށް ނަޒަރެއް

ޑިސެމްބަރު 2020 ގައި ޝާއިއުކުރި، ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ވާގޮތުން، ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ކުރާތާ ގިނަ ދުވަސްތަކެއް ވީއިރު، އެ މަސްވެރިކަން އޮތީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގެ ގޮތުގައެވެ.

ނިމިދިޔަ ގަރުނުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މަސް ވިއްކުމަށް އިތުރު މާކެޓްތަކެއް ހުޅުވިގެން ދިޔައެވެ. އަދި ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ފުޅާވެ، މަސްވެރިންނަށް ލިބޭ މަންފާ އިތުރުވެގެން ދިޔައެވެ. އަދި އަމިއްލަ ބޭނުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޮތް ހިބަރުގެ މަސްވެރިިކަން، ވިޔަފާރީގެ ބޭނުމަށް ކުރާ މަސްވެރިކަމަކަށް ބަދަލުވިއެވެ.

ދިވެހިރާއްޖޭގައި ހިބަރުގެ ބާވަތްތައް ބާނާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަން އެހާ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، 2010 ވަނަ އަހަރުގެ ކުރިން ގާއިމު ކޮށްފައިވާ "މަސް ރިޕޯޓް" ފޮނުވުމުގެ ނިޒާމުގެ ތެރެއިން، ހިބަރު ބާނާފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވިފައިވެއެވެ.

މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ، މަސްވެރިން ކޮންމެ ދުވަހަކު ބާނާ ހިބަރުގެ މިންވަރު، ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ، ކަނޑައެޅޭ މުވައްޒަފަކު ރިކޯޑުކޮށް މިނިސްޓްރީގައި އޭރު ހުންނަ ތަފާސްހިސާބު ބެލެހެއްޓުމާ ބެހޭ ސެކްޝަނާ ހިއްސާކުރަނިއެވެ.

މިގޮތަށް ރިޕޯޓު ފޮނުވުމުގެ އިންތިޒާމުގެ ދަށުން، ލިބެމުންއައި މައުލޫމާތުތައް މަދުވަމުން ގޮސް، ރަސްމީކޮށް ހުއްޓާލާފައި ވަނީ 2018 ވަނަ އަހަރުގައެވެ.

މިހާރު ހިބަރު ބާނާ މިންވަރާ ބެހޭ މައުލޫމާތު އެއްކުރަނީ، 2010 ވަނަ އަހަރު ތައާރަފް ކުރެވުނު، ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގެ ލޮގްފޮތް މެދުވެރިކޮށެވެ. ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ސަރވޭތަކަށް ބިނާކޮށް، ލަފާކުރެވޭ ގޮތުގައި، ގާތްގަނޑަކަށް 850 އުޅަނދު އަދި 1300 އެއްހާ މަސްވެރިން ހިބަރުގެ މަސްވެރިކަމުގައި ޝާމިލުވެއެވެ.

މީގެ ތެރެއިން، އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތެއްގެ ގޮތުގައި ހިބަރުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓް-ޓައިމް ކޮށް މި މަސައްކަތުގައި އުޅެނީ ކިހާ މީހެއްކަން ދެނެގަންނަން ދައްޗެވެ.

މި މަސްވެރިކަމުގައި އާއްމުގޮތެއްގައި ބޭނުން ކުރަނީ، ތިން ހަތަރު މީހަކަށް ތިބެވޭ، ދިގު މިނުގައި 15 ވަރަކަށް ފޫޓު ހުންނަ ކުދި ދޯނިފަހަރެވެ. މިފަދަ ކުދި އުޅަނދުތަކުން މޫސުމާއި، މަހުގެ އަގާއި، މަސް ބޭނޭނެ ކަމުގެ ޔަގީންކަމަށް ބަލައި، ބައެއްފަހަރު ފަރުމަސްވެރިކަމުގައިވެސް ޝާމިލުވެއެވެ.

ލަފާކުރެވޭ ގޮތުގައި ރާއްޖޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2300 މެޓްރިކްޓަނުގެ ހިބަރު ބާނައެވެ.

ހިބަރުގެ މަސްވެރިކަމަށް އާއްމުކޮށް ދެ ބާވަތެއްގެ އާލާތް ބޭނުންކުރެއެވެ. އެއީ ވަދު ނަނު އަދި ބޮއި ނަނެވެ. މި ދެގޮތުގެ ތެރެއިން، ބޭޏުންކުރާނެ އާލާތެއް ކަނޑައަޅަނީ މޫސުމަށް ބަލާފައެވެ. މިގޮތުން ހުޅަނގު މޫސުމުގެ ކުރީކޮޅުގައި ގިނަ މަސްވެރިންނަށް ކަމުދަނީ ބޮއި ނަނަށްވުރެ ބޮޑަށް ވަދު ނަނެވެ.

މަސްވެރިން ގަބޫލުކުރާ ގޮތުގައި، މިއީ މުޅި އަހަރުތެރޭގައިވެސް ހިބަރުގެ މަސްވެރިކަން ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!