މަސްވެރިކަމާއި ގުޅޭ

ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

މަސްވެރި މޫސުން ފެށުނުއިރު މަސްވެރިން ގޮތްހުސްވެފައި: އައިސްވެސް ނުލިބޭ، މަސްވެސް ނުކިރޭ!

މަސްވެރި މޫސުން ފެށި، މި ހަތްފާތެރޭގައި މަސް ދޯނިފަހަރުން ގިނަ އަދަދަކަށް މަސް ބާނަމުން ދާއިރު، ބާނާ މަސްކޮޅު ކިރަން އުނދަގޫވާ ކަމަށާއި އައިސް ލިބުމުގައި ދަތިވާކަމަށް ބުނެ މަސްވެރިން އަޑު އުފުލަން ފަށައިފިއެވެ.

މިއަދު މަސްވެރިން އޮންލައިންއާ ވާހަކަ ދެއްކި ދެތިން މަސްވެރިއެއް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ގއ ދެއްވަދޫ ކެޔޮޅެއް މިނޫހާ ވާހަކަ ދައްކަމުން ބުނީ، ވަރަށް ދިގު މުއްދަތަކަށް މަސް ނުބޭނި އޮތުމަށްފަހު، މިފަހުން މަސްކޮޅެއް ބޭނިގެން ކިރަން މަސައްކަތް ކުރި އިރު ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށެވެ.

"މިހާރު މަސްވެރިންގެ ހާލަކީ، މަސް ނުކިރިގެން، އައިސް ނުލިބިގެން އެކި ދިމަދިމާލަށް އެނބުރެނީ ހަމަ،" ކެޔޮޅު ބުންޏެވެ.

ކެޔޮޅު ބުނީ، އެހެން ދޯނިފަހަރުންވެސް މި ޝަކުވާ ކުރާ ކަމަށާއި ދޯނިތަކަށް އައިސް ނުލިބޭތާނގައި މަސްވެސް ނުކިރޭ ކަމަށެވެ. ގއ ސަރަހައްދުގައި ސަލާމަތުން ހުރި އައިސްޕްލާންޓެއް މަދުކަން ފާހަގަކޮށް ކެޔޮޅު ބުނީ، މި ދަތިތައް ސަރުކާރަށް އިވުމަކީ ދެއްވަދޫ މަސްވެރިންގެ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދެން އައިސް ނުލިބޭ ވާހަކަ ހިއްސާކުރި އެއް ދޯންޏަކީ، މީގެ ދެ ދުވަސް ކުރިން ރިކޯޑު އަދަދަކަށް މަސް ބޭނި، ތ. ވަންދޫ 'އަސްދާނު' ދޯންނެވެ.

'އަސްދާނު' ދޯނިން މަސްވެރިކަމުގެ އާ ރެކޯޑެއް ހެދީ ޒުވާން ލީޑަރޝިޕާއެކު

އަސްދާނު ދޯނީގެ މަސްވެރިއަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ، ކުރީދުވަހު ބޭނި އަދަދަށްވުރެ ގިނައިން މިއަދު މަސް ބޭނުނު ކަމަށާއި ނަމަވެސް އައިސް ލިބުމުގައި އިންތިހާ ދަތިކަން ހުރި ކަމަށެވެ.

"ހިރިލަންދޫގަ މިފްކޯ އައިސްޕްލާންޓް ހަލާކުވެފަ ހުރީ. އަދި ވަންދޫގަ ހުރި އައިސްޕްލާންޓް ވެސް ހުރީ ހަލާކުވެފަ،" ގިނަ އަދަދެއްގެ މަސް މާނައިގެން އޮތް އަސްދާނު ދޯނީގެ މަސްވެރިއަކު ބުންޏެވެ.

އައިސް ލިބުމާއި މަސް ކިރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުން ދާތީ، މަސްވެރިން ތިބީ ގޮސްހުސްވެ މާޔޫސްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިނޫން ދުވަހެއް ދިވެހިރާއްޖޭގެ މަސްވެރިންނަކށް ނުފެންނާނެ...އަހަރެންވެސް މަސްވެރިކަމަށް ޝައުގުވެރިކަން ހުރެ ވަރަށް ގިނަ ދުވަހު މަސްވެރިކަމުގަ އުޅުނު ޒުވާނެއް...ސިނާއަތަށް ކުރިއެރުމެއް ލިބޭނެ ކަމުގެ އުއްމީދު ގެއްލި ތިކަމަށް ފޫހިވެ މިހާރު ހުއްޓާލައިގެން ވަޒީފާ ގަ މިއުޅެނީ.
    އެއްވެސް ސަރުކާރަކުން މަސްވެރިކަމާ ދޭތެރޭ މާބޮޑު އަޅާލުމެއް ނުދިން......

Comments are closed.