މަސްވެރިކަމާއި ގުޅޭ

ސީޝެލްސްގެ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި މަސްތަކެއް
ސީޝެލްސްގެ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި މަސްތަކެއް

ކުދި ރަތް މަހާއި، ކުދި ފާނައިގެ ބާވަތްތައް ބޭނުން ސީޝެލްސްގައި މަނާކުރަނީ

ކުދި ރަތް މަހާއި، ކުދި ފާނައިގެ ބާވަތްތައް ހިމެނޭހެން އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސީޝެލްގައި ބައެއް ބާވަތްތަކުގެ ފަރުމަސް ބޭނުން މަނާ ކުރަން ނިންމައިފިއެވެ.

ސީޝެލްސްގެ ފިޝިންގ އޮތޯރިޓީން އަޅާ މި ފިޔަވަޅުގެ ބޭނުމަކީ މިތަކެތީގެ ސްޓޮކް ދެމެހެއްްޓުމެވެ. ކުދި ރަތްމަހާއި، ކުދި ފާނައިގެ އިތުރުން، ސައިޒުގެގޮތުން ކުދި ރެބިޓް ފިޝް އާއި، ޕެރޮޓް ފިޝް، އެމްޕެރާސް ވެސް ހިމެނެއެވެ. މަނާކުރަން ނިންމާފައިވާ ބާވަތްތަކާއި ގުޅޭ މައުލޫމާތުތައް މިހާރުވަނީ އާއްމުންނަށާއި މަސްވެރިންނަށް ދޭން ފަށާފައެވެ.

މަސް ބޭނުމުގެ މެނޭޖްމަންޓު ޕްލޭންއެއް އެކުލަވާލާފައި މިވަނީ މަސް ހިފޭ މިންވަރު މަދުވަމުންދާ ކަމުގެ މައުލޫމާތުތައް މަސްވެރިންގެ ފަރާތުން ލިބެން ފެށުމާއި ގުޅިގެންނެވެ. އަދި އެއަށްފަހު ހެދި އެސެސްމަންޓުން ހާމަވިގޮތުގައި ގިނަ އަދަދެއްގެ ފަރުމަސްތައް ބެލެހެއްޓުމެއް ނެތި ދަނީ ބާނަމުން ކަމެވެ.

މަނާކުރަން ނިންމާފައިވާ ބާވަތްތަކުގެ މަސްތައް ބާނާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، މި ބާވަތްތަކުގެ މަސްތައް ބާނާ ފަރާތްތައް 1541 ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސީޝެލްސްގެ ކަމާއި ގުޅޭ ވުޒާރާތަކުން ހާމަކުރާގޮތުގައި މަނާކުރަން ނިންމާފައިވާ ބާވަތްތައް މިހާރުވަނީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ޖީލުތަކަށް މި ބާވަތްތައް ފޯރުކޯށްދިނުމަށް މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅަކީ މުޙިއްމު ފިޔަވަޅެއް ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!