މަސްވެރިކަމާއި ގުޅޭ

ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި 2 ވަނަ ކަނދުފަތި. ފޮޓޯ/: ފިޝަރީޒް މިނިސްޓްރީ
ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި 2 ވަނަ ކަނދުފަތި. ފޮޓޯ/: ފިޝަރީޒް މިނިސްޓްރީ

ކަނޑައިގެން ގޮސް، އަލުން ގާއިމު ނުކުރެވި މިހާރު ވަނީ އެންމެ 2 މަސްކަނދުފަތި

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ގާއިމު ކުރުމަށް ފިޝަރީޒް މިނިސްޓްރީއިން ފަށާފައިވާ މަސައްކަތުގެ ފަށުން، މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑައިގެން ގޮސް، އަލުން ގާއިމު ނުކުރެވި ވަނީ މިހާރު އެންމެ ދެ މަސްކަނދުފައްޗެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު އާއްމުކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި 59 މަސް ކަނދުފަތި ގާއިމު ކޮށްފައި ވެއެވެ. އޭގެ ތެރެއިން، ކަނޑައިގެން ގޮސް، އަލުން ގާއިމު ނުކުރެވި މިހާރު ވަނީ ހއ. ދިއްދޫ އަދި ށ. ކޮމަންޑޫ ކަނދުފައްޗެވެ.

ދިއްދޫ ކަނދުފަތި އަޅާފައި ވަނީ 2019 ވަނަ އަހަރު، ކެލާ އުތުރުން 17 މޭލު ބޭރުގައެވެ. ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ބޭރުގައި އަޅާފައިވާ ކޮމަންޑޫ ކަނދުފައްޗަކީ މި އަަހަރު ކުރީކޮޅު ހަރުކުރި ކަނދުފައްޗެކެވެ.

ތުރާކުނުގެ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކޮށްފި

މީގެ އިތުރުން، ރާއްޖޭގައި އޮއިވާލި ވަދުކަނދުފަތީގެ ގޮތުގައި ތިން ކަނދުފައްޗެއް، މިދިޔަ އަހަރާއި މި އަހަރު ހަރުކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ދެ ކަނދުފަތި ވަނީ މިހާރު ކަނޑައިގެން ގޮސްފައެވެ. އެއީ މިދިޔަ އަހަރު އަޅާފައިވާ، މޮޅަދޫ ކަނދުފައްޗާއި، މިއަހަރު މެދުތެރެއިން އެޅި، ކެންދޫ ކަނދުފައްޗެވެ.

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ގާއިމު ކުރުމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި އެޅުމުގެ މަސައްކަތް، މިިދިޔަ މަހު ފަށާނެ ކަމަށް، އޯގަސްޓް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކަނދުފަތި އެޅުމުގެ ތައްޔާރީތައް ވުމުގެ ގޮތުން އެންކަރ ބްލޮކްތަކެއް ހަދައި އެކަމަށް ބޭނުންވާ ސާމާނު ގެނެސް، ޑިޒައިންކޮށް، އެންކަރތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!