މަސްވެރިކަމާއި ގުޅޭ

މަކުނުދޫ ފިނިވާގޭ "ވިންދު" ދޯނި

މަކުނުދޫ ފިނިވާގޭ ތިންވަނަ ދޯނި! ދޯނި ބަންނަނީ ބައްޕަގެ އުފަލަކަށް!

އަންހެން ދަރިއަކާއި ތިން ފިރިހެން ދަރިން ތިބޭ އަބްދުލްވާހިދުގެ ނަންމަތީގައިވާ ތިންވަނަ ދޯނީގެ ފުރަތަމަ ދަތުރާއެކު، "މަސްވެރިން އޮންލައިން"އާ ވާހަކަ ދެއްކި އަބްދުލްވާހިދުގެ ދަރިފުޅު އިނާޒް އަބްދުލްވާހިދު ބުނީ ދޯނި ބަނުމުގެ ފަހަތުގައި ވަނީ އެންމެ ސަބަބައެއް ކަމަށެވެ. އެއީ ބައްޕަގެ ހިތްހަމަ ޖެއްސުމެވެ. ބައްޕަގެ އަބަދުގެވެސް ހުވަފެންތައް ހަގީގަތަކަށް ހެދުމެވެ.

އިނާޒް ކިޔައިދިން ގޮތުގައި އެ އާއިލާގެ ފުރަތަމަ ދޯންޏަކީ، ސަރުކާރުން އޭރު ލޯނުގެ ބަދަލުގައި މަސްވެރިކަން ފަށައިގަންނަން ދިން ދޯނި ކަމަށެވެ. އިނާޒް ވަރަށް ކުޑައިރު ބައްޕަ އެ ދޯނި ހޯދައިގެން ކަޅުބިލަމަހުގެ މަސްވެރިކަމަށް ފަށައިގަތުމަށްފަހު، ބައްޕަގެ ދެވަނަ ދޯނި ހެދުމުގެ މަސައްކަތް ފެށީއެވެ.

“ވިދުވަރު”ގެ ނަމުން ނަން ދެވުނު މި ދޯންޏަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޚާއްޞަކޮށް، އެ އާއިލާއިން ބަނދެފައިވާ ފައިބަރު ދޯންޏެކެވ. 83 ފޫޓުގެ ދިގު އެ ދޯންޏަކީ 23 ފޫޓު ފުޅާ ދޯންޏެކެވެ.

ފިނިވާގޭ އާއިލާގެ ތިންވަނަ ދޯންޏަކީ މިފަހުން ބޭލި، އަބްދުލްވާހިދުގެ "ވިންދު" ދޯންޏަކީ ދިގުމިނުގައި 91 ފޫޓު ހުންނައިރު، ފުޅާމިނުގައި 27 ފޫޓު ހުރެއެވެ.

އިނާޒް ބުނި ގޮތުގައި، މި ދޯންޏަކީ ކަންނެލީގެ މަސްވެރިކަން ކުރުމަށާއި އަދި އާއްމު މަސްވެރިކަންވެސް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ދޯންޏެއް ކަމަށެވެ.
މަކުނުދޫގައި، ފިނިވާގޭ އާއިލާގެ ކުރިމަތީގައި ބަނދެ ނިންމި މި ދޯނި ބަނުމުގެ މަސައްކަތް ކުރީ އެރަށަށް ވަޑިން ގެންގޮސްގެންނެވެ. އިނާޒް ބުނި ގޮތުގައި މަސައްކަތް އެންމެ ގާތުން ބަލަން އޭނާގެ ބައްޕަ އަބްދުލްވާހިދު އަބަދުވެސް ހުރެއެވެ. އަދި ދޯނި ބަނުމަށް އެ އާއިލާގެ އެންމެންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބުނުކަން އޭނާ ފާހަގަ ކުރިއެވެ.

"އެއީ ބަޔަކާ ހަވާލު ކޮށްފިއްޔާ އެމީހުން ވިޔަފާރިއަށް ކުރާނީ. އެކަމު އަޅުގަނޑުމެންގއ ލޯމަތީ، ނިމެންދެން ބައްޕަ ހުންނާނެ ކައިރީގަ މަސައްކަތް ކުރާއިރު،" އިނާޒް ބުންޏެވެ.

ހަތަރު އަހަރުން ބަނދެ ނިންމި "ވިންދު" ބަނުމުގެ މުއްދަތު ދިގުލީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް އިނާޒް ބުންޏެވެ. ކުރީގެ ދޯންޏެކޭ އެއްގޮތަށް މިފަހަރުވެސް ފައިބަރު ދޯންޏެއް ބަނދެފައި ވާއިރު، އާއްމުކޮށް ފައިބަރު ދޯންޏެއް ބަންނަން ނަގާނީ ދެ އަހަރު ކަމަށް އިނާޒް ބުންޏެވެ.

ފިނިޝިންއާއި ހަމައަށް 8 ނުވަތަ 9 މިލިއަން ހަރަދުވެފައި ވާނެ ކަމަށް އިނާޒް ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދޯނި ބަދެފަ އެހެން ރަށްރަށުގެ އަލަށް ދޯނިފަހަރު ދުއްވަން ބޭނުން މީހުންނަށް ދޯނި ދުއްވަން ހަވާލުކުރާނަމަ ވަރަށް ސަޅިކަމެއް

Comments are closed.