އިނގިރޭސިވިލާތުގެ ބީޗަކަށް ލެއްގި ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ މިޔަރުގެ ބޯ ބަޔަކު ގެންގޮސްފިއެވެ.
އިނގިރޭސިވިލާތުގެ ސައުތު ކޯސްޓު ސަރަޙައްދަށް ލެއްގި ސްމޯލްޓޫތު ސޭންޑު ޓައިގާ ޝާކުގެ ބޯ ބަޔަކު ވަގަށް ނަގާފައިވާއިރު އެޤައުމުގެ ސައިންސްވެރިންދަނީ އޭތި އަނބުރާ ހަވާލުކޮށްދިނުމަށް އެދި ގޮވާލާފައެވެ. ސަބަބަކީ މިއީ މަދުން ނޫނީ ނުފެންނަ ބާވަތުގެ މިޔަރަކަށްވާއިރު އެއާ ގުޅޭ އިތުރު ހޯދުންތައް ހޯދުމަށް އޭގެ ހަށިގަނޑު މުހިއްމުވާތީއެވެ.
މިއީ މި ބާވަތުގެ މިޔަރެއް އިނގިރޭސިވިލާތުގެ ބީޗަކަށް ލެއްގި ފުރަތަމަ ފަހަރެވެ. މި މިޔަރު ލެއްގި ކަމުގެ މައުލޫމާތު ލިބުމާއި އެކު އެ ސަރަހައްދަށް ޒޫލޮޖިސްޓުން ދިޔައިރު ބަޔަކުވަނީ އޭގެ ބޯ ބުރިކޮށްލައިގެން ގެންގޮސްފައެވެ. އޭގެ ބޮލުގެ އިތުރުން އުރަހަވެސް ވަނީ ކަނޑައިގެން ބަޔަކު ގެންގޮސްފައެެވެ.
މި މިޔަރުގެ ބައިތައް ހަވާލުކޮށްދިނުމަށް އެދި ސައިންވެރިން ގޮވާލާފައިވާއިރު، އެމީހުން ބުނަމުންދަނީ މިފަދަ މިޔަރެއް ފެންނާނީ ހަޔާތުގައި މަދުފަހަރެއްގައި ކަމަށާއި އެއާ ގުޅޭ ދިރާސާތަކާއި އިތުރު ހޯދުންތައް ހޯދުމަށް ލިބޭ މިއީ ރަނގަޅު ފުރުސަތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.
ބޮޑު މިނުގައި8 ފޫޓު ހުރި މި ބޮޑުމަސް އެންމެ ފުރަތަމަ ލެއްގި އިރު މަރެއް ނުވެއެވެ. އަދި އޭރު ބީޗުގައި އުޅުނު މީހެއްވަނީ އޭތި ސަލާމަތްކޮށްދީ މޫދަށް އަނބުރާ ދޫކޮށްލާފައެވެ.
އެހެންނަމަވެސް އޭތި އަލުން ވަނީ މަރުވެގެން އެ ބީޗަށް ލައްގާފައެވެ. މި ބާވަތުގެ މިޔަރަކީ ރެޑް ލިސްޓު އޮފް ތްރެޓަންޑު ސްޕީސީސްގެ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ބާވަތުގެ މިޔަރެކެވެ.
މި ބާވަތުގެ މިޔަރުތައް އާއްމުކޮށް އުޅެނީ ކަނޑުގެ ވަރަށް އަޑީގައެވެ. އަދި މިއީ އިންސާނުންނަށް ހަމަލާދޭ ކަހަލަ ބާވަތުގެ މިޔަރެއްވެސް ނޫނެވެ. މި ބާވަތުގެ މިޔަރު އިނގިރޭސިވިލާތުގެ ކަނޑުތަކުން ފެނިފައިވާކަމަށް މީގެކުރިން ރެކޯޑު ކުރެވިފައެއް ނުވެއެވެ.
މުޅި ދުނިޔޭގައިވެސް ހިމާޔަތްކޮށްފައިވާ މިޔަރުގެ ބާވަތެއްކަމުގައިވާ ސްމޯލްޓޫތު ސޭންޑު ޓައިގާ އާއްމުކޮށް12 ފޫޓަށް ދިގުވެއެވެ. އަދި ބަރުދަނުގައި289 ކިލޯހުރެއެވެ.
އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރގެ ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އުޅެނީ މި ބާވަތުގެ ފުރާ ފުރިހަމަވެފައިވާ250 އަށްވުރެ މަދު މިޔަރެވެ.