މަސްވެރިކަމާއި ގުޅޭ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރުވަނީ

ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ޢާންމުކޮށް އިޢުލާން ކުރުމުން އެކަމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މަސައްކަތް ފެށުމަށްޓަކައި ދިވެހިރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުޢިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ޢާންމުކޮށް އިޢުލާންކޮށްފިކަމަށެވެ.

ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް މިސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މިގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެކަމަށް ސަރުކާރުންދެކެއެވެ.

އިނގިރޭސިވިލާތުގެ ނިންމުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާޙިދުވަނީ އެކަމަށް މަރުޙަބާކިޔާފައެވެ. އަދި މިއީ، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20% ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ 4 އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.

އިނގިރޭސިވިލާތުގެ އިތުރުން އީޔޫގެ ޤައުމުތަކަށް ވެސް ރާއްޖެއިން އެކްސްޕޯޓުކުރާ މަހަށް ދަނީ  ބޮޑު ޑިއުޓީއެއްނަގަމުންނެވެ. ޑިއުޓީކުޑަކުރުމަށްޓަކައި މަސައްކަތްކުރާތާ އެތައްް އަހަރެއްވަނީވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އިންތިހާބު ކައިރިވީމަ މަސވެރިންނަށް ތިކަހަލަ ދަޅަ ނުދައްކާ.ރިޔާސީބަން ގަބުނި މަސްގަންނަ އަގުވެސް ބޮޑުކުރާނަމައޭ.މިހާރު އަހަރު ދެބާވީ.

Comments are closed.