މަސްވެރިކަމާއި ގުޅޭ

Russia suspends fish, seafood imports from Japan over Fukushima water release

ޖަޕާނުން ކަނޑުމަހާއި ސީފުޑްގެ ބާވަތްތައް އެތެރެކުރުން ރަޝިއާއިން ހުއްޓާލައިފި

ޖަޕާނުން ކަނޑުމަހާއި ސީފުޑްގެ ބާވަތްތައް އެތެރެކުރުން ރަޝިއާއިން ހުއްޓާލައިފިއެވެ.

ޖަޕާނުން އެކްސްޕޯޓްކުރާ ކަނޑުމަހާއި ސީފުޑްގެ ބާވަތްތައް އެތެރެކުރުން ރަޝިއާއިން ހުއްޓާލާފައިމިވަނީ މީގެ 10 ވަރަކަށް އަހަރުކުރިން ގޮވި ފުކްޝިމާ ނިއުކްލިއަރ ޕްލާންޓުން ބޭރުވި ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރަން ޖަޕާނުން ނިންމުމާއި ގުޅިގެނެވެ.

ޖަޕާނުން މިގޮތަށް ނިންމާފައިވަނީ މިދިޔަ އޮގަސްޓުމަހުގެތެރޭގައެވެ. އަދި މިކަމާއި ގުޅުގެން މިހާރު ޗައިނާއިންވަނީ ޖަޕާނުން ސީފުޑްއާއި ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން ހުއްޓާލާފައެވެ.

ރަޝިއާއިން ބުނީ ކަނޑުމަހާއި ސީފުޑްގެ ބާވަތްތަކަށް ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުން ބޭރުކުރާ ފެނުން އެއްވެސް އަސަރެއް ކުރޭތޯ ބެލުމަށް ތަޙްލީލުތައް ކުރިއަށް ގެންްދާނެ ކަމަށެވެ.

އަދި ޖަޕާނުން ސީފުޑާއި ކަނޑުމަހުގެ އުފެއްދުންތައް ހުއްޓާލި ނަމަވެސް އެކަމުގެ ސަބަބުން ރަޝިއާ ބާޒާރުގައި މި ބާވަތްތަކުގެ ސްޓޮކަށް އަސަރެއް ނުކުރާނެކަމަށް ރަޝިއާއިން ހާމަކުރެއެވެ. ސަބަބަކީ ޖަޕާނުން އެޤައުމަށް މި ބާވަތްތައް އެތެރެކުރާ މިންވަރު މަދުވުމެވެ.

މިދިޔަ އަހަރުތެރޭ ޖަޕާނުން ރަޝިއާއަށް އެތެރެކޮށްފައިވަނީ 192 ޓަނުގެ ކަނޑުމަހާއި ސީފުޑްގެ ބާވަތްތަކެވެ. މިއީ ރަޝިއާއަށް އެތެރެކޮށްފައިވާ ޖުމްލަ ސީފުޑްގެ ބާވަތްތަކުގެ 0.04 އިންސައްތައެވެ.

2011 ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޭޑިއޯ އެކްޓިވް ބޭރުވާން މެދުވެރިވީ، ރެކްޓަރ މިންގަނޑުން 9.0 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމަކާއި އަދި ބިން ހެލުމާއި ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެނެވެ.

10 ވަރަކަށް އަހަރަށްފަހު އެ ޕްލާންޓުގައި ހުރި 1 މިލިއަން ޓަނުގެ ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރަން ޖަޕާނުން މިހާރު ފަށާފައިވާއިރު، ބައެއް ޤައުމުތަކުން ވަނީ ޖަޕާނުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައެވެ.

ޖަޕާނުން ސީފުޑް އިމްޕޯޓްކުރުން އަވަށްޓެރި ބައެއް ޤައުމުތަކުން މަނާކުރުމުން ޖަޕާނުގެ އޮފިޝަލުން ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ އެއްވެސް ސައިންޓިފިކް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ. އަދި ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރިނަމަވެސް، ކަނޑުގެ ޕޮލިއުޝަން މިންވަރު ހުންނާނީ ރައްކާތެރިކަމަށް ކަނޑައަޅާ މިންވަރުގައިކަމަށާއި މިއީ އެހެން ޤައުމުތަކުންވެސް މިފަދަ ރޭޑިއޯ އެކްޓިވް ފެނާއިމެދު އަމަލުކުރާ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ރޭޑިއޯ އެކްޓިވް ފެން ކަނޑަށް ދޫކުރަމުންދާނީ މޮނިޓަރކުރަމުންކަމަށެވެ. އަދި އާދަޔާ ހިލާފަށް ރޭޑިއޯ އެކްޓިވް މާއްދާތައް ގިނަވާކަމުގައިވާނަމަ އެ މަސައްކަތް ހުއްޓާލާނެކަމަށްވެސް ޖަޕާނުގެ ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއެވެ.

2011 ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގައި 18 ހާހެއްހާ މީހުން މަރުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!