މަސްވެރިކަމާއި ގުޅޭ

ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް

ކުރީ ސަރުކާރުން މަސްވެރިކަން ކުރިއަރުވަން ފެށި 90 ޕަސަންޓު މަޝްރޫއު ހުރީ ހުއްޓިފައި: މިނިސްޓަރު

މަސްވެރި ސިނާއަތުގެ ކުރިއެރުމަށް މިދިޔަ ސަރުކާރުން ފެށި 90 ޕަސަންޓު މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، މަސްވެރިންގެ އޮތީ މައިގަނޑު ތިން ކަންބޮޑުވުމެއް ކަމަށެވެ. އެއީ ބާނާ މަހަށް ފައިސާ ލިބުން ލަސްވުމާއި އައިސް ލިބުނުގެ ތާށިކަމާއި ސްޓޯރޭޖު ނެތުމުން މަސް ކިރުވުމަށް ކިއޫގައި ގިނަ އިރު ހޭދަކުރަން ޖެހުމެވެ.

ޝިޔާމް ވިދާޅުވީ، އެކަންކަން ހައްލުކުރަން ކުރީ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން މަހަށް ފުރާ ދޯނީގެ އަދަދުވެސް މަދުވެފައިވާ ކަމަށެވެ.

"މިދިޔަ ސަރުކާރުން މަސްވެރިކަމުގެ ތަރައްގީއަށް ފެށި 90 ޕަސަންޓް އެހުރީ މަސައްކަތް ހުއްޓިފައި ވަކިން ހާއްސަކޮށް ސްޓޯރޭޖުގެ ޕްރޮޖެކްޓާއި އައިސް ލިބުމުގެ ޕްރޮޖެކްޓް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުވުމަށް ވެފައިވާ ބައެއް އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށެވެ. އަދި އެކަމަށް ދައުލަތުން ކޮންމެވެސް ވަރެއްގެ ބަދަލެއް ދޭން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަން ކުރަނީ "ފިނިހަކަ" ދުވެލިން ބާރު ސްޕީޑުގައި އެ މަސައްކަތްތައް ކުރިއަށް ގެންދަން މަސްވެރިންގެ ހުރި ހުރިހާ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ކަމަށާއި އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ހެދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!