މަސްވެރިކަމާއި ގުޅޭ

ޖަޒީރާ 103 އަށް މަސްކިރަން ފެށުން
ޖަޒީރާ 103 އަށް މަސްކިރަން ފެށުން

މަސް ބޭރުކުރުމަށް މިފްކޯއިން، 3000 މެޓްރިކް ޓަނުގެ ބޯޓެއް ގެންނަނީ

މަސްވެރިކަން ތިޔާގި މޫސުމާއި ދިމާކޮށް މިމަހުގެތެރޭ ރާއްޖެއިން ބޭރުގެ ބޮޑު މަސް ބޯޓެއް ގެނައުމަށް މިފްކޯއިން ނިންމައިފިއެވެ.
މިފްކޯއަށް ގެނައުމަށް މަސައްކަތްކުރަނީ 3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެކެވެ.
މިއީ މަސްވެރިކަމުގެ ސީޒަންކަމުން އިތުރު ބޯޓެއް ގެނައުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. ރާއްޖޭގެ މަސްވެރިން މިދުވަސްވަރު ބާނާ މަސް ކެޕޭސިޓީ ނެތުމުން ނުކިރިގެން އުކާލަން ދިމާވާ މައްސަލަ މިއާއެކު ޙައްލުވާނެކަމަށް މިފްކޯއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ ވިދާޅުވީ، ބޭރުގެ މާކެޓްތަކަށް ދިވެހި މަސް ވިއްކުމަށް މަސައްކަތްކުރަމުންދާއިރު ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި މަސް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. މިއާއެކު ބޭރަށް ފޮނުވާ މަސް ރިޖެކްޓްވުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް މުޢާޒް ވިދާޅުވިއެވެ.

"މިއާއެކު ކުންފުންޏަށް ކްލެއިމް އެބަކުރެވޭ އިންޝުއަރެންސް. އެހެންކަމުން ރިޖެކްޓްވެގެން މިފްކޯއަށްވާ ގެއްލުން ހުއްޓުވޭނެ." މުޢާޒް ވިދާޅުވިއެވެ.
މި މަހު އަންނަ މަސްކިރާ ބޮޑު ބޯޓު ބަނދަރުކުރާނީ ކޫއްޑޫގައެވެ. އަދި މި ބޯޓަށް މަސްކިރަނީ ޔޫރަޕްގެ މާކެޓަކަށް ގެންދިޔުމަށްކަމާއި މަސްގަންނަ ކުންފުނިތަކުން މަސް ޓެސްޓުކުރާނީ ކޫއްޑޫ ބަނދަރުގައިކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު މާކެޓުތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. ނުއަގުގައި ރާއްޖޭގެ މަސް ބޭރުގެ މާކެޓުތަކުގައި ވިއްކާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ.

މިކަމަށް ޙައްލު ގެނެސް ރާއްޖޭގައި ބާނާ މަހުގެ ކޮލިޓީ ހިފަހައްޓާ ބޭރުގެ އަގު ބޮޑެތި މާކެޓުތަކަށް ވިއްކުމަށްޓަކައި ސަރުކާރުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަދަ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ބުނެއެވެ.
މުޢާޒް ވިދާޅުވީ ރާއްޖޭގައި ބާނާ މަހަކީ ޙަޤީގަތުގައި މުޅި ދުނިޔޭގައި އެއްވަނަ ކަމަށެވެ. މަހުގެ ކޮލިޓީއާއި މަސް ބާނާ ގޮތަށް ބަލާއިރުވެސް ދެމެހެއްޓެނިވި ގޮތުގައި މަސް ބާނާކަން މުޢާޒް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!