މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑް ކުރި މުއްދަތު އިތުރު ކޮށްފިއެވެ.
ކޯޕަރޭޓް ގަވަނެންސް އާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައި ވާތީ ޝަމާހު، މަގާމުގެ ޒިންމާތަކުން ވަގުތީގޮތުން އެކަހެރި ކޮށްފައި ވަނީ މި މަހުގެ18 ވަނަ ދުވަހުއެވެ.
ޕީސީބީއިން މިއަދު ޝަމާހުއަށް ފޮނުވި ސިޓީއެއްގައި ބުނީ، އޭނާ ސަސްޕެންޑް ކުރި މުއްދަތި މިއަދުގެ ނިޔަލަށް ހަމަވެފައި ވާތީ، އަންނަ މަހުގެ21 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ސަސްޕެންޝަން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
ސަސްޕެންޝަން އިތުރު ކުރަނީ މުސާރައާއި އިނާޔަތްތައް ހިނގާ ގޮތަށެވެ.
އެ މައްސަލައިގައި ޝަމާހު ވަނީ މި މަހުގެ25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށް ހާޒިރު ކޮށްފައެވެ. ޝަމާހު އާއެކު އެދުވަހު މަޖިލީހަށް ހާޒިރުވީ މިފްކޯގެ ޖެނެރަލް މެނޭޖަރ އޮފް ޕްރޮޖެކްޓްސް އެމްޑް ޓެކްނިކަލް، އެކްޓިންގް ބިއުރޯ ހެޑް މުއާޒް އަލީ އާއި ޑެޕިއުޓީ މެނޭޖަރ ސީއެސްއާރް، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ، ރިޕްރެޒެންޓިންގް ސީއީއޯ ބިއުރޯ ސެކްރެޓޭރިއެޓް އިބްރާހިމް ސައީދުއެވެ.