މަސްވެރިކަމާއި ގުޅޭ

breaking

ދިވެހި މަސްވެރިކަމަށް ޚާއްޞަކޮށްގެން އޮންލައިން ނޫހެއް އިފްތިތާހްކޮށްފި

ދިވެހި މަސްވެރިކަމަށް ޚާއްޞަކޮށްގެން އޮންލައިން ނޫހެއް އިފްތިތާހް ކޮށްފިއެވެ. މިއީ ދިވެހި މަސްވެރިކަން ކުރިއަރުވައި މަސްވެރިންގެ ޙައްޤުގައި އަޑު އުފުލުމަށްޓަކައި ދިވެހި މަސްވެރިންގެ މީޑިއާއިން އިފްތިތާހުކުރި ވެބްސައިޓެކެވެ.

މަސްވެރިން ޑޮޓް އެމްވީގެ ނަމުގައި އިފްތިތާޙުކުރި މި ވެބްސައިޓުގައި ދިވެހި މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޚަބަރާއި އެކި މަޢުލޫމާތުތައް ކޮންމެ ދުވަހަކުވެސް ހިމަނަމުންދާނެއެވެ. އަދި މަސްވެރިކަމާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާ ބެހޭ މުހިންމު މަޢުލޫމާތާއި މަސްވެރިކަމާ ގުޅުންހުރި ބައެއް ތަފާސް ހިސާބުވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި މަސްވެރިކަމަށް ހިތްވަރުދިނުމާއި މި ސިނާއަތުގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ފެތުރުމަކީވެސް މި ވެބްސައިޓް ތައާރަފް ކުރުމުގެ މަޤުޞަދެކެވެ.

މި ވެބްސައިޓު މެދުވެރިކޮށް ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިންގެ އަޑު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، "މަސްވެރިންގެ އަޑު" ގެނެސްދިނުމަށް ޚާއްޞަ ބައެއް ހިމަނާފައިވާނެއެވެ. މީގެއިތުރުން މަސްގަންނަ ބަނދަރުތަކާއި، މަހުގެ އަގަށް އަންނަމުންދާ ބަދަލުތައްވެސް މި ވެބްސައިޓް މެދުވެރިކޮށް އެނގެން ހުންނާނެއެވެ. މީގެއިތުރުން މަސްވެރިކަމަށް އަންނަ ބަދަލުތަކާއި މޫސުން ފަދަ މަސްވެރިންނަށް މުހިންމު މަޢުލޫމާތުތައް ވެސް ތާޒާކަމާއެކު ގެނެސްދެމުންދާނެއެވެ.

ފަސޭހައިން ޚަބަރާއި މަޢުލޫމާތު ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓުގައި ދިވެހި މަސްވެރި އޮޑިފަހަރުގެ މަޢުލޫމާތާއި އާންމުކޮށް ރާއްޖޭގެ ކަނޑުތަކުން ފެންނަ މަސްމަހާމެހީގެ މަޢުލޫމާތުވެސް ހިމަނަމުންދާނެއެވެ. މިއީ ސްކޫލް ދަރިވަރުންނާއި މަސްވެރިކަމާ ގުޅުންހުރި މަޢުލޫމާތު ހޯދާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއްވެސް ލިބޭނެހެން ފަރުމާ ކޮށްފައިވާ ވެބްސައިޓެކެވެ.

ކުރިއަށް އޮތް ހަފްތާގެތެރޭގައި މަސްވެރިން.އެމްވީގެ އިނގިރޭސި ނޫސްވެސް ލޯންޗް ކުރެވޭނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ކުރަން ޖެހިފައިވާ ވަރައް މުހިންމު ކަމެއް

Comments are closed.