މަސްވެރިކަމާއި ގުޅޭ

fishing

މިފްކޯއިން މަހުގެ އަގުވެސް ދަށްކޮށްފި، ދެން ދަރަނި ބިލެއް ދެވިގެންނުވާނެ!

ފާއިތުވި 7 އަހަރު މިފްކޯއިން މަސްގަންނަމުން އައި އަގު މިއަދު މިވަނީ ބަދަލުކޮށްފައެވެ. މިއަދުން ފެށިގެން ބޭރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން، މިފްކޯއިން ދުވަހުން ދުވަހަށް، ހަފްތާއިން ހަފްތާއަށް ނުވަތަ މަހުން މަހަށް އަގަށް ބަދަލު ގެންނާނެއެވެ. މަހުގެ އަގު އެއްވަރެގައި ނުހިފަހައްޓާ ބާޒާރުގެ އަގަށް "ފްލޯޓް" ކޮށްލަނީއެވެ. ބޭރުގެ ބާޒާރުގައި އަގު ދަށްކަމަށްވަނީނަމަ، މިފްކޯއިން އަގު ދަށްކުރާނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ އަގު އުފުލޭނަމަ، މިފްކޯއިން މަހުގެ އަގު މަތިކުރާނެއެވެ.

މިހާރުގެ އަގު ކަމުގައިވާ 18 ރުފިޔާއަށް ގަންނަ މަސްކިލޯ، 20 ރުފިޔާއަށް ނުވަތަ 22 ރުފިޔާއަށް ނުވަތަ އެއަށްވުރެ މަތީ އަގަކަށް ގަންނާނެއެވެ. މިއީ މިނިވަން ވިޔަފާރި ބާޒާރެއްގައި ކަންހިނގާ މަގެވެ. ގަންނަ މީހުންނާއި ވިއްކާ މިހުން އެއްބަސްވާ އަގަކަށް މުދާ ބަދަލުކުރުމަކީ އޮންނަ އުސޫލެވެ.

އެހެންނަމަވެސް ދިވެހި މަސްވެރިންގެ ތެރެއިން ބައެއް މަސްވެރިން މިއަދު ތިބީ މިފްކޯއިން އަގަށް ގެނައި ބަދަލާއިމެދު ހިތްހަމަ ނުޖެހިފައެވެ. ބައެއް މަސްވެރިން ފާހަނގަކުރާ ގޮތުގައި ދަށްކުރި އަގު މަތިވާނެ ގޮތެއް ނޯންނާނެއެވެ. ކިތައްމެ ވަރަކަށް ބޭރުގެ ބާޒާރުތަކުގައި ކަޅުބިލަމަހުގެ އަގު އުފުލުނު ކަމުގައިވިޔަސް، އެ އަގު މަސްވެރިންނަށް ނުލިބޭނެތީއެވެ.

"ރަގަޅު އަގުދޭނަމޭ ކިޔާފަ އަގު ދަށްކޮށްލީ. ދެން ލާހިކެއްނޫން އެ އަގު މަތި ކުރާކަށް. މިހާރުވެސް ބޭރުގެ ބާޒާރަށް އަގު ބޮޑުކޮށް މަސް ވިއްކޭނެ. އެކަމަކު ހަމަ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެ އަގުތިރިކޮށްލީ. އަހަރުމެން މިތިބީ ބަލަން ވާގޮތެއް" އައްޑޫސިޓީ ހިތަދޫ މަސްވެރިޔަކު ފާޅުކުރި ހިޔާލެއްގައި ވެއެވެ.

ބޭރުގެ ބާޒާރުތަކުގައި މަހުގެ އަގު އުފުލޭ ކަމަށްވަނީނަމަ، މަސްވެރިންނަށް ބޮޑު އަގުލިބޭނެކަމަށް ހުރިހާ މަސްވެރިންވެސް އުއްމީދުކުރާނެއެވެ. އަދި ބޭރުގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލަށް މަސްވެރިން މިހާރަށްވުރެ ބޮޑަށް ފާރަލާ ދިރާސާކުރާނެއެވެ.

މަހުގެ އަގު ދަށްކުރުމުން އެކަމަށް އިހްތިޖާޖްކޮށް އަޑުއުފުލަން ބޭނުންވާ މަސްވެރިންވެސް އެބަތިއްބެއެވެ. އަދި މަސްވެރިންގެ ޝުޢޫރު މީސްމީޑިއާ މެދުވެރުކޮށް ހިއްސާކުރަމުން އެބަދެއެވެ. އުތުރުގައި މަސްވެރިކަން ކުރަމުން އަންނަ މަސްވެރިއަކު މަސްވެރިން އެމްވީއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މަހުގެ އަގު ދަށްކޮށް މަސްގަތުމަކީ މި ސަރުކާރުން މަސްވެރިނަށް ދޭންބުނި "ހަމައަގު" ނޫންކަމަށާއި މިފްކޯއިން ގެނައި ބަދަލަކީ މަސްވެރިންނަށް ދިން ބޮޑު ގެއްލުމެއް ކަމަށެވެ.

"މިިފްކޯއިން ގެނައި ބަދަލު ރަގަޅެއްނޫން. މިއީ މިސަރުކާރުން ދޭން ވައުދުވި ހަމައަގެއްނޫން. އިހްތިޖާޖު ކުރަންވީ. އަޑު އުފުލަންވީ. މިއީ މަސްވެރިންނަށް ހައްގުވާ އަގެއްނޫން". ނައިފަރުގެ މަސްވެރިޔަކު ބުންޏެވެ.

ޒަމާނުއްސުރެ މަސްވެރިން ކުރަމުން އަންނަ ޝަކުވާތަކަށް އެދެވޭ ހައްލެއް ގެނެވިފައި ނުވާކަން މަސްވެރިން ފާހަގަ ކުރެއެވެ. މި ފަހަކަށްއައިސް މަސްވެރިން ބާނާ މަހަށް ފައިސާ ލިބުންވަނީ ދަތިވެފައެވެ. އެންމެފަހުންވެސް މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މަސްކިރުވިތާ 5 ހަފްތާ ފަހުންނެވެ. މިއީ ދިރިއުޅުމުގެ އެންމެހާ މުހުތާދުތައް ފުއްދުމަށް މަސްވެރިކަމަށް ބަރޯސާވާ މަސްވެރިންނަށް ވަރަށް ހިތްދަތިކަން ގެނުވާ ކަމެކެވެ. އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ނުކުރުރެވި، ނިކަމެތި ހާލުގައި ކެޔޮޅު އަތުން ނުވަތަ އޮޑިވެރިއާ އަތުން ލާރިކޮޅެއް ހޯދަން އަބަދު އާދޭސް ކުރުމަކީ ފަސޭހަކެމެއް ނޫނެވެ. ކަންމަތީ ފިހާރައިން ދަރަންޏަށް މުދާ ނެގުމަކީ އުނދަގޫ ކަމެއްނަމަވެސް، މަސްދުވަސް ވެގެންދާއިރު މިފްކޯއިން މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބުމުން ލިބޭ ތަކްލީފް އިންތިހާއަށް ބޮޑެވެ.

"ފައިސާ ނުލިިބި ގިނަ ދުވަސްވުމުން، އަތްމަތި ވަރަށް ދަތި. ގެއަށް ބޭނުންވާ ސާމާނު ހޯދަން މިޖެހެނީ ކަންމަތީ ފިހާރައިން ދަރަންޏަށް. ލާރި ބަހާފައި ލިބޭ ފައިސާކޮޅުން އަބަދުވެސް މިޖެހެނީ ދަރަނި ދައްކަން. މަސްވެރިކަން އެހާ ރަގަޅު ނޫންވީމާ، ލިބޭ އާމްދަނީވެސް ދަށް" މަސްވެރިން އެމްވީ އަށް ހުވަދޫ އަތޮޅު އުތުރުބުރީ ވިލިނގިލީ މަސްވެރިއަކު ކިޔައިދިނެވެ.

މިފްކޯއިން އަގަށް ގެނައި ބަދަލާއިއެކު މަސްވެރިންނަށް ދަރަނި ބިލު ދިނުން ހުއްޓުމަކަށް ގެންނާނެކަމަށް މަސްވެރިން އުއްމީދުކުރާނެއެވެ. މަސްވެރިން އެމްވީއަށް މައުލޫމާތު ދެއްވަމުން، މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، މަހުގެ އަގަށް ގެނައި ބަދަލާއިއެކު މަސައްކަތް ކުރަމުން ދަނީ މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

"މަހުގެ އަގު ފްލޯޓް މި ކުރަނީ. އެއާއެކު މި ބަލަނީ މަސްވެރިންނަށް ވަގުތުން ފައިސާ ދިނުމުގެ ކަންކަން ހަމަޖެއްސުމަށް". މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއަށް މަސްކިރުވާ މަސްވެރިން، ދަރަންޏަށް މަސްކިރުވަމުން އަންނަތާ ވަރަށް ދުވަސް ވެއްޖެއެވެ. ދަރަނި ބިލްތަކަށް ފައިސާ ނުލިބިގެން އެތަށް އުދަގުލަކާ މަސްވެރިންދަނީ ކުރިމަތިލަމުންނެވެ. މަހުން މަހަށްކުރަންޖެހޭ ޚަރަދުތައް ބަރާބަރަށް ކުރަންޖެހެއެވެ. އެކިއެކި ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުން މަޑުޖައްސާލެވޭކަށް ނޯވެއެވެ. އާއިލާގެ ޚަރަދުބަރަދު ބަލަހައްޓަން، ޒަރޫރީ ބޭނުންތަކަށް ފައިސާ ބޭނުންވެއެވެ. އޮޑިވެރިންގެ ދޯނީގެ ލޯނަށް ނުވަތަ އިންޖީނުގެ ލޯނަށް މަހުންމަހަށް ދައްކަންޖެހޭ އަދަދުތައް ބަރާބަރަށް ދައްކަންޖެހެއެވެ. ދޯންޏަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތަށް ކުރަންޖެހެއެވެ. އެހެންކަމުން މަސްގަންނަ އަގު ދަށްކުރުމުން، މަސްވެރިން ކިރުވާ މަހަށް ދަރަނި ބިލު ދިނުން ހުއްޓުމަކަށް އަންނަންޖެހޭނެކަމަށް މަސްވެރިންދަނީ ބުނަމުންނެވެ. މަހުގެ އަގަށް ގެނައި ބަދަލަކީ މިފްކޯއިން މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނެ ބަދަލެއްކަމުގައި މަސްވެރިންދަނީ ބުނަމުންނެވެ. މަސްކިރުވީމައި ވަގުތުން ބިލަށް ފައިސާ ދިނުމަށް މަސްވެރިންދަނީ ބުނަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މި ސަރުކާރު ފެށުނީއްސުރެ ދަރަނި ބިލް, އޭރު ބުނީ ޖީބަށް ޑޮލަރު ވަންނާނޭ، އައިސް މި ކުރި ކަމަކީ ލިބޭ ދިވެހި ރުފިޔާ ކޮޅުވެސް މަދުކޮށްލީ!

    1. mibai meehunnah vote dhin masverinnah thahunita aai mubaarikbaadhu! hama agu libunee adhi kiriyaaennu.

Comments are closed.