މަސްވެރިކަމާއި ގުޅޭ

މަސްދޯންޏެއްގެ މަސްވަތް - ފޮޓޯ: މަސްވެރިން އެމްވީ

ތާރީޚުގެ ތެރެއިން "މަސް ނުކިރުވިގެން މަސްތައް ކަނޑަށް އުކި ދުވަސް"

ގއ. ކޫއްޑޫ ގެ ތާރީހުގައި  މަސްނުކިރިގެން އެންމެ ގިނައިން މަސްތައް ކަނޑަށް އަޅާލީ 2006 ވަނަ އަހަރުގައެވެ. އެއީ ފައިބަރު ދޯނިފަހަރު ރާއްޖެއަށް ތައާރަފްވިތާ ކައިރިއެވެ. މަސް ދޯނިފަހަރުގެ ސައިޒް ބޮޑުވަމުން އައި ދުވަސްވަރެވެ. އޭރު ފައިބަރު ދޯނިތައް ވަރަށް މަދެވެ. ލަކުޑި ދޯނިތަކުގައި މަސްފިނިކުރެވޭނެ ގޮތެއް ނޯވެއެވެ. އަދި މަސްބާނައިގެން އެންމެ ލަސްވެގެން 5 ގަޑިއުރު ނޫނީ 6 ގަޑިއިރުތެރޭ ކޫއްޑޫއަށް ނުވަތަ މަސްކިރާ ބޯޓަކަށް ދިއުމަށް މަސްވެރިން ވަރަށް އިސްކަންދިނެެވެ.

2006 ވަނަ އަހަރުގައި މަސްވެރިކަން ވަރަށް ރަގަޅުވެ ދޯނިތަކުން މަސްބާނަމުންދިޔަ އަދަދުތައް ދިޔައީ އިތުރުވަމުންނެވެ. އެއިރު ކޫއްޑޫ ޖެޓީއާއި އަދި ބޯޓުފަހަރުތަކުން ގަންނަ މަސްތައް ދުވަހުން ދުވަހަށް ރައްކާކޮށް އޭގެ އަނެއްދުވަހު މަސްގަތުން ކުރިއަށް ގެންދެވެނީ ހަމަކިރިޔާއެވެ.

މަސްދޯނި ފަހަރުން ކޫއްޑު ފުރާލި ދުވަހަކީ އާދަޔާ ޚިލާފަށް ކަނޑުން މަސްތިލަވި ދުވަހެކެވެ. ހުވަދޫ ކަނޑުގެ ވަކި ސަރަހައްދެއް ތަފާތެއް ނޫނެވެ. މަސްވެރިން އާންމުކޮށް ބުނާ ބަހުންނަމަ އެ ދުވަހަކީ އެމާއި، މަހާއި އެއްކޮށް ދިމާވި ދުވަހެވެ. އާދަޔާ ޚިލާފަށް އެން ލިބުނެވެ. ކޮންމެ ދިމާލަކުން ކަނޑަށް ނިކުތަސް މަސް ދިމާވިއެވެ. ހުވަދު އަތޮޅުގެ އިރުމައްޗަށް ނުކުތް ދޯނިފަހަރުން ކަނޑަށް ނުކުމެ ފުރަތަމަވެސް ހިފީ ކުރުދޮށީގައެވެ. އަދި ހުޅަނގުބިތަށް ނުކުތް މަސްވެރިންވެސް މަސްބޭނީ އާދަޔާ ޚިލާފަށެވެ.

މެންދުރު ނުވަނީސް ދޯނިފަހަރު ކޫއްޑުއަށް މަސް ކިރަން އަންނަން ފެށިއެވެ. ގިނަ ދޯނިފަހަރަށް ކޫއްޑޫއަށް އާދެވުނީ މެންދުރު ފަހުންނެވެ. ނަސީބު ރަގަޅު ދޯނިތަކުން ވަރަށް ހެދުނާ މަސްބާނާއިގެން އައިސް މަސްކޮޅު ކިރާލަން ވަގުތު ލިބުނެވެ. އޭގެ ފަތަހަތުން ދޯނިތައް އައިސް ކޫއްޑޫ ފަޅުތެތެރޭގައި ކިއުގައިޖެހި ފަޅުތެރެ ފުރާލިއެވެ. ފަޅުތެރެއިން ޖާގަ ނުލިބުނު ދޯނި ފަހަރު ނަންނޯޓު ކުރަމުން ކޫއްޑޫއާ ދިމާ ބޭރު ކަނޑުގައި ކިއު ހަދައިގެން ތިބީއެވެ. ކިއުތަރުތީބުން މަސްކިރަމުން ދިޔަވަރަކަށް މަސްދޯނިތަކުން ދިޔައީ ޕަންޕްތައް ބޭނުންކޮއްގެން މަސްވަތަށް ފެންޖަހާ މަސްތައް ތާޒާކަންމަތީ ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

ކިއު ތަރުތީބުން މަސް ނަގަމުން ގޮސް އިރުއޮއްސެން ކައިރިވިއިރުވެސް ކޫއްޑު ފަޅުތެރެއިން ދޯނި ފަހަރުތައް މަދެއް ނުވެއެވެ. އެވްރެޖްކޮށް އެންމެ މަދުން ބޭނި ދޯނިތައްވެސް 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސްބާނާފައި ހުއްޓެވެ. ބޮޑެތި އަދަދުތަކުން މަސްބޭނި ދޯނިތައް 20-25 ޓަނު މަސްބާނާފައި ހުއްޓެވެ. ގިނައިރުވެގެން ދިއަވަރަކަށް މަސްތައް ހަލާކުވާނެތީ މަސްވެރިންދިޔައީ މަސްކިރޭނެ ވަގުތަކަށް އިންތިޒާރުކުރަމުންނެވެ.

އިރުއޮއްސުނުއިރު މަސްތައް ގިނައިރުވެ، ހަލާކުވާން ފެށިއެވެ. ކޫއްޑޫ ފަޅުން ބޭރުގައި ތިބި ދޯނިތަކުގެ ތެރެއިން ގިނަ ދޯނިތައް އެއިރު މަސްތައް ހިފައިގެން ރަށަށް ދިއުމަށް ދުއްވާލައިފިއެވެ. ކޫއްޑޫގައި ކިއުގައި ތިބި މަސްވެރިން މަސްކިރޭނެ ކަމުގެ އުއްމީދުގައި ތިއްބާ މަސްކިރުން ލަސްވެ، ދޯނިތަކުގައި ހުރި މަސްތަކުގެ ކޮލިޓީދަށްވެ، މަސްތައް ހަލާކުވާން ފެށުމުން، ކޫއްޑޫއިން މަސްގަތުން ހުއްޓާލިއެވެ. އެއާއެކު މަސްވެރިންގެ ލޭ ކެކިގެން ދިޔައެވެ. މަސްވެރިން ފެއްޓީ މުޒާހަރާކުރާށެވެ. މަސްތައް ޖެޓީމަށްޗަށް އުކާ އަޑުގަދަކޮށް ހެދިއެވެ.

ޖެހިގެންއައި ދުވަހުވެސް ކިއުގައި މަޑުކުރި 12 ވަރަކަށް ދޯނި އޮތީ މަހާއިއެކު ކޫއްޑޫ ފަޅުތެރޭގައެވެ. ހުރިހާ ދޯންޏެއްގެ މަސްވަނީ ހަލާކުވެފައެވެ. މަސްވެރިން ކޫއްޑޫއިން ދާން ބޭނުމެއްނުވިއެވެ. މުޒާހަރާ ހޫނުވުމުން، ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންގެ ޓީމެއް ކޫއްޑޫއަށް އައެވެ. އަދި ކުރެވުނު މަޝްވަރާއަށްފަހު، މަސްވެރިން ކޫއްޑުއިން ދިޔައީ 3 ވަނަ ދުވަހުގެ މެންދުރެއްހާއިރުގައެވެ. އެދުވަހު ކޫއްޑޫއަށް މަސްކިރަން ދިޔަ ދޯނިފަހަރުތަކުން މަސްތައް ހަލާކުވެގެން ގާތްގަޑަކަށް 100 ޓަނު މަސް އުކާލިއެވެ. މަސް ކަނޑަށްއެޅި ހަފްތާގައި ކޫއްޑޫއަށް މަސްނުކިރޭތީ ގިނަމަސްވެރިން މަހަށް ނުގޮސް ރަށުގައި މަޑުކުރިއެވެ.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!