މަސްވެރިކަމާއި ގުޅޭ

Kuru Dhoshi

ފްރީ ޓްރޭޑް އެގްރިމެންޓުގައި ޑިއުޓީ ނުނަގާ ގޮތަށް އޮތީ، ރާއްޖެއިން ނުބާނާ މަހަށް: މަޖިލިސް ރައީސް

ކުރީ ސަރުކާރުން ރާއްޖެއާއި ޗައިނާއާއި ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ސުން ފަސެންޓުގެ ޑިއުޓީއެއް ނަގަން ކަނޑައަޅާފައިވަނީ ރާއްޖެއިން ނުބާނާ މަހުގެ ބާވަތްތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް މިނިސްޓްރީން ހިފަހައްޓާފައިވާކަމަށް ބުނެ، ކާށިދު ދާއިރާގެ މެންބަރު ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު ވި އެއްބަސްވުން މިހާރު އޮަޕަރޭޝަންގައިވެސް ނެތް ކަމަށާއި، އޭގެ ދަށުން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ހުރީ ޔޫރަޕިއަން ޔޫނިއަނުން ނަގާ ޑިއުޓީއާއި ދާދީ އެއްވަރެއްގައި ކަމަށެވެ.

"އެ އެގްރިމެންޓްގެ ދަށުން އެއްބަސްވެފައިވާ މަސްވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީގެ ތެރޭގައި ދިރޭ މަސް، އޯނަމަންޓަލް މަހަށް 17.5 ޕަސެންޓް، އެހެން ދިރޭ މަހަށް 17.5 ޕަސެންޓް. ދެން ރާއްޖޭގައި ނުލިބޭ އެއްޗެއްވެއްޖާ ސުން ޕަސެންޓް. އެކަހަލަ އެއްޗިއްސަށް ވަރަށް ރަނގަޅަށް ހުރީ. އިއްޒަތްތެރި މެންބަރުން ބައްލައްވާ ލައްވައިފިއްޔާ މި ޑިއުޓީ ޝީޓު ފެނިވަޑައިގަންނަވާނެ ފްރީޓްރޭޑް އެގްރިމަންޓްގައި އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ޑީލު. " މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީސް ރައީސް މިހެން ވިދާޅުވުމުން އޭރު އެ އެއްބަސްވުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މަޖިލިސް ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި އެފް.ޓީ.އޭ އެގްރީމެންޓުގެ ދަށުން 296 އައިޓަމުން ސުން ޕަސެންޓްގައި އެކްސްޕޯޓް ކުރެވޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިއެއްބަސްވުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވީ، އެ އެއްބަސްވުމުގެ ކަންކަން ބަލަހައްޓަމުން ދަނީ، ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީން ކަމަށާއި، އެކަމަކީ ފިޝަރީޒް މިނިސްޓްރީއާ ޙަވާލުކޮށްފައިވާ މަސައްކަތެއް ނޫން ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!