މަސްވެރިކަމާއި ގުޅޭ

zaha

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖުމަންޓް ޕްލޭންތަކާއި ޤަވާއިދުތައް އެކުލަވާލާ ނިމިއްޖެ

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖުމަންޓް ޕްލޭންތަކާއި ޤަވާއިދުތައް އެކުލަވާލާ ނިމިފައިވާ ކަަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނު ހިންގުމަށް ކޮންމެހެން ބޭނުންވާ 7 ޤަވާއިދެއް މިހާރު ގެޒެޓް ކުރެވިފައިވާ ކަމަށާއި، އެންމެ ފަހުން އެކުލަވާލި ޤަވާއިދު ގެޒެޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ގެޒެޓްކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ޤަވާއިދަކީ، ރިސާރޗް ޕާމިޓް ޤަވާއިދެވެ.

އަދި މިހާރު ގެޒެޓްކޮށްފައިވާ ޤަވާއިދުތަކަށް ޢާންމުންނާއި މަސްވެރިންގެ ޚިޔާލު ހޯދާފައިވާ ކަަމަށާއި، މި ޤަވާއިދުތަކަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން މަސްވެރިން ހޭލުންތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މިހާތަަނަށް ގެޒެޓްކުރި 7 ޤަވާއިދު:

- ޤާނޫނާއި ޚިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއްނެތި ކުރެވޭ މަސްވެރިކަން ހުއްޓުވުމާ ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކުގެ ޤަވާއިދު
- ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާއިދު
- މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފް ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމުގެ ޤަވާއިދު
- މަސްވެރިކަމުގެ މަޝްރޫޢުތަކަށް ހުއްދަ ދިނުމުގެ ޤަވާއިދު
- މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަރކަލްޗަރ ކުރުމަށް ހުއްދަދިނުމުގެ އިޖުރާއަތްތަކާ ބެހޭ ޤަވާއިދު
- މަސްގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ ޤަވާއިދު
- އެކުއަކަލްޗަރ ކުރުމުގެ ޤަވާއިދު

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖުމަންޓް ޕްލޭންތައްވެސް މިހާރު އެކުލަވާލާފައިވާ ކަމަށާއި، މިޕްލޭންތަކަށް ބަންޑާރަ ނާއިބުގެ ލަފާވެސް ލިބިފައިވާ ކަމަށެވެ. އަދި މިޕްލޭންތަކަށް އިސްލާހްތައް ގެނައުމަށްފަހު، ވަރަށް އަވަހަށް ގެޒެޓް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!