މަސްވެރިކަމާއި ގުޅޭ

ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ޝަމްއާން ޝާކިރު
ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ޝަމްއާން ޝާކިރު

ކަނޑުއޮތްގިރީގައި މަސް ބަންދު ކުރުމުގެ ޚިދުމަތް ފެށުމަށް ކުންފުނިތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުން: މިފްކޯ

"ކަނޑުއޮތްގިރީ ފިޝްވިލެޖް" ގައި އަނެއްކާވެސް މަސް ބަންދު ކޮށްދިނުމުގެ ޚިދުމަތް ފެށުމަށް ހުޅުވާލި ފުރުސަތާއިއެކު ކުންފުނިތަކުން މިކަމަށް އެދި ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށް މިފްކޯއިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، ބޮޑުކަންނެލީގެ މަސް އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއިއެކު މިފްކޯއިން ކަނޑުއޮއްގިރީގައި މަސްބަންދުކުރުމުގެ ޚިދުމަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކަނޑުއޮއްގިރީގައި ހުރިހާ ކަމެއް ހަމަޖެހިފައިވަނީ، ޕްރައިވެޓް ޕާޓީތަކަށް އެފުރުސަތު ދޭން ވެގެން ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

އެގޮތުން އަލުން މަސް ބަންދު ކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހުޅުވާލި ފުރުޞަތާއިއެކު މިކަމަށް ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފައުޒި ފާހަގަކުރެއްވިއެވެ.

" މިހާރުވެސް 4 ފަސް ޕާޓީވަރު އެބަ ޝައުޤުވެރިކަން ފާޅުކުރޭ ޕެކިންއަށް. އުއްމީދުކުރަނީ ދާދި އަވަހަށް އެކަން ލިބިގެންދާނެ. " ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މިފްކޯއަށް ގެއްލުންނުވާ ގޮތަށް ޕްރައިވެޓް ޕާޓީތަކަށްވެސް އެފައިދާ ލިބޭ ގޮތަށް މަސް ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމުގެ ޚިދުމަތް ދިނުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާނެ ކަަމަށެވެ.

މިފްކޯގެ ފްރެޝްފިޝް ޕްރޮސެސިންގ ޕްލާންޓް "ކަނޑުއޮތްގިރީ ފިޝްވިލެޖް" އިން އާއްމު ފަރާތްތަކަށް ދެމުން އައި މަސް ބަންދު ކޮށްދިނުމުގެ ޚިދުމަތް ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ މަހުގެ ކޮޅު އެފުރުޞަތު އަލުންވަނީ ހުޅުވާލާފައެވެ.

މިފްކޯއިން ބުނީ، މިފުރުސަތު ހުޅުވާލީ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައްވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމާއި، އެކްސްޕޯޓް ކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައި ކަމަށެވެ.

އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމުން، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ދިޔުމުގެ މަގުތަނަވަސް ކުރުމަކީވެސް މިކަމުގެ ބޭނުމެއް ކަމަށް މިފްކޯއިން ބުނެއެވެ.

އެހެންކަމުން ކަނޑުއޮތްގިރީގައި ބޮޑު ކަންނެއްޏާއި ފަރުމަސް ބަންދު ކުރުމަށް ބޭނުންވާ ފަރާތްތަކުން މިކަމަށް އެދި ފޯމް ހުށަހެޅުމަށް މިފްކޯއިން ވަނީ އެދިފައެވެ.

މިފްކޯއިން ބުނީ، ކަނޑުއޮތްގިރީގެ ވަޞީލަތްތައް ހުރި މިންވަރުން ފުރުޞަތު ދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!