މަސްވެރިކަމާއި ގުޅޭ

dhoani

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ %56 މަސައްކަތެއް ނުކުރޭ! މަސްވެރިކަމަށް ނިކުމޭ. ފުރުސަތު އެބައޮތް.

މިއަހަރުގެ ދިވެހިރާއްޖޭގެ އާބާދީގެ އަންދާޒާތަކަށް ބަލާލާއިރު، އާބާދީގެ 43 އިންސައްތަ މީހުންނަކީ، ޒުވާނުންނެވެ. ރާއްޖޭގެ ޖުމްލަ އާބާދީ މިހާރު 557،426 އަށް އަރާފައިވާއިރު، މީގެތެރެއިން 240،584 މީހުންނަކީ ޒުވާނުންނެވެ.

ޒުވާނުންގެ ޤައުމީ ދުވަހާއި ގުޅުވައިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒުވާނުންގެ ތެރެއިން ތަޢުލީމް، ވަޒީފާ އަދި އެއްވެސް ތަމްރީނެއް ހާސިލްކުރަމުންނުދާ ޒުވާނުންގެ އަދަދު ގިނައެެވެ. އެގޮތުން ޒުވާނުންގެ އާބާދީގެ 56 އިންސައްތައަކީ، ތަމްރީނެއް ތައުލީމެއް ވަޒީފާއެއް އަދާކުރަމުން ނުދާ ޒުވާނުންނެވެ. މީގެތެރޭގައި ހިމެނެނީ، 41 އިންސައްތަ އަންހެނުންނާއި، 15 އިންސައްތަ ފިރިހެނުންނެވެ.

ރާއްޖޭގެ ޒުވާނުންގެ މަސައްކަތްތެރިކަމަށް ބަލާލާއިރު، ވަޒީފާތަކުގައި އުޅެނީ އާބާދީގެ 69.9 އިންސައްތަ މީހުންނެވެ.

ޒުވާނުން އެންމެ ގިނައިން ވަޒީފާ އަދާކުރާ ދާއިރާތަކަށް ބަލާލާއިރު، އެންމެ ގިނައިން ޒުވާނުން އަދާކުރަނީ ކޭޝިޔަރުން ނުވަތަ ޓިކެޓް ކްލާރކްސްގެ ވަޒީފާއެވެ. ދެން އެންމެ ގިނައިން ޒުވާނުން އަދާކުރާ ވަޒީފާއަކީ އޮފީސް މަސައްކަތާއި، އެޑްމިނިސްޓްރޭޓިވް ވަޒީފާއެވެ. އަދި ހަތަރުވަނައަށް އެންމެ ގިނައިން ޒުވާނުން އަދާކުރަނީ، ޑީޕް ސީ ފިޝަރީ މަސައްކަތެވެ.

އެގޮތުން ޑީޕް ސީ ފިޝަރީ މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ، 2،292 ޒުވާނުންނެވެ.

ޑީޕް ސީ ފިޝަރީ މަސައްކަތްތަކުގައި ނުވަތަ މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކުގައި ޒުވާނުން ހަރަކާތްތެރިވާއިރު، މަސްވެރިކަމުގެ ސިނާޢަތަކީ ވަޒީފާގެ ތަފާތު ފުރުސަތުތައް ގިނަ ސިނާޢަތެކެވެ.

މިހާތަނަށް މަސްވެރިން ޑޮޓް އެމްވީއަށް މައުލޫމާތުދިން މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިން ބުނަނީ، މިސިނާޢަތަކީ ތަޢުލީމީ ފެންވަރަށް ބެލުމެއްނެތި ވަޒީފާގެ ފުރުސަތުތައް ފަހި ދާއިރާއެއް ކަމަށެވެ.

"މަސްވެރިކަމަކީ އާމްދަނީ ހޯދުމަށް ބަރާބަރު މަސައްކަތެއް. ޒުވާން މަސްވެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރާށޭ. މިހާރު އޮޑިވެރިޔަކަށްވެސް ވެވޭނެ. ބޭންކްތަކުން އެބަހުރި ފަހި ފުރުސަތުތަކެއް" ޒުވާން އޮޑިވެރިޔާ އަދި މަސްވެރިޔާ ޒައިން ބުންޏެވެ.

"މިހާރު މަހަށް ދާހިތްވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަންނަ އަހަރުވެސް އޭގެ އަނެއް އަހަރުވެސް ދާނީ މަހަށް. މި ނޫން ކަމެއް ކުރުމުގެ ވިސްނުމެއް އަދި ނެތް.''  ޒުވާން މަސްވެރިޔާ މިގްދާމް ބުންޏެވެ.

"މިއަށްވުރެ ހިތްހަމަޖެހިގެން ކުރެވޭނެ މަސައްކަތެއް ނެތް. އެންމެ ސަޅިކަމަކީ މަސްވެރިކަމުގަ ފުރިހަމަ މިނިވަންކަން އޮންނާތީ. ބޭނުން ދުވަހަކު ޗުއްޓީ ނެގޭ. ވަޒީފާ ނުގެއްލޭނެ. މިހާރު މަސްވެރިކަން ކުރަނީ ވަރަށް އަރާމުގަ. ޒުވާނުން ކުރަން އެންމެ ރަނގަޅު މަސައްކަތް މިއީ". ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުންޏެވެ.

މަސްވެރިކަމުގެ އެކި ދާއިރާތަކުގައި ޒުވާނުންނަށް އަދާކުރެވޭނެ ތަފާތު ވަޒީފާތައްވަނީ ހުޅުވާލާފައެވެ. އެވަޒީފާތަކަށް ބޭނުންވަނީ ހިތްވަރާއިއެކު މަސައްކަތްކުރާނެ ޒުވާނުންނެވެ.

ޒަމާނުއްސުރެ މަސްވެރިކަމަކީ، ދިވެހިންގެ ލޭނާރުކަމުގައި ދެކޭ މަސައްކަތެކެވެ. ނަމަވެސް މިމަސައްކަތަށް ޒުވާނުން ނިކުންނަ މިންވަރު މަދުވުމުން މިފަހަކަށް އައިސް މިދާއިރާގައި ބިދޭސީން ހަރަކާތްތެރިވާ ނިސްބަތްވަނީ އިތުރުވެފައެވެ. އެހެންކަމުން ވަޒީފާއެއްނެތި އުޅޭ ޒުވާނުން މިކަމުގެ ތެރެއަށް ވަދެއްޖެނަމަ މިދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދުވެސް މަދުވާނެކަން ޔަޤީނެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ، ވަޒީފާގެ ތަފާތު ފުރުސަތުތަކެއް އޮތް އުއްމީދީ ސިނާޢަތެެކެވެ. މަސްވެރިކަމަކީ، ހަމައެކަނި ދޯނީގައި މަހަށް ނުކުމެ މަސްބޭނުމެއް ނޫނެވެ. މަސް ދޯންޏަކަށްނަމަ، މެނޭޖަރުންނާއި، ޑައިވަރުންނާއި، ކޭޝިޔަރުންނާއި، ކައްކާއިން ބޭނުންވެއެވެ.

މިސިނާޢަތުގައި ހުރި ވަޒީފާގެ އެހެން ފުރުސަތުތަކަށް ބަލާލާއިރު، މަސް ބޭނުމަށްފަހު އަދާކުރެވޭނެ ވަޒީފާތައް އަދި މާ ގިނައެވެ. އެގޮތުން މަސް ބޭނުމަށްފަހު، މަސް ކައްކާ، ހިއްކާ، މަހުގެ ތަފާތު އުފެއްދުންތައް އުފެއްދުމަށްވެސް ދިވެހި ޒުވާނުން ބޭނުންވެއެވެ. އަދި މަސްވެރިކަމުގައި ފަރުމަހުގެ މަސްވެރިކަމާއި، ހުއިފިލަނޑާގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމުގެ އިތުރުން އެކްއަރކަލްޗަރ އަދި މެރިކަލްޗަރގެ ދާއިރާއަކީވެސް ވަޒީފާގެ ފުރުސަތުތައް ފަހި ދާއިރާތަކެކެވެ.

ރާއްޖޭގެ އިޤްތިސާދީ ފުދުންތެރިކަމުގައި މަސްވެރިކަމަކީ މުހިއްމު ދައުރެއް އަދާކުރެވޭނެ ސިނާޢަތަކަށްވާއިރު، ޒުވާނުންގެ އާބާދީގެ ބޮޑު ބައެއް މިކަމުގެ ތެރެއަށް ނިކުތުމުން މިމަސައްކަތަށް އިތުރު ކުރިއެރުން ލިބި އިޤްތިސާދީ އަދި އިޖްތިމާޢީ ގޮތުން ނަފާ ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!