މަސްވެރިކަމާއި ގުޅޭ

ކަށިގޮނު - ފޮޓޯ: ރީފްލައިފްސާވޭ

ކަށިގޮނު

ކަށިގޮނަކީ ރާއްޖޭގެ ފަޅުތަކުގައި އުޅޭ ކުޑަ ސައިޒެއްއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަސް ޢާއްމުކޮށް އުޅެނީ އަޑީގައި ވެލި ހުންނަ ސަރަޙައްދުތަކުގައްޔާއި، މުގުރާފައިހުންނަ މުރަކަތައް ހުންނަ ހިސާބުތަކުގައްޔާއި މޫދުވިނަ ހެދިފައިހުންނަ ހިސާބުތަކުގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިއީ މާބާރު ބާރަށް ދުވެއުޅުމުގެ ކުޅަދާނަކަން ލިބިގެންވާ މަހެއްވެސްނޫނެވެ.

މިބާވަތް ހިފުމަށް ރާއްޖޭގައި ވަކި ޚާއްސަ މަސްވެރިކަމެއްވެސް ނުމެކުރެވޭމެއެވެ. މިމަހުގެ ޢާއްމު ސިފަ އެހެނިހެން މަސްމަހާ ވަރަށް ތަފާތެވެ. ޢާއްމު ސިފަ ގޮނާއި ގާތްކަމެއް ހުރިކަމުގައިވިއަސް ބަނޑުދަށަށް ފުޅާވެފައި ބޮލުގެ މަތީން ދެދަޅު ފަޅާފައި ހުރެއެވެ. މަހުގެ ބުރަކަށިމަތީގައި ވަރަށް ވަރުގަދަ ހަރުކަށްޓެއް ހުންނަކަން ފާހަގަކުރެވެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް 9 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 11 ނުވަތަ 12 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ ދޮން ރީނދޫކުލައެކެވެ. މުޅި މަހުގައި ނޫކުލައިގެ ރޮނގުތަކެއް އެކި ގޮތްގޮތަށް ހުރެއެވެ. ކޮތަރިތައް ހުންނަނީ ފަނޑު ކުލައެއްގައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ އެންމެ ޚާއްސަ ސިފައަށް ވިސްނާ، އަދިމަހަށްކިޔާ އިނގިރޭސިނަމާވެސް ގުޅޭގޮތުން "ކަށިގޮނު" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Backspine cowfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!