މަސްވެރިކަމާއި ގުޅޭ

ރީނދޫމަސް - ފޮޓޯ: ވިކީޕީޑިއާ

ރީނދޫމަސް

ރީނދޫމަހަށް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ރީނދުލި ކިޔާއުޅެއެވެ. މިއީ ފަރުފަރުގެ ނިވަލުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުމުހެކެވެ. މިމަސް ޢާއްމުކޮށް ހިފާއުޅެނީ ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައެވެ. މިއީ ފަރުމަތީގައްޔާއި ފަރުބޭރުގައި ބޮޑެތި އައިން ހަދައިގެން އުޅޭ ކުޑަ ސައިޒެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށްކަމުގައި ވިޔަސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 20 ސެންޓިމީޓަރެވެ. މިމަސް ޢާއްމުކޮށް އުޅެނީ 5 މީޓަރާއި 25 މީޓަރާ ދެމެދުގެ ފުންމިނުގައި ހުންނަ ގާތަކުގެ ހިމާޔަތްކަން، ހޯދައިގެންނެވެ. މަހުގެ ޢާއްމުކާނާއަކީ ކުދިމަކާއި ކަކުނިފާޑުގެ ތްފެވެ.

މަރުގެ ބުރަކަށިމަތި ކޮތަރިބައިގައި 11 ނުވަތަ 12 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކޯތާފަތާއި ކަރުތާފަތްގަނޑުގައި ހުޅުނބުހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ކުޑަކޮށް، ކަފިކޮށެވެ. މަހުގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ ދިގަށް އަރިމަތީގައި ނޫކުލައިގެ ހަތަރުރޮނގު ހުރެއެވެ. މިރޮނގުތަކުގެ ދަށުން މަހުގެ ބަނޑުދަށް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކޮތަރިބައިތަކާއި ނިގޫފަތުގެ ކުލައަކީ ރީނދޫކުލައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Bengal snapper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!