މަސްވެރިކަމާއި ގުޅޭ

އެފްރިކާފާނަ - ފޮޓޯ: މެރިން ވޯލްޑް އެކްއޭޓިކްސް

އެފްރިކާ ފާނަ

އެފްރިކާ ފާނައަކީ ވަރަށް ކުޑަ ފާނައެކެވެ. މިބާވަތުގެ ފާނަ އެންމެ ބޮޑުވާކަމަށް ބެލިފައިވަނީ ގާތްގަޑަކަށް 8 ސެންޓިމީޓަރަށެވެ. މިއީ ފަރުބޭރު ގުންޑޮޅިދަށުގައްޔާއި ގާގަލުގެ ހޮހަޅަތަކުގައި އުޅޭ މަހެކެވެ. މިމަސް އުޅޭކަމަށް ބެލެވިފައިވަނީ 8 މީޓަރާއި 48 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މިއީ ނަނުފައްތައިގެން ބޭނޭވަރަށްވުރެ މާކުޑަމަހެކެވެ. އަދި މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. އަދި ރާއްޖޭގެ ފަރުފަޅަށް އެރި ފީނާހަދާ މީހުންނަށްވެސް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ.

މިއީ ދިވެހިންގެތެރޭގައި މަޝްހޫރު އެމެއްކަމުގައިވާ ބޯއްޖާއި ވަރަށް އެއްސިފައެއްގައި ހުންނަ ކުޑަމަހެކެވެ. މަހުގެ ނިގޫފަތުގެ މައްޗާއި ތިރިހުންނަނީ ކުޑަކޮށްވަށްކޮށެވެ. މިމަސް ތާޒާކޮށް ހުންނަ އިރު ހުންނަނީ ރަތްމުށިކުލައެއްގައެވެ. އަދި މަހުގައި ހުންނަ ދިގު ރޮނގުތައް ހުންނަނީވެސް ގަދަ ރަތްމުށި ކުލައެއްގައެވެ. އަދި ދެރޮނގުދޭތެރެ ހުންނަނީ ހުދުކުލައެއްގައެވެ. މަހުގެ ބޮލުގައި ރީނދޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކޮތަރިބައިގެ ދެކަށިދޭތެރޭގައި ހުންނަ ދުލިފަށުގެ ކުލައަކީ ރީނދޫކުލައެވެ.

މިމަހަކީ ދިވެހި މަސްވެރިންނަށް އަދި ކަނޑުފަޅު ފީނާއުޅޭ މީހުންނަށް ވަރަށް ނުފެންނަ މަހަކަށް ވުމާއެކު މިމަހަށް ކިޔާ ދިވެހިނަމެއް ނެތެވެ. ވީމާ މިމަހުގެ ސައިންޓިފިކް ނަމަށް ބަލާ މިއީ ފުރަތަމައަށް އެފްރިކާގެ ފަރުތަކުން ފެނިފައިވާ މަހެއްކަމަށްވާތީ މިމަހަށް "އެފްރިކާފާނަ" ކިޔާނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: African basslet

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!