މަސްވެރިކަމާއި ގުޅޭ

-11-13 at 02.39.50 (2)

މަސްވެރިކަމަކީ ހީކުރިވަރަށްވުރެ ޝައުޤުވެރި މަސައްކަތެއް: މުހައްމަދު ޞާދިޤް

ކުޅަދާނަ ނޫސްވެރިއެކެވެ. މަޝްހޫރު ޓީވީ އަދި ރޭޑިއޯ ޕްރެންޒެންޓަރެކެވެ. އުފެއްދުންތެރި ޕްރޮޑިއުސަރެކެވެ. އާދެ! ދަޢުލަތުގެ މީޑިއާގެ މަޝްހޫރު އެެއް މޫނު މުޙައްމަދު ސޯދިޤެވެ. މީޑިއާގައި މަޝްހޫރު ނަމުންނަމަ ޗޯޓު އެވެ. ސޯދިޤު އެންމެ ބޮޑަށް މަޤްބޫލްވެފައިވަނީ އޭނާގެ ރީތި އަޑުގެ ސަބަބުންނެވެ. ޤައުމީ ބޮޑެތި ޖަލްސާތަކުގެ ރިޕޯޓުތަކަށާއި، އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންގެ ރިޕޯޓުތަކަށް މި ވޭތުވެދިޔަ ހައެއްކަ އަހަރު އިވިފައިވަނީ މުޙައްމަދު ސޯދިޤުގެ ރަން އަޑުންނެވެ. ދައްކަން މިއުޅެނީ ސޯދިޤްގެ މީޑިއާ ހަޔާތުގެ ވާހަކައެއް ނޫނެވެ. މިހާރު އޭނާ ކުރާ މަސައްކަތުގެ ވާހަކައެވެ. މިހާރު ސޯދިޤަކީ ހީވާގި މަސްވެރިއެކެވެ.

މުހައްމަދު ސޯދިޤް ޓީވީ ޕްރޮގްރާމެއް ހުށައަޅަނީ

ދަޢުލަތުގެ މީޑިއާގައި 13 އަހަރާ 3 މަސް ދުވަހު އުޅުމަށްފަހު މަހަށްދާން ފެށިތާ މިހާރު 6 މަސްވެއްޖެއެވެ. ރ.މަޑުއްވަރީ ކުރިމަގު ދޯނިން މަހައްދާ މުހައްމަދު ސޯދިޤަކީ އެ ދޯނީގެ މުހިންމު މަސްވެރިއެކެވެ. ޓީވީއެމް ދޫކޮށް މަސްވެރިކަމުގެ ދާއިރާއަށް ވަތް ސަބަބު ހޯދާލުމަށް މަސްވެރިން އެމްވީގެ ފަރާތުން ސޯދިޤާ ސުވާލުކޮށްލީމެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގަ ރަށު ކައުންސުލްގެ ރައީސްކަމަށް ވާދަކުރަން ނިންމި ހިސާބުން ޕީއެސްއެމުން އަޅުގަނޑު ކަނޑާލީ. ދެން މަޖުބޫރުވީ ރަށަށް ބަދަލުވާން. ކޮވިޑާ ގުޅިގެން އިންތިހާބު ލަސްވީމަ ދެން ފެށީ މަހައްދާން." މަހަށްދާން ފެށި ސަބަބު އޭނާ ކިޔާދިނެވެ.

"ރަށުގަ އެންމެ ފުޅާ ދާއިރާއެއްގަ ކުރަނީ މަސްވެރިކަން. ގިނަ ޒުވާނުން އުޅެނީ މަސްވެރިކަމުގައި.އެހެންވެ ހަމަ މަހަށް ދާހިއްވީ. އެނގޭ ވަރަށް ތަފާތު ދެ ދާއިރާކަން. ބައެއް މީހުން ގަބޫލުވެސް ނުކުރޭ މަހަށްދަނީއޭ ބުނީމަ. އެކަމަކު އަހަރެން ދެކޭގޮތުގައި މަސްވެރިކަން މީ ވަރަށް ސަޅި މަސައްކަތެއް. ކުރިން ވިސްނިފަވެސް ނެތްހާ ބުރަ މަސައްކަތެއް. ކެރިގެން މިކަމަށް ނިކުމެެއްޖެ ނަމަ އޭގެ ފައިދާ ވަރަށް ބޮޑު މަސައްކަތެއް." ސޯދިޤު ބުންޏެވެ.

ސާދިޤު ބުނީ ކުރިން ލިބުނު އާމްދަނީއަަށްވުރެ މަސްވެރިކަމުން ލިބޭ އާމްދަނީ ރަނގަޅުކަމަށެވެ. އަދި މިހާރު ހަމަޖެހިގެން އުޅެވޭކަމަށެވެ.

"މިކަމުން ލިބޭ އާމްދަނީ ވަރަށް ރަނގަޅު. ކުރިން ބޮޑު ކުލި ދައްކާފަ ދެންހުރި ކަންކަން ކޮށްފަ އަތަކު ނޯވޭ އެއްޗެއް. މިހާރު އެހުރިހާ ކަމަކަށް ވިސްނާކަން ނުޖެހޭ. ލިބޭ އެއްޗަކުން ވަރަށް ހަމަޖެހިގެން އެބައުޅެވޭ." ސޯދީޤު ބުންޏެވެ.

ސޯދިޤުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދުވަހެއް ދުވަހަކަށް މަސްވެރިކަން ކުރިއަރައިގެން ނުދާތީއެވެ. މަސްވެރިން ކުރާ ބުރަ މަސައްކަތަށް ހަމަ އަގު ނުލިބޭތީއެވެ.

"މިހާރު ދެރަކަމަކީ މަހުގެ އަގެއްނެތުން. ބޮޑުކަންނެލި ވިޔަސް ކުރާ ބުރަ މަސައްކަތައް އަގެއް ނެތް. މަސްކިރަން ވަރަށް ހާލުގަ އުޅެންޖެހެނީ. މިކަންކަމަށް އަވަސް ހައްލެއް ލިބިއްޖެނަމަ މަސްވެރިން މިއަށްވުރެ ވަރުގަދަކޮށް މި މަސައްކަތް ޖައްސާނެ. އަސްލު ކޮވިޑްގެ މިހާލަތުގައި ޤައުމު މި ހިފެހެއްޓީ މަސްވެރިން. މާނައަކީ މިހާލަތުގައި ޤައުމަށް އާމްދަނީ ހޯދައިދިނީ މަސްވެރިންނޭ". ސޯދިޤުގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ނަމަވެސް އޭނާ ހުރީ މި މަސައްކަތް ދޫކުރާ ގޮތަކަށް ނޫނެވެ. ސޯދިޤު ބުނީ އޭނާ ބޭނުންވަނީ ތަޖުރިބާހުރި މީހުންގެ އެހީގައި މި މަސައްކަތް ވީހާވެސް ބޮޑަށް ދަސްކުރާށެވެ. ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. ތަފާތު މަންޒަރުތައް ފެނި އާ ތަޖުރިބާތަކެއް ކުރެވޭ ދުވަހެކެވެ. ކަނޑުމަތީގެ ކޮންމެ މަންޒަރަކީ ހިތްގައިމު ތަފާތު މަންޒަރެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.