މަސްވެރިކަމާއި ގުޅޭ

މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތޯރިޤް
މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތޯރިޤް

ރައީސް ޔާމީންގެ ވެރިކަން ވެއްޓިގެންދިޔަ އެއް ސަަބަބަކީ މަސްވެރިން ހިންހަމަ ނުޖެހުން: މެމްބަރު ތޯރިޤް

ރައީސް ޔާމީންގެ ވެރިކަން ވެއްޓިގެންދިޔަ އެއް ސަަބަބަކީ މަސްވެރިން ހިންހަމަ ނުޖެހުންކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، އަންނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރު ތާރިޤް ވިދާޅުވީ، މަސްވެރިން ރުޅިއަރުވާފަ އަދި މަސްވެރިން ހިންހަމަނުޖެހޭ ގޮތަށް ކަންތައްކޮށްފަ ވެރިކަމަށް އައުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓްގައި އެމްޑީޕީގެ މެނިފެސްޓޯގައި ހުރި މަސްވެރިކަމުގެ ވައުދުތައް ފުއްދުމަށް ބަޖެޓުގައި އެއްވެސް ކަމެއް ނެތްކަމަށް ތޯރިޤް ވިދާޅުވިއެވެ. ތޯރިޤް ވިދާޅުވީ، މަސްވެރިންނާމެދު ކަންތައް ކުރަމުންދާގޮތުން މަސްވެރިންނާއި މަސްވެރި އާބާދީ ތިބީ ވަރަށް ރުޅި އައިސްފައި ކަމަށެވެ.

"އިއްޒަތްތެރި ރައީސް. އަޅުގަނޑު މިދިޔަ ދައުރުގަވެސް، މިދިޔަ އަހަރުގައިވެސް އެވާހަކަ ދެއްކިން. މަސްވެރިން ރުޅިއަރުވާފަ، މަސްވެރިން ހިންހަމަނުޖެހޭގޮތަށް ކަންތައްކޮށްފަ ވެރިކަމަށް އައުމަކީ ފަސޭހަކަމަކަށް ނުވާނެ. ރައީސް ޔާމީންގެ ވެރިކަން ވެއްޓިގެންދިޔަ 1 ސަަބަބަކީ މަސްވެރިން ހިންހަމަ ނުޖެހުން. އޭރުގައި ހުރި މިނިސްޓަރަށް މަސްވެރިން ބޭނުންވާ ގޮތަށް ކަންތައްތައް ނުވުން. މިހާރު މިއޮތީ ރާއްޖޭގެ މަސްވެރިކަމަށް ސީދާ ނިކުންނަ 20000 މީހުންގެ އާބާދީ ރުޅިއައިސްފަ. 80000 މީހުންނަށް ނުސީދާ ގޮތުން މަސްވެރިކަމުގެ ސިނާއަތުން ފައިދާ ލިބޭ. އެމީހުން ރައީސް ސޯލިހަށް ވޯޓުދޭނެ ގޮތެއް އެއީ ހަމަ ނެތް ގޮތެކޭ އަޅުގަނޑު ދަންނަވާނީ." އަހުމަދު ތޯރިޤު ވިދާޅުވިއެވެ.

ތޯރިޤް ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ދެކޮޅު ނުޖެހޭ ބަޖެޓެއްކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ބަޖެޓަށް ފާޑުވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!