މަސްވެރިކަމާއި ގުޅޭ

waddey

މަސްވެރިކަމުގެ ވާހަކަ ދައްކަން މިއަދު ލަދުވެސް ގަނޭ: މުހައްމަދު ވަހީދު

މަސްވެރިކަމުގެ ވާހަކަ ދައްކަން މިއަދު ލަދުވެސް ގަންނަކަމަށް އުގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، އަންނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން މުޙައްމަދު ވަހީދު ވިދާޅުވީ،  އެމްޑީޕީން ވެރިކަމަށް އައުމަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަޖިލީހުން ހަދާފައިވާ މަސްވެރިކަމުގެ ޤާނޫނު ތަންފީޒު ނުކުރެވޭ އިރު، މިއަދު މަސްވެރިކަމުގެ ވާހަކަ ދައްކަން ލަދުގަންނަ ކަމަށެވެ.

މަސްވެރިކަމުގެ ވާހަކަ ދައްކަން މިއަދު އަޅުގަނޑުމެން ލަދުވެސް ގަނޭ. ގޭދޮށު މަސް ޕްލާންޓް ހަދާނެ ވާހަކަ ދެއްކިން. އެނޫންވެސް މަސްވެރިކަމަށް ބޮޑެތި ބަދަލު ގެނައުމަށް މަޖިލީހުން ޤާނޫނީ ބާރުވެރިކަންވެސް ދިނިން. ކޮންކަމެއްތޯވީ". މުޙައްމަދު ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި މަސްވެރިކަމަށް ހެޔޮބަދަލެއް ގެންނަ އެއްވެސް ކަމެއް އަދި އެމްޑީޕީން ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށް އެއްވެސްކަމެއް ހިމަނާފައިނުވާކަމަށެވެ.

ބަޖެޓުގެ ބަހުސްގައި ބަޖެޓަށް ވާހަކަ ދެއްކި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ގެންދަވަނީ ފާޅުކަން ބޮޑުގޮތެއްގެ ބަޖެޓަށް ފާޑު ވިދާޅުވަމުންނެވެ.

ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" އާއި މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރުމާއި، ބޭރުގެ ބޯޓުފަހަރު ގެނެސްގެން ސީދާ މަސްވެރިންގެ އަތުން މަސްގަތުމާއި، މަސްވެރިންގެ ޖީބަށް ޑޮލަރާއި، މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަކީ މިސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތަކެވެ. ނަމަވެސް މިހާތަނަށް އައިއިރު މިއިން އެއްވެސް ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް ފެށިފައެެއް ނުވެއެވެ. މަސްވެރިކަމުގެ ސިނާއަތު ދިޔައީ ފަހަތަށެވެ.  މަހުގެ އަގުވެއްޓި، މަސްކިރުމުގައި ގޮންޖެހުންތަކެއް ދިމާވެ، ހިކިމަހާއި ލޮނުމަށް ލަންކާއަށް ބޭރުކުރަން ދަތިވެ މަސްވެރިކަމުގެ ސިނާއަތު މިވަނީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!