މަސްވެރިކަމާއި ގުޅޭ

ތަލަކަޅު ބިބީ - ފޮޓޯ: ޑައިވް ކްލަބް މޯލްޑިވްސް

ތަލަކަޅު ބިބީ

ތަލަކަޅު ބީބީއަކީ ރާއްޖޭގެ ފަރުފަޅުތަކުގައި އާދައިގެވަރަކަށް ގިނައިން އުޅޭ މަހެކެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫނަސް ފީނައިގެން މިމަސްހިފާ ރާއްޖެއިން ބޭރުކޮށްއުޅެއެވެ. މިއީ އެހެނިހެން ގިނަބިބީތަކަށްވުރެ ބޮޑުވާ މަހެއްކަމުން މިމަސް ދިރުވައިގެން ގެންގުޅެންޖެހެނީ ބޮޑެތި މަސްޓޭންކުތަކުގައެވެ. މަހުގެ މައިގަޑު ކާނާއަކީ ގަލުގެމާގަޑު (ޕޮލިޕް) އާއި މޫދު މާގަޑުގަޑެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 22 އާ 24 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 18 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

މަހުގެ އަރިމަތީގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ތަލައިގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައް ހުންނަނީ ލޮލުގެ ހުރަހަށް ހުންނަ ކަޅުކުލައިގެ ފުޅާ ރޮނގާ ނުގުޅިއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ މަޑުކަށިތަކުގެ ބުޑުންފެށިގެން ހަނދުފަޅިބުރަށް ކަޅުކުލައިގެ ފުޅާރޮނގެއް މަހުގެ ނިގޫފަތުގެ ބުޑަށް ހުރެއެވެ. އަދި މިކަޅުރޮނގު ބަނޑުދަށްފަރާތު ކޮތަރިބައިގެ އެންމެ ފަހަތުގައި ހުންނަ މަޑުކަށިތަކުގެ ބުޑުހަމަޔަށް ދިގުވެފައިވެސް ހުރެއެވެ. ކޮތަރިބައިގެ ކުލައަކީ ރީނދޫކުލައެވެ. ނަމަވެސް ވަރަށް ހިމަކޮށް ކަމާއި ރަތްކުލައިގެ ރޮނގުތަކެއް ކޮތަރިބައިގައި ހުރެއެވެ. މަހުގެ އަރިމަތީގައި ހުރަހަށް ފަނޑުކޮށް ހުންނަ ރޮނގުތަކެއް ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Spot-nape butterflyfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!