މަސްވެރިކަމާއި ގުޅޭ

-08-19-19h44m41s861

މަސްދޯނިފަހަރާ އެއްވަރަށް މަސްގަންނަ ކުންފުނިތަކުންވެސް ތަރައްޤީވާން ޖެހޭ: ކެޔޮޅު ނާފިޒު

އިބްރާހިމް ނާފިޒް މަސްވެރިކަމަށް ނިކުތީ އުމުރުން ގާތްގަނޑަކަށް 20 އަހަރެވެ. އޭރު މަސްވެރިކަމާއި މެދު މުޖުތަމައުގައި މީހުން ދެކޭގޮތް ވަރަށް ދަށެވެ. މަސްވެރިކަމަކީ ނުކިޔަވާ ތިބޭ މީހުންނަށް އޮތް ދާއިރާއެއް ކަމަށާއި މިއީ ވަރަށް ހަޑި މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުން އޭރު ގިނައެވެ.

ނަމަވެސް ނާފިޒް އަށް އެފަދަ ކަންތައްތަކެއް މުޙިއްމެއް ނޫނެވެ. މުޖުތަމައުއިން ދެކޭގޮތާއި މެދު މާބޮޑު ފަރުވާލެއް ނެތެވެ. ލިބޭ އާމްދަނީއާއި ދާއިރާގައި ހުރި ފުރުސަތުތައް މާ މުޙިއްމެވެ.

މަސްވެރިކަމަށް ނުކުތްތާ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ދޯނީގެ ކެޔޮޅުކަން ކުރަން ފަށާފައެވެ. މިހާރު މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 22 ވަރަކަށް އަހަރުވީއެވެ. އޭގެތެރެއިން 18 އަހަރު ހޭދަކޮށްފައިވަނީ ކެޔޮޅެއްގެ ގޮތުގައެވެ. ނާފިޒްއަކީ މިހާރު ތ.ވަންދޫ އަސްދާނު ދޯނީގެ ކެޔޮޅެވެ. އޭނާއަކީ އަތޮޅަށް މަޝްހޫރު ކެޔޮޅެކެވެ.

ނާފިޒްގެ 22 އަހަރުގެ ތަޖުރިބާ އޭނާ ސިފަކުރީ މަސްވެރިކަމަށް ގިނަ ފަސޭހަތަކެއް ލިބި ގިނަ ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާ އަހަރުތަކެއްގެ ގޮތުގައެވެ.

"އެންމެ ފުރަތަމަ މަހައްދާން ފެށިއިރު ސަމުގާ އެކަނި ބޭނުންކުރަނީ. މިހާރު ޖީޕީއެސްއާއި ފިޝްފައިންޑަރާއި ރާޑަރު ފަދަ ވަސީލަތްތައް އެބަ ބޭނުންކުރަން. މީގެން ގިނަ ފަސޭހަތަކެއް ލިބޭ. އެން ހޯދުމާއި، މަސް އައިނުތައް ހޯދަންވެސް އޭރު ކުރަން ޖެހޭ މަސައްކަތް ވަރަށް ބުރަ. ނަމަވެސް ޓެކްނޮލޮޖީއާއި އެކު މަސްވެރިކަމަށްވެސް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ،" ނާފިޒް ބުންޏެވެ.

އަސްދާނު ދޯނި

ނާފިޒް މަސްވެރިކަމަށް ނުކުތް ދުވަސްވަރު މަސްވެރިކަމުގައި މަސައްކަތް ކުރަމުންދިޔައީ ގިނައިން އުމުރުން ދުވަސްވީ މީހުންނާއި ދެބައި އުމުރުގެ މީހުންނެވެ. ސަބަބަކީ މުޖުތަމައުގައި މަސްވެރިކަމާއި މެދު ދެކޭގޮތެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ.

މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްކަމާއި މި މަސައްކަތުން އަރާމު ދިރިއުޅުމެއް ލިބޭކަމީ ގިނަ މީހުން ޤަބޫލްކުރާ ހަޤީޤަތެކެވެ.

މިއާއެކު މަސްވެރިކަމުގައި މިހާރު ގިނަ އަދަދެއްގެ ޒުވާނުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނާފިޒްވެސް ވަނީ މިކަން ފާހަގަކޮށްފައެވެ.

"ކުރިން މަސްވެރިކަމުގައި ގިނައިން އުޅެނީ އުމުރުން ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުން. އެހެން ނަމަވެސް މިހާރު މައިގަނޑު ގޮތެއްގައި މިދާއިރާގައި އުޅެނީ ޒުވާނުން. އަސްދާނު ދޯނީގައިވެސް ގިނައިން އުޅެނީ ޒުވާނުން." ނާފިޒް ބުންޏެވެ.

ނާފިޒްގެ ދިރިއުޅުމަށް ބަލާލާއިރު، ފުރާވަރުވަރުގެ ދެ ކުދިން އެބަތިއްބެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަންހެން ދަރިފުޅު ނާސިންގ ހަދަނީއެވެ. ފިރިހެން ދަރިފުޅުގެ އުމުރުން އަދި 17 އަހަރެވެ. އެދަރިފުޅުގެ ބޮޑު ޝައުގުވެރިކަމެއް މަސްވެރިކަމަށް ހުންނަކަން ނާފިޒް ފާހަގަކުރިއެވެ. ކެޔޮޅުު ބޭނުންވަނީ ދަރިފުޅު ކުރަން ބޭނުންވާ މަސައްކަތެއް ކުރުމަށެވެ. އަދި ދަރިފުޅު ޝައުގުވެރިކަން ހުންނަ ކަމަކުން ކުރިއަށްދާން އޭނާ ހުރީ އެހީވާން ތައްޔާރަށެވެ.

ކެޔޮޅު ނާފިޒްއާއި ފަޅުވެރިން

ނާފިޒް ބުނީ މަސްވެރިކަމުން މަހެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިއަކަށް 15 ހާސް ރުފިޔާ ލިބޭނެކަމަށެވެ. ނަމަވެސް މިހާރު މަސައްކަތުގެ ހަރަދު ބޮޑުވެފަ މަހުގެ އަގު ދަށްވުމުން ލިބޭ އާމްދަނީ ކުޑަކަން އޭނާ ފާހަގަކުރިއެވެ.

"ކުރިއާ އަޅާބަލާއިރު މަސައްކަތަށް ކުރަންޖެހޭ ހޭދަ ބޮޑު. ދުއްވަންޖެހޭ މިންވަރު އިތުރު. މި ހަފްތާގަވެސް އަޅުގަނޑުމެން ރަށުން ފުރައިގެން ވާވު އަތޮޅުން އެންހިފައިގެން ކ. ހުރާ ބޭރުގައި އޮތް ބަޔަކުން މަސްބާނައިގެން މަސް ކިރަން ދިޔައީ ލ. މާންދުއަށް. ތެލުގެ ހަރަދުގެ އިތުރުން އައިސްގެ ހަރަދުވެސް އެބައާދޭ. މަހުގެ އަގު ދުވަހުން ދުވަހަށް މިދަނީ ދަށަށް. ކުރަންޖެހޭ ހަރަދުތައް ވަނީ ބޮޑު. މިފްކޯއަށް ނޫނީ މާންދުއަށް ނުގަންނަ މަސް އަޅުގަނޑުމެން މިޖެހެނީ 5 ރުފިޔާއަށް ކޮންމެސް ރަށަކަށް ކިރާލަން." މިހާރު މަސްވެރިކަމުގެ ހާލަތު ނާފިޒް ސިފަކޮށްދިނެވެ.

މަސްވެރިކަން ކުރާ ގޮތުންފެށިގެން މަސްވެރިކަމުން ލިބޭ އާމްދަނީއަށް ބަލާލި ނަމަވެސް މިއީ ގިނަ ފުރުސަތުތައް ހުރި ދާއިރާއެކެވެ. ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެކެވެ.

އަސްދާނު ދޯނި

ނާފިޒް ބުނީ މަސްވެރިކަން ވަރަށް ބޮޑަށް ތަރައްޤީ ވެފައިވާކަމަށެވެ. މިގޮތުން މަސްވެރިންނާއި، މަސް ދޯނިފަހަރާއި، މަސްވެރިކަމުގައި ބޭނުންކުރާ ވަސީލަތްތައް ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަރައިގެން ގޮސްފައިވާކަން ކެޔޮޅު ފާހަގަކުރިއެވެ. ނަމަވެސް މަސްވެރިންނާ އެއްވަރަށް މަސް ގަންނަ ކުންފުނިތަކުން ތަރައްޤީ ނުވުމަކީ ކެޔޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

މަސްވެރިކަން ތަރައްޤީވެ ޒުވާނުން މަސްދޯނިފަހަރަށް އަރާ އަތުކުރި އޮޅާލިއިރު މަސްވެރިކަމުގެ ސިނާޢަތު މިއޮތީ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. މަސް ކިރަން އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ. އައިސް ހޯދަން އެހާ އުނދަގުލެވެ. މަހުގެ އަގު ދުވަހެއް ދުވަހަށް ދަނީ ދަށަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!