މަސްވެރިކަމާއި ގުޅޭ

އިއާދުު
އިއާދުު

އުންމީދަކީ ބައްޕަ ފަދައިން ކެޔޮޅަކަށް ވުން: އިއާދު

މަސްވެރިކަމާއި މެދު އާއްމުން ދެކޭގޮތް ދަނީ ބަދަލުވަމުންނެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންވެސް ދަނީ އިތުރުވަމުންނެވެ. ގިނަ އަދަދެއްގެ ޒުވާނުން މި ދާއިރާއަށް ވަންނަމުން ދިޔުމަކީވެސް މަސްވެރިކަމާއި މެދު ޒަމާންތަކެއް ވަންދެން މީހުން ދެކެމުން އައިގޮތް ބަދަލުވަމުންދާ އެއް ސަބަބެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ މަސްވެރިކަމުގެ ރަށްރަށުން މި ދާއިރާއަށްވަންން ޒުވާނުން ގިނައެވެ. އެގޮތުން ގދ. ފަރެސްމާތޮޑާއަކީ ގިނަ އަދަދެއްގެ ޒުވާނުން މަސްވެރިކަމުގައި އުޅޭ ރަށެކެވެ. ގިނަ އަދަދެއްގެ މަސް ދޯނިތައް އެރަށުގައި އޮތުމަކީވެސް މިކަމުގެ އެއް ސަބަބެވެ.

އެރަށުގައި މަހަށްދާ ޒުވާނުންގެ ތެރެއިން އިބްރާހިމް އިއާދު އާ މަސްވެރިން އެމްވީ ގެ ފަރާތުން ވާހަކަދައްކާލީމެވެ.

މިހާރު އުމުރުން 18 އަހަރުގެ އިއާދު މަހަށްދާން ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. ފަރެސްމާތޮޑާގައި ދުއްވާ ބާޙިރާ ދޯނީގައި މަހަށްދާން ފެށި އިރު އިއާދުގެ އުމުރަކީ 17 އަހަރެވެ. އިއާދު ބުނީ މަހަށްދާން ފެށީ މިއަހަރުތެރޭ ކޯވިޑް-19އާއި ގުޅިގެން ވަޒީފާއެއް ހޯދަންވެސް އުދަނގޫވުމުން ކަމަށެވެ. ނަމަވެސް މިހާރު އެހެން ވަޒީފާއެއް ހޯދުމުގެ ވިސްނުމެއްވެސް ނެތް ކަމަށް އިއާދު ބުންޏެވެ.

"އަސްލު ނުވިސްނޭ މީހުން ކިޔަނީ ނުކިޔަވާ މީހުންނޭ މަހަށްދަނީ، މިކަން ކޮށްލީމަ އެނގޭނީ މިއީ ކިހާ ސަޅި ކަމެއްކަން، އާމްދަނީގެ ގޮތުންވެސް ހިތްހަމަޖެހުންވެސް މި ހުރިހާ އެއްޗަކަށް ބަލާއިރު، މިއީ ވަރަށް ސަޅި ޖޮބެއް،" އިއާދު ބުންޏެވެ.

އިއާދު މަސްދޯނީގައި

އިއާދު ބުނީ މަސްވެރިކަމަކީ ހައްޓަށް ބުރަ މަސައްކަތެއް ކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އެވާހަކަ ދައްކަނީ މި މަސައްކަތް މިހާރު ކުރާ ގޮތް ނޭންގޭ މީހުންކަމަށެވެ. އެގޮތުން ޒާމާނީ ބޮޑެތި މަސް ދޯނި ފަހަރުގައި ލިބެން ހުންނަ ޙިދުމަތްތަކާއި ދިރިއުޅެންޖެހޭ ގޮތް ވަރަށް ސަޅި ކަމަށެވެ.

"ހުރިހާ ފެސިލިޓީއެއް ދޯނީގައި ހުރޭ، އައިސް އަޅާކަށް ނުޖެހޭ، އާރުއެސްޑަބްލިޔު ސިސްޓަމް ދޯނީގައި ހުރޭ. ބޮޑެތި އެނދުތަކުގައި ފުލް އޭސީގައި އުޅެނީ. އަނެއްކާ ކެއުންވެސް އެހާ ސަޅި، އެހެންވެ މިބުނަނީ ވަރަށް އަރާމު ވަޒީފާއެކޭ މިއީ،" އިއާދު ބުންޏެވެ.

އިއާދު މަހަށް ދާ ބާޚިރާ ދޯންޏަކީ ރާއްޖޭގައި ދުއްވާ މަަސްދޯނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދޯންޏެވެ. ބާޚިރާ އަކީ މަސްދޯންޏެއްގައި ހުންނަ އެންމެ ޒަމާނީ ހުރިހާ ވަސީލަތެއް ފުރިހަމަ ދޯންޏެކެވެ. އެ ދޯނިން މަހަށް ދާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އިއާދު ދެކެއެވެ.

އިއާދު ފާހަގަކުރިގޮތުގައި މަހަށް ގޮސްގެން ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެގޮތުން މަހަށް ގޮސްގެން އާއްމުގޮތެއްގައި މަހެއްގެ މައްޗަށް 25،000 ނުވަތަ 30،000 ވަރަކަށް ރުފިޔާ ލިބޭކަމަށް އިއާދު ބުންޏެވެ.

ބާޙިރާ ދޯނި، ފޮޓޯ -އިއާދު

އިއާދު ބުނީ މަސްވެރިކަމުން ލިބޭ އާމްދަނީއިން ރަށަށްވެސް ފައިދާވާނެ ވިޔަފާރިއެއް ފެށުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މިހާރުވެސް އެކަމަށް ބޭނުންވާ ފައިސާ ރައްކާކުރަމުންދާ ކަމަށް އިއާދު ބުންޏެވެ.

މަސްވެރިކަމުގައި ކުރިއަށް ދިޔުމަށް އާއިލާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް އިއާދު ބުންޏެވެ. ޙާއްސަކޮށް މަންމަ އާއި ބައްޕަގެ ފަރާތުން ލިބޭ ހިތްވަރާއި ސަޕޯޓު އޭނާ ފާހަގަކުރިއެވެ.

އިއާދުގެ ބައްޕަ، މުޙައްމަދު ގާސިމް އަކީ ފަރެސް މާތޮޑާގައި ކުރިން މަހަށް ދިޔަ އެރަށުގައި ފާހަގަކޮށްލެވޭ ކެޔޮޅެކެވެ. އަދި ގިނަ ދުވަސް ތަކެއްވަންދެން ކެޔޮޅުކަން ކުރި ފަރާތެކެވެ.

އިއާދު ބޭނުންވަނީ މަސްވެރިކަމުގައި ކުރިއަށް ގޮސް ބައްޕަ ފަދައިން ކެޔޮޅަކަށްވުމަށެވެ. އަދި އެހިސާބަށް ދިޔުމަށް ގަދައަޅާ މަސައްކަތްކުރުމަށް އޭނާ ހުރީ ތައްޔާރަށެވެ.

އިއާދުގެ އަމާޒަކީ ކެޔޮޅަކަށްވުން

މަސްވެރިކަމަކީވެސް ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ހުރި ދާއިރާއެކެވެ. މަސްވެރިކަމާއި މެދު ޒުވާނުން ދެކޭގޮތް ދަނީ ބަދަލުވަމުންނެވެ. އެގޮތުން އިއާދުފަދަ އެތަށް ޒުވާނުންނެއް ދަނީ މިދާއިރާއަށް ވަންނަމުންނެވެ. މިއީވެސް ރާއްޖޭގެ މަސްވެރިކަމަށް ލިބިގެންދާ ކުރިއެރުންތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.