މަސްވެރިކަމާއި ގުޅޭ

123599659_718824859059554_862556065527191245_n

މަސްވެރިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ސަރުކާރުން ނިންމެވި ސަބަބު!

މިއަދަކީ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހެވެ.

މަސްވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަރިސް ކުރަމެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ސަރުކާރުން ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި މަސްވެރިން އަދާކުރާ ދައުރާއި މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަ ކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. 1981 ވަނަ ފާހަގަކުރި އެންމެ ފުރަތަމަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި އޭރުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ޤައްޔޫމު ވަނީ މި ދުވަސް ފާހަގަކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"މިއަދަކީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެން އެދުވަހެއްގެ އިންތިޒާރުގައި ތިބި ދުވަހެއް. މިއަދަކީ، ދިވެހި ތާރީޚުގައި ފާހަގަކުރެވޭނެ ދުވަހެއް. މީގެކުރިން މަސްވެރިންގެ ނަމުގައި އެއްވެސް ދުވަހެއް ފާހަގަކުރެވިފައި އޮތްކަމެއް އެނގޭކަށްނެތް. މަސްވެރިންގެ ދުވަހެއް ފާހަގަކުރެވިފައި ނެތްތާނގައި، އެހެންވެސް އެއްވެސް މަސައްކަތެއް ކުރާ ބައެއްގެ ނަމުގައި ދުވަހެއް މީގެކުރިން ފާހަގަކުރެވިފައި އޮތްކަމެއްވެސް އެނގޭކަށް ނެތް. މިއަދުގެ މަޤްޞަދަކީ، މިއަދުގެ ބޭނުމަކީ، މިކުރާ ހުރިހާ އިޙުތިފާލުތަކެއްގެ ސިއްރަކީ، އަޅުގަނޑުމެންގެ މަސްވެރިންނަށް، އެމީހުން އެކުރާ ބުރަ މަސައްކަތްތަކަށްޓަކައި ދިވެހި އުންމަތުގެ ޝުކުރާއި ތަޢުރީފު އެމީހުންނަށް ރައްދުކުރުން." 1981 ވަނަ އަހަރު ބޭއްވި ފުރަތަމަ މަސްވެރިންގެ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެފައިއެވެ.

މީގެ 40 އަހަރު ކުރިން ބޭއްވި މި ޖަލްސާގައި ރައީސް މައުމޫން ވަނީ މަސްވެރިންގެ މުހިންމު ކަމުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.

"ކޮންމެއަކަސް މަސްވެރިކަމުގެ މުހިންމުކަމާ ދޭތެރޭ އަޅުގަނޑު މިމަޤާމުގައި މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެ. އޭގެ މުހިންމުކަން އެއީ ކޮންމެ ދިވެއްސަކަށް ރަނގަޅަށް އެނގޭނެކަމެއް. ދިވެހިރާއްޖެއާއި މަސްވެރިކަމާ ހުރިގުޅުން ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި ބަޔާންކުރައްވައިފި. ދިވެހިންނަށް މަސްވެރިކަމާދޭތެރޭގައި ހުރިގުޅުންވެސް އެމަނިކުފާނު ބަޔާންކޮށްދެއްވައިފި. އެއީ އެއްވެސް މީހެއްގެ ބަޔާނަކަށް ބޭނުންވާ ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. އެއީ އަޅުގަނޑުމެންގެ ލޭގައި ހިނގާ ކަމެކޭ، އަޅުގަނޑުމެންގެ އުފެދުމުގައި ހިމެނިފައިވާ ކަމެކޭ، އަޅުގަނޑުމެންގެ ޤައުމުގެ ފަސްގަނޑުގައި، އަޅުގަނޑުމެންގެ ޤައުމުގެ ވަށައިގެން މިވާ ކަނޑުގައި ހިމެނިފައިވާ ކަމެކޭ. އެހެންވީމާ، މަސްވެރިކަމާއި ދިވެހިންނާ، މަސްވެރިކަމާއި ދިވެހިރާއްޖެއާ އެއީ ދުވަހަކުވެސް ވަކިކުރެވޭނެ ދެ އެއްޗެއް ނޫން." ފުރަތަމަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

1981 ވަނަ އަހަރުން ފެށިގެންގެން 2011 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އައީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިންގެ ދުވަހަކީ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހަށް ބަދަލު ކުރެއްވިއެވެ. ނަމަވެސް އޭގެފަހުން ޑރ. މުޙައްމަދު ވަހީދު ޙަސަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި އަލުން ހަމަޖެއްސެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!