މަސްވެރިކަމާއި ގުޅޭ

ކައްޓަފުޅި މިޔަރު

ކައްޓަފުޅި މިޔަރަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައްޔާއި، ވިލުވިލުގައި އަދި ބޭރުކަނޑުތަކުގައި އުޅޭ ބޮޑު ހަށިގަޑެއް ލިބިފައިވާ މިޔަރެކެވެ. މިމިޔަރު ގާތްގަޑަކަށް 3 މީޓަރަށް ބޮޑުވާކަމަށްވެއެވެ. ޖިންސީގޮތުން މިބާވަތް ބޮޑުވާކަމަށްވަނީ އޭގެ ދިގުމިން 1.6 މީޓަރާއި 2 މީޓަރާ ދެމެދުގައެވެ. މިބާވަތުގެ މިޔަރު ކޮންމެފަހަރަކު 1 އާއި 11 ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ރާއްޖެއިން ގިނައިން ރެކޯޑް ކުރެވިފައިވާ މިޔަރެއް ނޫނެވެ.

މިމިޔަރަކީ ފީނުންތެރިންނަށް ނުރައްކާތެރި މިޔަރެއްކަމުގައި ވަނީ ބެލިފައެވެ. އަދި މިއީ މިބާވަތުގެ އެއްމިޔަރު އަނެއް މިޔަރާއި ވަރަށް ގިނައިން ތަޅާފޮޅާ އުޅޭ ބާވަތެކެވެ. ވުމާއެކު މިބާވަތުން ހިފޭ މިޔަރުގެ ހަށިގަނޑުގައި އެކަމުގެ އަސަރު ވަރަށް ގިނަ ފަހަރު ފެންނަން ހުރެއެވެ. ރާއްޖޭގައި ލޮނުއަޅައިގެން ކުރި މަސްވެރިކަމެއްގައި 1988 ވަނަ އަހަރުގެ ކުރީކޮޅުގައި މާލޭގެ އިރުމަތިން ގާތްގަނޑަކަށް 30 މޭލު ބޭރުނއ 2.3 މީޓަރު ދިގުމިނުގެ ކައްޓަފުޅިމިޔަރެއް ބޭނިފައިވެއެވެ.

މިބާވަތުގެ މިޔަރުގެ ތުން އާދައިގެ ވަރަށް ދިގެވެ. މިޔަރުގެ ކާނާއަކީ ކަނޑުގެ އަޑީގައްޔާއި މަތީގައި އުޅޭ ތަފާތު ބާވަތް ބާވަތުގެ މަހާއި، މަޑިއާއި، ބޯވައެވެ. މިމިޔަރު މަތިން ފެށީގެން ގާތްގަނޑަކަށް 800 މީޓަރު ފުނުގައިވެސް އުޅޭކަމަށްވެއެވެ. މީގެ މަހަކީ ކެއުމަށް ރަނގަޅު މަހެކެވެ. މިމިޔަރުގެ މަތީބައިގެ ކުލައަކީ ގަދައަޅި ނުވަތަ މުށިކުލައެކެވެ. ބަނޑުދަށް ހުދެވެ. ހުރިހާ އުރަހައެއްގެ ކޮޅާއި އަރިމަތި ހުންނަނީ ހުދު ކުލައެއްގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Silvertip shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!