މަސްވެރިކަމާއި ގުޅޭ

FAD2

އޮއިވާލި ކަނދުފަތި: މަސްވެރިކަމަށް އިންޤިލާބެއްގެނުވި ކާމިޔާބު ވަސީލަތެއް

މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް  ސަރުކާރުން އެންމެ ފުރަތަމަ އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 27 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ހަރުކުރި 10 ކަނދުފަތި ހަރުކޮށްފައިވަނީ، ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ "އެފްއޭއޯ"ގެ އެހީގައެވެ. އޭގެފަހުން ހަރުކުރި 10 ކަނދުފަތި ހަރުކޮށްފައިވަނީ  ޔޫއެންޑީޕީގެ އެހީގައެވެ. އޭގެފަހުން މިމަޝްރޫޢު ކުރިއަށްގެންދިޔައީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. ނަމަވެސް ކަނދުފަތި ކަނޑައިގެން ދިއުމުން އަމިއްލަ ފަރާތްތަކުން މިކަމަށް ހޭދަވާ ފައިސާގެ ދެބައިކޮށް އެއްބައިދީގެންވެސް ބައެއް އަތޮޅުތަކުންނާއި ރަށްރަށުން ކަނދުފަތި ހަރުކުރަމުން ގެންދިޔައެވެ. ސަބަބަކީ ވީހާވެސް އަވަހަށް ކަނދުފަތި ހަރުކުރުމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހަރުކުރި ކަނދުފަތި ތަކުގެ ތެރެއިން ކަނދުފައްޗެއް / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ސަރުކާރުން ފުރަތަމަ ހަރުކުރި ކަނދުފަތިތަކާ މިހާރު ބޭނުންކުރަމުންދާ ކަނދުފަތިތަކާއި ބޮޑުތަފާތުތަކެއް ހުރެއެވެ. އޭރު ހަރުކުރާ ކަނދުފަތިތައް އަވަހަށް ކަނޑައިގެން ދިއުމާއ،ި ކަނޑުފަތިތައް ގެއްލޭ މައްސަލަޔަކީ އޭރު ފާހަގަކުރެވުނު ބޮޑެތި މައްސަލަތަކެވެ. ކަނދުފަތިތައް ކަނޑައިގެން ދިއުމަށް މެދުވެރިވާ އެއް ސަބަބަކީ މިޔަރު ފަދަ ތަކެތި ކަނދުފަތީގެ ވަލުގައި ދަތްއެޅުމުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓްރީން އޭރު ކުރި ދިރާސާތަކުން އެނގުނެވެ. މި ދިރާސާގެ އަލީގައި މިމައްސަލަ ހައްލުކުރުމަށް  ދެހާސްވަނަ އަހަރު، ކަނދުފަތީގައި އައްސާ ވާ ވަރުގަދަކުރުމަށް ވަލުގެ އެތެރެއަށް ދަގަނޑު ވައިރު ލައްވައިގެން މިކަމަށް ޚާއްޞަކޮށްގެން ވަލެއް އުފައްދައި މި ވާ ބޭނުންކޮށްގެން ކަނދުފަތި އަޅަން ފެށިއެވެ.

މިހާރު ބޭނުންކުރާ ގޮތަށް ކަނދުފަތީގެ ޑިޒައިން ބަދަލުކޮށްފައިވަނީ ދެހާސްވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު އަޖުމަބެލުމުގެ ގޮތުން ކަނދުފަތީގެ ސައިޒް ބޮޑުކޮށް ކަނދުފައްޗެއް ވަނީ އަޅާފައެވެ. 2017 ވަނަ އަހަރުގެ  އޮގަސްޓްމަހުގެ އެކާވީސް ވަނަ ދުވަހު އާ ޑިޒައިނާއެކު މި ކަނދުފަތި އަޅާފައިވަނީ ކ. ހުރައާއި ދިމާލުން އިރުން، ސޯޅަ ނޯޓިކަލް މޭލު ބޭރުން،  ދެހާސް ހަތަރު ސަތޭކަ މީޓަރ އަޑީގައެވެ. މިކަނދުފަތީގެ އެންމެ ބޮޑު ތަފާތަކީ ކަނދުފަތީގެ ބޮއިގެ ސައިޒް ބޮޑުވުމެވެ. މިގޮތުން މިހާރު ބޭނުންކުރާ ކަނދުފަތިތަކުގެ ބޮއިގެ ސައިޒަށްވުރެ ދެގުނައަށް މި ކަނދުފަތީގެ ބޮއި ވަނީ ބޮޑުކޮށްފައެވެ. އަދި ކަނދުފަތި އަޅަން އާންމުކޮށް ބޭނުންކުރާ ވިހި އެމްއެމްގެ ވަލުގެ ސައިޒް، ތިރީސް އެމްއެމްއަށް  ފަލަކޮށް، ކަނދުފަތި ހަރުކުރާ ކޮންކްރިޓް ގަލުގެ ބަރުމިން ތިންޓަނުން ފަސްޓަނަށް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖޭގައި އާންމުކޮށް ކަނދުފަތި ހަރުކުރަނީ އަތޮޅު ދުނިން ފެށިގެން ބާރަ މޭލާއި ވިހި މޭލާ ދެމެދު އަތޮޅުގެ ނިވައި ނުޖެހޭވަރަށް މާކަނޑުގައެވެ. އަދި ކަނދުފަތި ހަރުކުރަނީ އެސަރަހައްދު ކަނޑުގެ އަޑީގެ ވެލިގަނޑުގެ އެއްވަރުމިނަށް ބެލުމަށްފަހުގައެވެ. ކަނދުފަތި ހިފެހެއްޓުމަށް ބޭނުންކުރާ ކޮންކްރިޓް ގާ ދޫކޮށްލަނީ ކަނޑުގެ ދެހާސް މީޓަރާއި ތިންހާސް މީޓަރ ދެމެދު އަޑިއަޑެވެެ.

އޮއިވާލި ކަނދުފައްޗެއް

ކަނދުފަތިތަކަކީ އެޅުމަށްފަހު އަބަދު ދެމިއޮންނަ އެއްޗަކަށް ނުވުމާއެކު ކަނޑައިގެންދާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުގައި އެހެން ކަނޑުފައްޗެއް ހަރުކުރުމަށް މަސްވެރިކަމާވެހޭ ވުޒާރާއިން މަސައްކަތް ކުރެއެވެ. މިކަމަށް ސަރުކާރުން ގެންދަނީ ބޮޑު ހޭދައެއްވެސް ކުރަމުންނެވެ. އެއީ ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުކަމަށްވާ މަސްވެރިކަން ތަރައްޤީކޮށް އެކަމުން ޤައުމަށާއި މަސްވެރި ޢާއިލާތަކަށް ލިބޭ ފައިދާ އިތުރުކޮށް ދެމެހެއްޓެވުމަށެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދުވެއެވެ.

މަސްވެރިން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށް އިންތިލާބެއް ގެނުވި އެއްޗަކީ އޮއިވާލި ކަނދުފައްޗެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 ކަނދުފަތި ހަރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. 1980ge thereygaa Maizan Hassan Maniku ge isnegumuge dhashun Marine Research Centerun gaaimu kirevunu masverikamuge ingilaabeh kamah faahaga kollan

Comments are closed.