މަސްވެރިކަމާއި ގުޅޭ

141677172_421729985611038_4267584801962672582_n

މަސްވެރިކަން ކުރުމަށް ކުރާ މަސައްކަތާއި ބަލާ މިހާރު މިލިބެނީ ހަމަ އުޖޫރައެއް ނޫން: ޒުވާން މަސްވެރިޔާ ވިސާމް

މަސްވެރިކަން އިހުގައި ކުރަމުން އައި ގޮތް ބަދަލުވެ، ޒަމާނީ ވަސީލަތްތަކާއި އެކު މަސްވެރިކަން ކުރަން ފެށުމާއި އެކު މަސްވެރިކަމުގެ ދާއިރާއަށް ވަންނަ ޒުވާނުންވެސް ދަނީ އިތުރުވަމުންނެވެ.

ޒުވާނުން މި ދާއިރާއަށް ވަންނަ އަދަދު އިތުރުވެފައިވާއިރު، މިދާއިރާއާމެދު އެ ޒުވާނުންގެ ހުރި ޝުޢޫރުތައްވެސް މަސްވެރިން އެމްވީއިން ހޯދާލީމެވެ.

އެގޮތުން ރާއްޖޭގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެއް ކަމުގައިވާ ފަރެސްމާތޮޑާއަށް އުފަން އުމުރުން 28 އަހަރުގެ ވިސާމް މުޙައްމަދަކީ އެރަށުގައި މަހަށްދާ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތެކެވެ. ވިސާމް މިހާރު މަހަށް ދަނީ އެރަށުގައި އޮތް މަހަށްދާ އެންމެ ބޮޑު ދޯނިކަމަށްވާ ބާޙިރާ ދޯނިންނެވެ.

ވިސާމް މަހަށްދާތާ މިހާރު 10 ވަރަކަށް އަހަރުވަނީ ވެފައެވެ. އޭނާ ސްކޫލް ނިންމި ގޮތަށް ދާން ފެށީ މަހަށެވެ.

މަސްވެރިޔާ ވިސާމް

ވިސާމްގެ ބައްޕައަކީވެސް މަސްވެރިއެކެވެ. ބައްޕައާއި އެކު މަހަށް ގެންދަން ފުރަތަމަ އެދުމުން ބައްޕަ އޭނާ މަހަށް ގެންދަން ބޭނުން ނުވިޔަސް ވިސާމަށްވެސް މިދާއިރާއިން ކުރިއަށް ދެވިދާނެ ކަން ބައްޕައަށް ޤަބޫލްކުރެވުމުން މަހަށް ގެންދަން ފެށީ ކަމަށް ވިސާމް ބުންޏެވެ.

ވިސާމް ބުނީ އޭނާ އެންމެ ކުޑައިރުން ފެށިގެންވެސް ކުރަން ބޭނުންވި މަސައްކަތަކީ މަސްވެރިކަން ކަމަށެވެ.

" އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް މަހަށް ދާ ހިތްވޭ، މުޅި އުމުރުވެސް މަހަށް ދާން ބޭނުންވަނީ، ބައްޕަވެސް މި ފަހަކާ ޖެހެންދެން ދިޔައީ މަހަށް، އަޅުގަނޑުވެސް ބޭނުންވަނީ ހަމަ ބައްޕަ ގޮތަށް މަސްވެރިކަމުގައި އުޅެން،" ވިސާމް ބުންޏެވެ.

މަސްވެރިޔާ ވިސާމް

މަސްވެރިކަމުގައި އުޅެން ތިކަންމެ ބޭނުންވި ނަމަވެސް ވިސާމް ބުނީ މަސްވެރިކަމުގެ ކުރިމަގު މިހާރު ބަނަވެފައިވާ ކަމަށެވެ. އެގޮތުން މަހަށް ގޮސްގެން ކުރިން ރަނގަޅު އާމްދަނީއެއް ލިބުނަސް މހާރު ލިބެނީ ކުޑަ އެޗެއްކަމަށް ވިސާމް ބުންޏެވެ.

ވިސާމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިކަން ކުރާގޮތް ތަރައްޤީވެ، މަސް ވެރިކަން ކުރާ އުޅަނދުފަހަރުތައް ތަރައްޤީވެގެންދާއިރު، މަސް ގަންނަ ކުންފުނިތަށް ތަރައްޤީނުވާ މައްސަލައެވެ.

"ސްކޫލް ނިންމާފަ މިދާއިރާއަށް ވަންއިރު، މިދާއިރާއިން ދެވެން އޮތް އެންމެ ދުރަކަށްދާން ގަދައަޅާ މަސައްކަތްކުރީ، އެހެން ނަމަވެސް މިހާރު ނުފެނޭ މިދާއިރާއިން އެހާބޮޑު ކުރިމަގެއް، އެއީ މަހަށް ހަމައަގެއް ނުލިބޭ، ކުރާ ބުރަ މަސައްކަތާއި ބަލާފަ ނުލިބޭ ހަމައަގެއް،" ވިސާމް ބުންޏެވެ.

ވިސާމް އާއިލާއާއި އެކު

ވިސާމްގެ އަންބަކާ ދަރިއެއް ހުރެއެވެ. ވިސާމްގެ އަންހެނުން ނަރުސްކަން ކިޔަވަމުންދާއިރު، އަންހެނުންގެ ކިޔެވުމުގެ ހަރަދުތައްވެސް ކުރަނީ ވިސާމްއެވެ.

އެހެންކަމުން މަސްވެރިކަމުން ލިބެމުން އައި އާމްދަނީ ދަށަށް ދިޔުމުންނާއި މަސް ކިރުމަށްފަހު އަތަށް ފައިސާ ލިބުމުގައި ދުވަސްތައް ހޭދަވުމުން ދިރިއުޅުމުގެ ކަންތައްތައް ފުއްދުމަށްވެސް ބައެއް ފަހަރު ދަތިވާކަމަށް ވިސާމް ބުންޏެވެ. މަހަށް ގޮސްގެން ލިބޭ އާމްދަނީ ދަށަށް ދިޔުމުން ޒުވާނުން މަހަށްދާން ކުރިން ހުންނަ ފޯރި މިހާރު ނުހުންނަ ކަމަށްވެސް ވިސާމް ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!