މަސްވެރިކަމާއި ގުޅޭ

Oivaali-kandhufaithi-533

ފިޔޯރީ ބޮއި ކަނޑައިގެން ދިޔަތާ ތިން މަސްވެ، މަސްވެރިންނަށް ދަތިތަކެއް 

ގދ.އަތޮޅު ފިޔޯރީ ކައިރީގައި އަޅާފައި އޮންނަ މަސް ބޮއެ ކަނޑައިގެން ދިޔަތާ ތިން މަސްދުވަހަށް ވުރެވެސް ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެސަރަހައްދުގައި އަލުން ބޮއެއް އަޅާފައި ނުވާތީ އެސަރަހައްދުގެ މަސްވެރިންނަށް ދަތިތަކެއް ކުރިމަތިވަމުން އެބަދެއެވެ.

ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފަރެސްމާތޮޑާ އާއި ފިޔޯރީ އަދި ރަތަފަންދޫގެ އިތުރުން ވާދޫގެ މަސްވެރިން ވެސް އެންމެ އާއްމުކޮށް ބޭނުން ކުރަމުން އައި ބޮއެ ކަނޑައިގެން ގޮސްފައި އޮތުމުން އެރަށްތަކުގެ މަސްވެރިން މިހާރު މަސްވެރިކަން ކުރަން ދަތުރު ކުރަން ޖެހެނީ ދުރު ސަރަހައްދުތަކަށެވެ. އެކަމުގެ ސަބަބުން ޚަރަދު ބޮޑުވެ މަސްވެރިންގެ އާމްދަނީއަށް ވެސް ވަނީ އަސަރު ކޮށްފައެވެ.

ފަރެސްމާތޮޑާގެ މަސްވެރިޔަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ ގދ.އަތޮޅުގައި އޮންނަ މަސްވެރިކަން އެންމެ ރަނގަޅު އެއްބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވުމުން އެސަރަހައްދާއި އަދި މުޅި އަތޮޅުގެ މަސްވެރިންނަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

"މިއީ ހަތަރު ރަށަށް ބެލި ނަމަވެސް ގާތްގަނޑަކަށް300 ވަރަކަށް މަސްވެރިންގެ އާމްދަނީ އާއި ގުޅިފައި އޮތް ބޮއެއް. އެ300 މަސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ އާމްދަނީ މިއީ. މަސްވެރިކަން ވެސް ދަށް، މަސް ކިރައިގެން ލިބޭ އާމްދަނީ ވެސް މަދު އަދި ތެލުގެ އަގު ބޮޑު ދުވަސްވަރެއްގައި ބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް." އޭނާ ބުންޏެވެ.

އިތުރު މަސްވެރިޔަކު ބުނީ މަސް ބޮއެ ކަނޑައިގެން ދިޔަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެކަމުގެ ސަބަބުން މަސް ބާނަން ކުރަން ޖެހޭ ދަތުރު ދިގުވެ، ލިބޭ އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ.

"ކުރިން ދެފީފާ ތެޔޮ ޚަރަދު ކުރަން ޖެހޭނަމަ މިހާރު އެއަދަދު މިއިތުރުވެގެން ދަނީ ހައެއްކަ ފީފާއަށް. ކައިރިން ކުރެވެން އޮތް މަސްވެރިކަން ކުރަން ދުރަށް ދަތުރު ކުރަން ޖެހެންޏާ ޚަރަދުތައް ބޮޑުވެގެން ދާނެ ނޫންތޯ؟ މަހުގެ އަގުވެސް މިވީ ދެތިން މަސް ދުވަހުގެ ތެރޭގައި މިވަނީ ދަށަށް ގޮސްފައި. ތެލުގެ އަގު ވެސް މިވަނީ އަނެއްކާ ބޮޑުވެފައި. ވަރަށް ބޮޑު ދެރައެއް ފިޔޯރީ ބޮއެ ނެތި ގިނަ ދުވަސްތަކެއް ވެގެން ދިއުން މިއީ." އޭނާ ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.