މަސްވެރިކަމާއި ގުޅޭ

FAD Fishing 2

ގަވާއިދާ ޚިލާފަށް ކަނދުފަތިތަކުގެ ކައިރީގައި މަސްވެރިކަންކުރުމުން މުޅި މަސްވެރިކަމަށް ގެއްލުން!

ފާއިތުވި ދެމަހައްހާ ދުވަހު ހުވަދޫ އަތޮޅުގެ ގިނަ މަސްވެރިން މަސްބޭނީ ގއ. ދާންދޫ ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތިންނެވެ. ގިނަ މަސްވެރިން މާކަނޑުގައި ދުއްވުމުގެ ބަދަލުގައި އެންކޮޅު ނަގައިގެން ދިޔައީ ކަނދަށެވެ. ކޮންމެ ދުވަހަކު މަދުވެގެން ތިރީހަކަށް ދޯނި މި ބޮޔަށް ދެއެވެ. ކަނދުފަތި ކައިރީ މަސްވެރިކަން އެންމެ ރަނގަޅު ވަގުތަކީ އިރު އަރައިގެން އަންނަ ވަގުތެވެ. ފަތިހު 5:50ން 06:30 އާ ހަމައަށް ލިބޭ ކުޑަ ވަގުތުކޮޅުގައި ދޯންޏަކަށް 2 ޓަނު ނުވަތަ 3 ޓަނު މަސް ބޭނެއެވެ. އެހެންނަމަވެސް މިދިޔަ އާދީއްތަ ދުވަހު އެންދަމައިގެން ކަނދަށްދިޔައިރު މަސްވެރިކަމެއް ނެތެވެ. ދޯންޏަކުން ބޭނީ ހައެއްކަ މެހެވެ.

ދުވާލަކަށް 100 ވަރަކަށް ޓަނު މަސް ބާނަމުން ދިޔަ ދާންދޫ ބޮއިގެ މަސްވެރިކަން ކުއްލިއަކަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރުމުގެ ސަބަބުން ކަމަށް މަސްވެރިން ބުނެއެވެ. ބައެއް މަސްވެރިން ދެކޭ ގޮތުގައި ފާއިތުވި މަހެއްހާ ދުވަހު ވަދުދަމާ ކުދި ދޯނި ފަހަރުތަކުން ވަދު ދަމައިގެން މަސްވެރިކަން ކުރުމާއި، ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމަކީވެސް މީގެ ސަބަބެކެވެ. ވަކިން ޚައްސަކޮށް ރޭގަނޑު ލައިޓް ދިއްލައިގެން ބޮއި ކައިރިން މަސްވެރިކަން ކުރުމަކީ ވަރަށް ގެއްލުން ހުރިކަމެކެވެ.

މިދިޔަ މަހު ދާންދޫ ބޮއި ކައިރީގައި ވަދުދަމާ މަސްވެރިކަން ކުރުމާއި ދިރޭ އެންޖެހައިގެން އަޑިއަށް ފައްތައިގެން މަސްވެރިކަންކުރާ ދޯނިތައް ހަރަކާތްތެރިވިއެވެ. ބައެއް ދުވަހު ވަދުދަމާ 3 ދޯނިވެސް އެއް ގަޑިއެއްގައި މަސްވެރިކަން ކުރަން އޮވެއެވެ.

ކަނދުފައްޗަކީ މަސްވެރިންނަށް ވަރަށް މުހިއްމު އެއްޗެކެވެ. ކުދި އުޅަނދުފަހަރުތައް ދާއިމީކޮށް މަސްބާނަން ދަނީ ކަނދުފައްޗަށެވެ. އަދި ކަނޑުގެ އައިން ތަކުގެ މަސްވެރިކަން ދަށްވާ ދުވަސްތަކުގައި ބޮޑެތި އުޅަނދުފަހަރުންވެސް ގިނައިން މަސްވެރިކަން ކުރަނީ ކަނދުފަތިތަކުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި 56 ކަނދުފަތިވަނީ ހަރުކޮށްފައެވެ. އަތޮޅުން ބޭރު 12 ވަރަކަށް މޭލުގައި ހަރުކޮށްފައިވާ މަސް ކަނދުފަތިތަކުގެ ބޭނުމަކީ އެއަށް މަސްޖަމާވެ، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިންނަށް މަސްވެރިކަން ކުރުމަށް މަގު ފަހިކުރުމެވެ.

ކަނދުފަތިތައް އަޅަނީ ދޮށީގެ މަސްވެރިކަން ކުރުމަށެވެ. މިއީ ޒަމާނުއްސުރެ މިކަން އޮންނަ ގޮތެވެ. އެހެންނަމަވެސް، ކަނދުފަތިތަކުގައި ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތަށް އޮތުމަކީ މަސްވެރިންގެ މެދުގައި ޚިޔާލުތަފާތު ކަމެކެވެ. މަސްވެރިންނޭ މިބުނަނީ ކަނޑުމަހާއި، ބޮޑު ކަންނެލި މަސްވެރިންގެ އިތުރުންވެސް، ވަދުއަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކާއި އެހެނިހެން މަސްވެރިންވެސް ހިމެނޭހެންނެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ އެބައެއް ކުރާ މަސްވެރިކަމެއް ކަނދުފަތިތަކުގެ ކައިރީގައި ކުރުމަށެވެ. ދިރޭ އެންޖަހައިގެން ކަންނެލިވެސް ބާނަންވީއެވެ. ވަދު މަސްވެރިން ވަދުދަމާ މަސްބާނާންވީއެވެ. އަދި ސްޕޯޓްސް ފިޝިންގ ގައި ހަރަކާތްތެރިވާ މަސްވެރިންވެސް މަސްވެރިކަން ކުރަންވީއެވެ.

ކަނދުފަތިތަކުގެ ވަށައިގެން 3 މޭލު ސަރަހައްދެއްގައި ދޮށީގެ މަސްވެރިކަން ނޫން އެހެން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. ކަނދުފަތީގައި ކުރުން މަނާ މަސްވެރިކަމުގެ ތެރޭގައި ދިރޭ އެންޖަހައިގެން އަޑިއަށް ފެއްތުމާއި، ވަދު ދެމުމާއި ވަދު ފެއްތުމާއި، އެމުގެ ގޮތުގައި ތާވަޅު ބޭނުންކުރުން ހިމެނެއެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ސަރަހައްދު ތަކުގައި ކަނޑުމަހުގެ މަސްވެރިކަން ދަށްވެ، ގިނަ ދޯނިތައް މަސްވެރިކަން ކުރަމުން އަންނަނީ ކަނދުފަތިތަކުގެ ކައިރިންނެވެ. ކަނދަކީ ހުރިހާ ވައްތަރެއްގެ މަސް ޖަމާވާ އެއްޗެކެވެ. އެހެންކަމުން ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންގެ އިތުރުން، ކަންނެލި މަސްވެރިންނާއި، ވަދުދަމާ ވަދު ފައްތައިގެން މަސްބާނާ މީހުންވެސް ކަނދުފަތިތަކުގެ ކައިރީގައި ދަނީ މަސްވެރިކަން ކުރަމުންނެވެ. މިގޮތަށް މަސްވެރިކަން ކުރުމުން ކަނދުފަތީގެ މަސްވެރިކަން ހަލާކުވެއެވެ. މަސް އައިން ދެރަވެ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ގެއްލުންވެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރާ އުޅަނދުތައް-/5000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. 30 އޮގަސްޓް 2020ގައި ގަވާއިދު ގެޒެޓް ކުރިފަހުން މިއަދާއި ހަމައަށް ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތައް ބަލާ 7 އުޅަނދެއްވަނީ ޖޫރިމަނާ ކޮށްފައެވެ. އަދިވެސް އިތުރު މައްސަލަތައްދަނީ ބަލަމުންނެވެ. އަދި ކަނދުފައްޗަކަށް ގެއްލުން ދީފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެން ވެއެވެ.

ކަނދުފަތިތަކުގެ ކައިރީގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ގަވާއިދު ތަންފީޒުކުކޮށް ފިޝަރީޒް މިނިސްޓްރީއިންދަނީ ފިޔަވަޅު އަޅަމުންނެވެ. މީގެ ކުރިންވެސް މިނިސްޓްރީއިންވަނީ ގަވާއިދާއި ޚިލާފަށް މަސްވެރިކަންކުރާ ދޯނިތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

-/5000 ރުފިޔާއިން ޖޫރިމަނާ ކުރުމުން ގަވާއިދާ ޚިލާފަށް ކަނދުފަތީގައި މަސްވެރިކަން ކުރުން ނުހުއްޓުވެއެވެ. މަސްވެރިކަމުގެ ލައިސަންސް ނަގައިގެން ގަވާއިދާ ޚިލާފަށް ކަނދުފަތީގައި މަސްވެރިކަންކުރާ އުޅަނުދުތައްވެސް ވަރަށް ގިނައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!