މަސްވެރިކަމާއި ގުޅޭ

Ali Akbar

ސަރުކާރުތަކުން މަސްވެރިކަން ކުރިއަރުވަން ޕްލޭންތައް ކުރޭ، އަމަލީ ސިފައެއް ނާދޭ: ކެޔޮޅު އަކްބަރު

މަސްވެރިކަމުގައި ހޮވާލެވޭ ރަށްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ އެއް ރަށަށް ގއ. ގެމަނަފުށި ވާނެއެވެ. އެރަށުގައި ގިނަ އަދަދެއްގެ މަސް ދޯނިތައް އޮންނަ އިރު، ރަށުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރަނީ މަސްވެރިކަމެވެ.

އެރަށުގައި މަހަށް ދާ މަސްދޯނިފަހަރުތަކުގެ ތެރެއިން މަރުޙަބާ ދޯންޏަކީ ފާހަގަކޮށްލެވޭ ދޯންޏެކެވެ. މި ދޯނީގެ ކެޔޮޅު އަލީ އަކްބަރުއަކީ 2018ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޒުވާން ކެޔޮޅުގެ އެވޯޑު ހާސިލްކޮށްފައިވާ ފަރާތެކެވެ.

މަސްވެރިންގެ ދުވަސް 2018، އެންމެ ޒުވާން ކެޔޮޅުގެ އެވޯޑާއި އަކްބަރު ހަވާލުވަނީ

މިހާރު އުމުރުން 33 އަހަރުވެފައިވާއިރު، މެދު ނުކެނޑި އޭނާ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 9 އަހަރުވަނީ ވެފައެވެ. އަކްބަރު ކެޔޮޅުކަން ކުރާތާ މިހާރު ގާތްގަނޑަކަށް 3 އަހަރުވީއެވެ.

މަސްވެރިކަމުގައި މިހާ ގިނަ ދުވަސްވެފައިވާއިރު، އޭނާ ވަނީ މަސްވެރިކަމުގެ ގިނަ ތަޖުރިބާތައްކޮށްފައެވެ. މަސްވެރިކަމުގެ ހާލަތު މިހާރު އޮތް ގޮތާއި މެދު އޭނާގެ ގިނަ ޝަކުވާތަކެއް އެބަ ހުއްޓެވެ.

އެގޮތުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމަކީ ހުރި ބޮޑު ތައްޗެއް ކަން އޭނާ ފާހަގަކުރިއެވެ.

" މިހާރު މަސްވެރިން މިޖެހެނީ އައިސް ހޯދަން އެކި ތަންތަނަށް ދުއްވަން، މަސް ބާނާ ދުވަސްކޮޅެއްގައި ނަމަ، އައިސް ޕްލާންޓުތަކުން ހުންނަނީ ވަކި މިންގަނޑެއް ކަނޑައަޅާފައި، މިހެން ހެދުމުން އައިސް ހޯދަން އެކި ތަންތަނަށް ދުއްވަން ޖެހެނީ،" އަކްބަރު ބުންޏެވެ.

އަކްބަރު ބުނީ މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް ހޯދުމުގައިވެސް ދަތިތަކެއް ހުރި ކަމަށެވެ. މިފްކޯގެ ބޯޓު ފަހަރުތަކުގައި ތެލުގެ ރިސަރވް ކުޑަ ކަމަށާއި، މިހެންވުމުން ތެޔޮ ހޯދުމަށްވެސް ދަތިވާކަމަށް އަކްބަރު ބުންޏެވެ. އަދި މިދިޔަ މަސް ތެރޭ ޑީސަލްގެ އަގު ތިން ފަހަރަށް ބޮޑުކޮށްފައިވާ ކަންވެސް އަކްބަރު ފާހަގަކުރިއެވެ.

އަކްބަރު ދުއްވާ ދޯނި

އަކްބަރުގެ ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންމެ ސަރުކާރަކުންވެސް މަސްވެރިކަން ކުރިއެރުވުމަށް ގިނަ ޕްލޭންތަކެއް ކުރި ނަމަވެސް އަމަލީ ސިފައެއް އެކަންތަކަށް ނައުމެވެ. އެގޮތުން މިހާރުވެސް ސަރުކާރުން ގިނަ ކަންތައްތަކެއް އިޢުލާން ކުރަމުންދިޔަ ނަމަވެސް އެކަންތައް ތަކުގެ އަމަލީ މަސައްކަތް ނުފެށި ގިނަ ދުވަސްވެގެންދާތަން ފެންނަ ކަމަށް އަކްބަރު ބުންޏެވެ.

" ސަރުކާރުން މާކަ ބޮޑު އަހައްމިއްޔަތެއް މަސްވެރިކަމަށް ދޭތަނެއް ނުފެނޭ، ކޯވިޑްގެ ހާލަތުގައިވެސް އެގުނީ މަސްވެރިކަން ކުރިއެރުވުމުގެ މުޙިއްމުކަން، އެކަމަކުވެސް މަސްވެރިކަން ކުރިއެރުވުމަށް އެހާ ބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނޭ،" އަކްބަރު ބުންޏެވެ.

އަކްބަރު ބުނީ ދަޅުގައި މަސް ބަންދުކޮށްގެން ބޭރު ކުރުމުން، މަހަށް ރަނގަޅު އަގު ލިބޭނެކަން އެންމެންނަށްވެސް އެނގޭކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރާތަން ނުފެންނަ ކަމަށް އަކްބަރު ބުންޏެވެ.

ޒަމާން ބަދަލުވެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުން ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް އަކްބަރު ފާހަގަކުރިގޮތުގައި މަސްވެރިކަމުގެ ދާއިރާއަށް ސްކޫލް ނިންމާފައި ވަންނަ ޒުވާނުން މަދެވެ. އެގޮތުން މަސްވެރިކަމުގައި ގިނަވާނީ އެހެން ވަޒީފާތައް އަދާކުރުމަށްފަހު މަސްވެރިކަމަށް ވަންނަ ޒުވާނުން ކަމަށް އަކްބަރު ބުންޏެވެ.

މަސްވެރިންނާއި އެކު އަކްބަރު ޑައިވިންއަށް ދާން ތައްޔާރުވެގެން

އެހެން ނަމަވެސް މަސްވެރިކަމަކީވެސް ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެއް ކަމަށާއި، ސްކޫލް ނިންމުމަށްފަހު ވަންނަން އެންމެ ރަނގަޅު ދާއިރާއެއްކަން އަކްބަރު ފާހަގަކުރެއްވިއެވެ.

އަކްބަރު ބުނީ މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުން އަދާކުރަން އެންމެ ފަސޭޙައެއް ވަޒީފާއެވެ. ރަނގަޅު އާމްދަނީއެއް ލިބި، އާއިލާ ގާތުގައި ހުރެގެން، ބޭނުން ވަގުތެއްގައި ޗުއްޓީވެސް ނަގާލެވޭނެ ވަޒީފާއެއްގެ ކަން އަކްބަރު ފާހަގަކުރިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!