މަސްވެރިކަމާއި ގުޅޭ

އެންކެޔޮޅުން އެންއުކަނީ - ފޮޓޯ: މަޑަވެލި މަސްވެރިން
އެންކެޔޮޅުން އެންއުކަނީ - ފޮޓޯ: މަޑަވެލި މަސްވެރިން

ދެ އެންކެޔޮޅުން އެންއުކާއިރު ތަފާތު ކަމެއް ފާހަނގަވޭ؟

އެންވަށިން އެން ނަގާ ދޯނީގެ އަރިމަތީގައި ހުރެގެން އެކި ގޮތްގޮތަށް، އެކި މިންގަނޑަށް އެން އެއްލައެވެ. އެއަށް މިކިޔަނީ އެން އުކުމެވެ. އެން އުކުމަކީ ހުނަރެކެވެ. ގިނަ ދުވަހުގެ މަސައްކަތުން ފަރިތަވާ ކަމެކެވެ. ބަލާބެލުމަށް އެންއުކުމަކީ ވަރަށް ފަސޭހަކަމެއްހެން ހީވެދާނެއެވެ.

ދުވަސްވީ ތަޖުރިބާހުރި އެންކެޔޮޅާކާއި އަލަށް އެންއުކާ ފަޅުވެރިއަކާއި ދެމެދުގައި ވަރަށް ތަފާތު ހުރެއެވެ. އެހެންނަމަވެސް އެންއުކާ ގޮތުން ނުވަތަ އެން އުކާ މިންގަނޑަކުން އެ ތަފާތު ދެނެގަންނަން އުނދަގޫ ވެދާނެއެވެ. އާންމު އުސޫލަކީ އެން އުކުމުން ދޯނި ކައިރިއަށް މަސްޖަމާވެ، ކޮޅުފަސްކޮޅުގައިތިބޭ ފަޅުވެރިން މަސްބޭނުމެވެ. ގިނަބަޔަކަށް ހީކުރެވިފައި އޮންނަނީވެސް މިހެން ކަމުގައި ވެދާނެއެވެ. އެހެންނަމަވެސް ކަމުގެ ތަޖުރިބާހުރި އެން ކެޔޮޅެއްގެ ހުނަރާއި އެން އުކުމަށް ގެންގުޅޭ އުކުޅުތަކަކީ ވަރަށް ތަފާތު ކަމެކެވެ. އެކަމަށް ފަރިތަވާން އެތައް ދުވަހެއްނަގާނެ މުހިންމު ކަމެކެވެ.

ގިނަ ފަހަރަށް ދޯނިތަކުގެ ކަނައަތްފަރާތު އަރިމަތީގައި އެންއުކަން ހުނަނީ އެންކެޔޮޅެވެ. ވައަތްފަރާތު އަރިމަތީގައި ހުންނަނީ 2 ވަނަ އެންކެޔޮޅު ނުވަތަ އެންކެޔޮޅުގެ އެހީތެރިއާއެވެ.

ފޮޓޯއިން ފެންނަނީ އެއްދޯންޏެއްގައި އެންއުކާ ދެ އެން ކެޔޮޅުންނެނެވެ. އެން އުކުމުގައި އެންކެޔޮޅު "ހަން"ބުރިއެއް ބޭނުންކޮށްގެން އެންއުކާއިރު އެންކެޔޮޅުގެ އެހީތެރިޔާ ހުސްއަތާ އެންއުކަނީއެވެ. މިގޮތަށް އެން އުކަން ޖެހެނީ އުކާ އެމުގެ ގޮތުންނެވެ. އެމުގެ ތެރެގައި ހިމެނޭ ރެހި، ހޮނޑެލި އަދި މިޔަރެމަކީ ބޭރުގައި ކަށި ނުހުންނަ އެމުގެ ބާވަތެވެ. އެއާ ޚިލާފަށް ބޯއްޖާއި މުގުރާމަކީ ވަރަށް ކަށި ގިނަ އެމެކެވެ. އަދި އެހާމެ ކުދި، ތޫނު ކަށިތަކެއް ހުންނަ އެމުގެ ބާވަތެކެވެ.

އެންއުކާއިރު، އަތުން އެންނަގާ އެންތައް ބަލިކޮށްލުމުގެ ގޮތުން މުށުތެރެއަށްލާ ފިއްތާލަން ޖެހެއެވެ. މުގުރާމާއި ބޯދި އެއްލާނަމަ، އެންވަށީގެ ތެރެއިން އެންނަގާ ކޮންމެފަހަރަކު އަތަށް ކަށިވަދެއެވެ. އެން ކުުއްޖެއްކަމަކު، ވަރަށް ތޫނު ކަށިތަކެއް މުޅި އަތްތިލައަށް ހެރެއެވެ. މިއީ ވަރަށް ތަދުވާ ކަމެކެވެ. އަލަށް އެންއުކާ ފަޅުވެރިއެއްނަމަ، ދެތިން ދުވަސް ވަންދެން ކަށި ވަދެފައި ހުންނަ ތަންތަނަށް ތަދުވެ، ދުޅަވެއެވެ.

ވަކިން ޚާއްސަކޮށް މިޒަމާނުގެ އޮޑިފަހަރު ދިގުވުމުން، ކޮޅުފަސްކޮޅުގައި ދޮށިއަޅަން ތިބޭ ފަޅުވެރިންނާއި އެންކެޔޮޅާއި ދެމެދުވަގައި ފަންސާހަކަށް ފޫޓު ހުރެއެވެ. އެހެންކަމުން، ކަށި ހުންނަ އެންނަގާ އެހާ ދުރަށް އުކުމަކީ އަދި މާބޮޑަށް ވޭން ލިބޭ ކަމެކެވެ. ބަލި އައިންތަކުން މަސްބާނާއިރު، ވީހާވެސް އަވަސް އަވަހަށް ބުޅީގައި ޖެހޭވަރަށް ދުރަށް އެންއުކަން ޖެހެއެވެ. އަދި ގިނަފަހަރަށް ނަގާ އެންތައް އެއްލާ ކޮންމެ ފަހަރަކު މުށުތެރޭގައި ބާރަށް ފިއްތާ، ބަލި ކުރަން ޖެހުމުން ކަށިހެރޭލެއް ގިނަވެއެވެ.

ދުވަސްވީ ތަޖުރިބާހުރި ކެޔޮޅުން ހުސްއަތާ އެންއުކިއަސް، ބައެއް ފަޅުވެރިން އެންއުކާއިރު އަންގިއާއި، ހަންބުރިފަދަ ތަކެތި ބޭނުންކޮށްގެން އެންއުކައެވެ. އޭގެ ބޭނުމަކީ އެމުގެ ކަށިތަކުން ސަލާމަތްވުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Debafain he vaahaka jahaalun ragalhu vaane darifulhaai bappa ge en ukumuge tafaatu takeh huri thow kobaahey tafaataky

  2. ވަރަށް ބޮޑަށް ޝުކުރިއްޔާ! ދުވަހަކުވެސް ހިޔެއްނުކުރަން މިކަހަލަ މައުލޫމާތެއް ޓެކްނޮލޮޖީގެ އެހީގައި ލިބިދާނެކަމަކަށް. ވަރަށް ކަމުގޮއްސި.

Comments are closed.