މަސްވެރިކަމާއި ގުޅޭ

ތާވަޅަ - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ތާވަޅަ

ތާވަޅައަކީ ވަރަށް ގިނަ ފަޅުފަޅަށް ބައެއް މޫސުމުގައި ގިނައިން ވަދެއުޅޭ އެންމަހެކެވެ.

ރާއްޖޭގެ ބައެއްހިސާބުތަކުގައި އެންވެރިކަން ދަތިވީމާ ތާވަޅަ ދަމައިގެން މަހަށްގޮސް އުޅެއެވެ. ނަމަވެސް ގިނަ މަސްވެރިން ދެކޭގޮތުގައި ތާވަޅައަކީ މަސްވެރިކަމަށް ރަގަޅު އެމެއްނޫނެވެ. "ކެރަވަޅަ" އަކީ ތާވަޅައިގެ ކުދިޅަމަހެވެ. މަހުގެ ކަންފަތްގަޑުގައި 14 އާއި 18 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ތާވަޅައަކީ ހިމަކޮށް ހުންނަ ކުޑަމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 11 ސެންޓިމީޓަރަށް ކަމުގައިވިއަސް ޢާއްމުގޮތެއްގައި ފެންނަނީ 7 ސެންޓިމީޓަރަށްވުރެ ކުދިމަހެވެ.

މަހުގެ ހުޅުނބުތައް ތުނިވެފައި ބޮޑެއްޗެވެ. މިމަސް ކާނައިގެ ގޮތުގައި ބޭނުންކޮށް އުޅެނީ ކަނޑުގައި އުޅޭ ކުދިކުދި ފަނިފަކުސައެވެ. މަހުގެ މަތީބައިގެކުލައަކީ ފެހިކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ބޮލުންފެށިގެން ނިގޫފަތާއި ހަމައަށް ކަޅުކުލައިގެ ފުޅާރޮނގެއް ހުރެއެވެ. މަހުގެބޮލުގެ މަތީބައި ޢާއްމުގޮތެއްގައި ހުންނަނީ ކަޅުކުލައިގައެވެ.

ތާވަޅަ ފަޅުތެރެއަށް ވަދެފައި އޮންނައިރު ތޮޅިއާއި ހަނދީގެ ބާވަތްތައް ކާނާ ޝިކާރަކުރުމަށް ތާވަޅަ އައިންތަކަށް ޙަމަލާދީ ކަވާހަދައެވެ. ތާވަޅަ ފަޅުތެތޭގައި ގުންބަޅައާއި މުށިމަކާއިއެކު އައިންހަދައިގެން އުޅެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Samoan silverside

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!