މަސްވެރިކަމާއި ގުޅޭ

Image_3-1200x428

އަމިއްލަ ފަރާތްތަކުން ވިއްކާ އަގާ އެއްވަރަށް، މިފްކޯއިން މަސްވެރިންނަށް ތެޔޮ އަގުހެޔޮ ކޮށްދޭނަން: އެސްޓީއޯ

ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުން ތެޔޮ ވިއްކާ ތެލުގެ އަގާ އެއްވަރަށް، މިފްކޯއިން މަސްވެރިންނަށް ވިއްޔާ ތެލުގެ އަގު ހެޔޮ ކޮށްދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ، މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު ބޮޑު ވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް  ހާޒިރުވެ ކޮމެޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އަމްރު ވިދާޅުވީ، އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ތެޔޮ ޑިސްޓްރިބިއުޓް ކުރަން ހަވާލު ކުރަނީ، ފިއުލް ސަޕްލައި މޯލްޑިވްސްއާ ކަމަށެވެ.

އެފްއެސްއެމް އިން މިފްކޯއަށް ތެޔޮ ފޯރުކޮށްދެނީ، ލީޓަރެއް އަށްރުފިޔާ ފަސްދޮޅަށް ލާރިއަށް ކަމަށާއި، މިފްކޯއިން މަސްވެރިންނަށް ތެޔޮ ފޯރު ކޮށްދެނީ ކުޑަ މާޖިނެއްލުމަށްފަހު ނުވަ ރުފިޔާއަށް ކަމަށްވެސް ވިދާޅުވިއެވެ.

އެފްއެސްއެމް އިން ތެޔޮ ގަންނެގެން މަސްވެރިންނަށް ތެޔޮ ވިއްކާ ކުދި ވިޔަފާރިވެރިންނަށްވުރެ ވެސް ބޮޑު އަގުގައި މިފްކޯއިން މަސްވެރިންނަށް ދަނީ ތެޔޮ ވިއްކަމުންނެވެ. މިކަމާ މަސްވެރިން ގެންދަނީ އެތައް ސުވާލެއް އުފައްދަމުންނެވެ. މިކަމާ ގުޅޭގޮތުން  މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އަމްރު ވިދާޅުވީ، ކުދިވިޔަފާރިވެރިންނަށް ވުރެން އަގު ހެޔޮކޮށް މިފްކޯއިން ތެޔޮ ވިއްކާނަމަ، ކުދި ވިޔަފާރިވެރިންގެ އަތުން ތެޔޮ ގަންނާނެ ބަޔަކު ނުވެ، އެ ފަރާތްތައް ބަނގުރޫޓު ވެދާނެ ކަމަށެވެ.

ނަމަވެސް މިފްކޯއަށް މަސް ކިރުވާ ދޯނިތަކަށް ފައިސާދޭން ހަފްތާއެއްހާދުވަސް ހޭދަވާތީ، މިފްކޯ ނޫން، އަމިއްލަ ފަރާތްތަކުން ތެޔޮ ގަތުމުގެ ފުރުސަތު ނުލިބި، ފައިސާއިން ކެނޑޭގޮތަށް މިފްކޯއިން މަަސްވެރިންނަށް ތެޔޮ ގަންނަންޖެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މަސްވެރިންނަށް ލިބެމުންދާކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.

ތަކުރާރުކޮށް ސުވާލުކުރެއްވުމުން އަަމްރު ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ވިއްކާއިރު މިފްކޯއިން ލަމުންއަންނަ މާޖިނަށް ބަދަލުގެނަސް ތެލުގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އަމިއްލަ ކުދި ވިޔަފާރިވެރިން ވިއްކާއަކަށް، މަސްވެރިންނަށް މިފްކޯއިން ތެޔޮލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއާއި މިފްކޯއަކީ އެސްޓީއޯގެ ދަށުން ހިނގަމުން އަންނަ 2 ކުންފުންޏެވެ. އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުންޏަށްވާއިރު އަމިއްލަ ކުންފުނި ތަކަށްވުރެ އަގު ބޮޑުކޮށް ތެޔޮ ވިއްކަމުންދާތީ މަސްވެރިން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!