މަސްވެރިކަމާއި ގުޅޭ

166151312_123615916400191_7770966705549626400_n

ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއަރުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ: ކެޔޮޅު މޫސާ ނާޝިދު

ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މި މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކަންނެލީގެ މަސްވެރިކަން މިދުވަސްވަރު ރާއްޖޭގައި ދަށްވެފައިވާ އިރު، ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކެއްވެސް އެބަހުއްޓެވެ.

ކަންނެލީގެ މަސްވެރިކަމަށް ހުރި ދަތިތައް ހޯދާލުމަށް ކަންނެލީގެ މަސްވެރިކަން ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ އދ. އޮމަދޫގައި ދުއްވާ ހައިޝަމް ދޯނީގެ ކެޔޮޅު މޫސާ ނާޝިދު އާއި މަސްވެރިން އެމްވީގެ ފަރާތުން ވާހަކަދައްކާލީމެވެ.

ނާޝިދު ކަންނެލީގެ މަސްވެރިކަން ކުރާތާ މިހާރު 13 އަހަރުވަނީ ވެފައެވެ. އަދި އަމިއްލަ ދޯންޏެއްގައި ކަންނެލީގެ މަސްވެރިކަން ކުރާތާ މިހާރު 11 އަހަރުވަނީ ވެފައެވެ. ނާޝިދުގެ ހައިޝަމް ދޯނީގައި ވިއްސައް ވުރެ މަސްވެރިން މަސައްކަތްކުރެއެވެ.

ނާޝިދު ބުނީ މިހާރު ބޮޑުކަންނެލީގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މިކަން މިހެން މިވަނީ ބޭރުގެ ބޯޓުފަހަރުތަކުން ރާއްޖޭގެ ކަނޑުތަކުން ޤަވާއިދާ ޙިލާފަށް މަސްވެރިކަން ކުރަމުންދާތީ ކަމަށް ނާޝިދު ބުނެއެވެ.

"ބޭރުގެ ބޯޓުފަހަރުތައް ވަދެ ދާ އަޅަމުންދޭ، މިފަހުން ކަންނެލީގެ މަސްވެރިކަން މިހާ ދަށްވީ އެހެންވެގެން ކަމަށް ލަފާކުރެވޭ، އެހެން އަހަރުތަކުގައި މިއީ މަސްވެރިކަން އެހާ ދަށް ދުވަސްވަރެއް ނޫން،" ނާޝިދު ބުންޏެވެ.

ނާޝިދު ބުނީ މަސްވެރިންނަށްވެސް ބޭރުގެ ބޯޓުތައް ފެނުނަސް އެކަން ރިޕޯޓުކުރުމާއިގެން ނޫޅެވޭ ކަމަށެވެ. ސަބަބަކީ ގޮތް ނޭއްގޭ ބޯޓަކާއި ގާތްވާން ނުކުރުމާއި، ކޯސްޓް ގާޑަށް ރިޕޯޓްކޮށް، އެ ބޯޓަކަށް ފާރަލަމުން ދިޔުމަކީ އެދުވަހެއްގެ މަސައްކަތް ދޫކޮށްލާ އެކަމަށް ހުސްވެގެން ތިބެން ޖެހޭ ކަމަކަށްވާތީ ކަމަށް ނާޝިދު ބުންޏެވެ.

"މި ދޭތެރެއިންވެސް ހަމަ މަސް ދޯންޏެއް، ގާތްގަނޑަކަށް ނ.އަތޮޅާއި 30 ހަކަށް މޭލު ދުރުން އަތުލައިގަނެ، ކޯސްޓް ގާޑަށް ރިޕޯޓްކުރީ، މުޅި ދުވަސް އެކަމަށް އެ މަސްދޯނީގެ މަސައްކަތް ދިޔައީ، ވަރަށް ބޮޑު ގެއްލުމެއް އެއީ އެ މަސްދޯންޏަށް،" ނާޝިދު ބުންޏެވެ.

ނާޝިދު ފާހަގަކުރިގޮތުގައި ޤަވާއިދާ ޙިލާފަށް ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރަމުންދާ ބޯޓު ފަހަރުތައް ރިޕޯޓުކޮށް، އެކަންތައް ކޯސްޓު ގާޑުގެ ސަމާލުކަމަށް ގެންނަ މަސް ދޯނިފަހަރުތަށް އެކުރާ މަސައްކަތް ބަލައި ގަންނަން ޖެހޭ ކަމަށެވެ.

"އެފަދަ މަސް ދޯނިތައް އެކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ އިނާމެއް ނަމަވެސް ކޮންމެވެސް ނަމެއް ކިޔާފަ އެއްޗެއް ދޭ ނަމަ، ދެވަނަ ދޯންޏެއްވެސް އެފަދަ ބޯޓުތައް ހިފަހައްޓަން ހިތްވަރަކަށް ވެގެންދާނެ،" ނާޝިދު ބުންޏެވެ.

މަސްވެރިކަން ކުރުމުގެ ހުރި ދަތިތަކުގެ އިތުރަށް މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާ އަކީވެސް މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

ނާޝިދު ބުނީ ކޮންމެ ފަހަރަކު އިންތިޙާބަކާ ދިމާކޮށް މަސްވެރިންނަށް ސިޔާސީ ބޭފުޅުން ފޮނި ހުވަފެން ދައްކާފައި ފަހުން އެކުރާ ވަޢުދުތައް ހަނދާން ނެތޭ ކަމަށެވެ.

"ވޯޓަށް ވީމައި މޮޅު ވާހަކަ ދައްކާފައި ހޮވުނީމައި އެތަނެއް ނުފެނޭ އެއްވެސް ސަރުކާރެއްގައެއް، ކުރީ ސަރުކާރުންވެސް މި ސަރުކާރުންވެސް،" ނާޝިދު ބުންނެވެ.

ނާޝިދު ބުނީ ސަރުކާރުން ކަންނެލީގެ މަސްވެރިކަމަށް އެއްވެސް ވަރަކަށް އަޅައެއް ނުލާ ކަމަށެވެ. އަދި މިއީ މިކަން އޮންނަންޖެހޭ ގޮތްކަމަކަށް ޤަބޫލް ނުކުރެވޭ ކަމަށްވެސް ނާޝިދު ބުންޏެވެ.

"ކަންނެލީގެ މަސްވެރިކަން ކޮޅަށް ޖަހާފައި ޕްރައިވެޓް ފަރާތްތަކަށް ދޫކޮށްލަންވާނީ، ނޫނީ ޓޫރިޒަމްވެސް އިޝްތިހާރުކޮށްދޭގޮތަށް ރާއްޖޭގެ މަސްވެރިކަންވެސް އިޝްތިހާރުކޮށްދޭންވާނެ، އޭރުން ބޭރުގެ އިންވެސްޓަރުން އައިސްގެން ކުރިއެރުންތައް ލިބޭނެ ކަމަށް ޤަބޫލްކުރެވޭ،" ނާޝިދު ބުންޏެވެ.

ކަންނެލީގެ މަސްވެރިންގެ މިފަދަ އެތަށް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެދެވޭ މަސައްކަތްތަކެއް ސަރުކާރުން ނުކުރާ ކަމަށް ގިނަ އަދަދެއްގެ މަސްވެރިންގެ ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Egotha ekameh nuvaane aee ehenvehjiyyaa raajje ais ehen bayaku kanneli gannan fashaifiyyaa mihaaru ekan kuraa emme bodu kuffuni baguroot vedhaane ennu ehen veema egothah nuvaane

Comments are closed.