މަސްވެރިކަމާއި ގުޅޭ

zuvan keyolhu

ފަރެސްމާތޮޑާގެ ޒުވާން ކެޔޮޅު ޒައިން، މަސްވެރިކަމުގައި ކުރިއަށް

ގދ. ފަރެސްމާތޮޑާއަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކީ މަސްވެރިކަމެވެ.
މިރަށުގައި ޒުވާން އެތަށް ކެޔޮޅުންނެއް އެބަ ތިއްބެވެ. އެގޮތުން ފަރެސްމާތޮޑާގައި ދުއްވާ ގެލ؛ެރީ މިޝަން ދޯނީގެ ކެޔޮޅު މުޙައްްމަދު ޒައިން އާ މަސްވެރިން އެމްވީއިން ވާހަކަދައްކާލީމެވެ. އުމުރުން 34 އަހަރުުގެ ޒައިން ކެޔޮޅެއްގެ ގޮތުގައި މަސައްކަތްކުރާތާ މިހާރު 7 އަހަރުވީއެވެ. ޒައިން ސްކޫލް ނިންމާފައި ނިކުތީވެސް މަސްވެރިކަމަށެވެ. އެހެން ނަމަވެސް ކޮއްކޮއަށް ކިޔަވައިދިނުމަށް މާލެއަށް ބަދަލުވާނެ ޖެހުނެވެ.
" އޯލެވަލް ނިންމާފައި 2 އަހަރެއްވަރު މަހަށް ދިޔައިން، ދެން މަސްވެރިކަން ވަރަށް ބޮޑަށް ދަށްވި، ދެން ކޮއްކޮއަށް ކިޔަވައިދިނުމަށާއި އެކު މާލެއަށް ބަދަލުވީ، ދެން އެސްޓީއޯގައި ވަޒީފާ އަދާކުރީ، 4 އަހަރުވަންދެން އުޅުނިން އެސްޓީއޯގައި،" ޒައިން ބުންޏެވެ.
ޒަައިން ފާހަގަކުރިގޮތުގައި ފަރެސްމާތޮޑާއަކީ ސްކޫލް ނިންމާފައިވާ މަހަށް ނިކުންނަ ގިނަ އަދަދެއްގެ ޒުވާނުން އުޅޭ ރަށެކެވެ. އެގޮތުން އޭނާ ކެޔޮޅުކަން ކުރާ ގެލެރީ މިޝަން ދޯނީގައި ޖުމްލަ 28 މީހުން މަހަށްދާއިރު، އޭގެ ތެރެއިން 3 މީހުން ފިޔަވާ އެއްމެންނަކީވެސް 40 އަހަރުން ދަށުގެ މީހުން ކަމަށް ޒައިން ބުންޏެވެ. ޒައިން ބުނީ ރަށަކީ މަސްވެރި ރަށަކަށްވާއިރު، މިހާތަނަށް އަދި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ނުވާކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކެޔޮޅެއްގެ ހައިސިއްޔަތުން މަސްވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަށްވެސް ޒައިން ފާހަގަކުރިއެވެ. އެގޮތުން ރަނގަޅު މަސްވެރިކަމެއްގެ ދުވަސްވަރެއްގައި މަސް ކިރުވުމުގައި ގިނަ ދަތިތަކެއް ހުންނަކަން ޒައިން ފާހަގަކުރިއެވެ. އަދި ސަރުކާރުން ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު މިކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ޒައިން ބުންޏެވެ.
ޒައިންގެ ބައްޕައަކީވެސް ކެޔޮޅުކަން ކުރި މީހެކެވެ. ޒައިން ބުނީ ކުޑައިރުއްސުރެ މަސްވެރިކަމަށް ބޮޑު ޝައުގުވެރިކަމެއް ހުރި ކަމަށެވެ.
ޒައިން މިހާރު ދުއްވާ ގެލެރީ މިޝަން ދޯންޏަކީ އޭނާ ލޯން ނަގައިގެން ބަނދެފައިވާ ދޯންޏެކެވެ.
"މަސްވެރިކަމުން ކުރިއަށްދާން ބޭނުންވެގެން، ބޭންކުން ލޯން ނަގައިގެން އަމިއްލަ ދޯންޏެއް މި ދުއްވަނީ، މިއީ އެންމެ ޒަމާނީ ވަސީލަތްތަށް ޤާއިމްކޮށްފައިވާ ދޯންޏެއް، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަސްތެރޭ ލޯން ދައްކާ ނިމޭނެ،" ޒައިން ބުންޏެވެ.
ޒައިން ފާހަގަކުރިގޮތުގައި މަސްވެރިކަމަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެކެވެ. އަރާމު ދިރިއުޅުމެއް މިކަމުން ލިބޭނެ ކަމަށް ޒައީން ބުންޏެވެ.
"ގިނަ ޒުވާނުން ވަންނަންވީ މަސްވެރިކަމަށް، މިއީ ބަރާބަރު މަސައްކަތެއް، ރަނގަޅު އާމްދަނީއެއް ލިބޭ މިކަމުން، އާއިލާގާތު ގިނަ ވަގުތު ހޭދަކުރެވޭ،" ޒައިން ބުންޏެވެ.
ޒައިން ފަދަ ޒުވާން ކެޔޮޅުން ދައްކައިދެނީ ފުރިހަމަ މިސާލެކެވެ. މަސްވެރިކަންކޮށްގެން އޭގެން ރަނގަޅު އާމްދަނީއެއް ހޯދާ، މަސްވެރިކަމުގެ ހަރުފަތްތަށް ގިރާކުރަމުން ކުރިއަށް ދެވޭނެ ކަމެވެ. މިފަދަ ފުރުސަތުތަށް ފަހިވެފައިވަނީ ރާއްޖޭގައި މަދު ދާއިރާތަކެއްގައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!