މަސްވެރިކަމާއި ގުޅޭ

dhoani

ވެސަލް ލޮކޭޓިން ޑިވައިސް ހަރުކޮށްގެން ނޫނީ މަސްވެރިކަމުގެ ލައިސަންސް ދޯނިފަހަރަށް ދޫނުކުރާ ގޮތަށް ހަމަޖައްސަނީ!

"ވެސަލް ލޮކޭޓިން ޑިވައިސް" ދޯނީ ހަރުކޮށްގެން ނޫނީ މަސްވެރިކަމުގެ ލައިސަންސް ދޫނުކުރާ ގޮތަށް ހަމަޖެއްސުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވާކަން މަސްވެރިން އެމްވީއަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިތުބާރުހުރި ގޮތެއްގައި މަސްވެރިން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވީ.އެމް.އެސް (ވެސަލް މޮނިޓަރިންގް ޑިވައިސް) ހަރުކުރުމަކީ އަންނަ އޮކްޓޫބަރު މަހުގެ ފަހުން މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އަދި މި ނިންމުމާއި ގުޅިގެން ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިން ޑިވައިސް ހަރުކުރުމުގެ މަޝްރޫޢެއް ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ވޯލްޑް ބެންކްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގައި މި ޑިވައިސް ހަރުކޮށްދެނީ އެއްވެސް ފީއެއް ނެގުމަކާއި ނުލައެވެ. މިއީ ގާތްގަނޑަކަށް ފަސްދޮޅަސް ހާސް ރުފިޔާގެ އަގުހުރި ޑިވައިސްއެކެވެ.

ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދަނީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި އުރީދޫ މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިޝަރީޒް މިނިސްޓްރީން، ޑިވައިސް ހަރުކުރުމުގެ މަޝްރޫޢަށް އެހީ ފޯރުކޮށްދޭ ވޯލްޑް ބޭންކް ޕްރޮޖެކްޓްގެ މުއްދަތު ވަރަށް އަވަހަށް ހަމަވާނެތީ، މިވަގުތަށް މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އުޅަނދުތަކުގައި ހިލޭ ޑިވައިސް ހަރުކޮށްދިން ނަމަވެސް، ކުރިއަށް އޮތްތަނުގައި މި ޑިވައިސް ހަރުކުރުމަށް އަގު ނަގާނެ ކަމަށް ވެއެވެ.

އުޅަނދުފަހަރުގައި ހަރުކުރާ އެންމެ ޒަމާނީ ވެސަލް ލޮކޭޓިންގ ޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، ފިޝަރީޒް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޚާއްސަ މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ފޮޝަރީޒް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެ ކަމަށްވެއެވެ. އަދި މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑިވައިސްގެ ޒަރިއްޔާއިން އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް އުޅަނދުގެ ޓްރެކިން ބަލައި ލެވޭނެއެވެ.

އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރކުރެވޭނެ ޑިވައިސްތައް ހަރުކުރަނީ ބައިނަލްއަޤްވާމީ މުޖްތަމަޢު އަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަކީ، ގާނޫނާއި ގަވާއިދާއި އެއްގޮތަށް މަސްވެރިކަން ކުރާ އުޅަނދުތަކެއް ކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިގޮތަށް ޑިވައިސް ހަރުކުރެވި މަސްވެރިކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ގެންދާކަން ކަށަވަރުކޮށްދިނުމަކީ، ދިވެހިރާއްޖޭގައި ބާނާ މަސް ބައިނަލްއަޤްވާމީ އިތުރު މާކެޓްތަަކަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވި، މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފިޝަރީޒް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޚާއްސަ މޮނިޓަރިން ސްޓޭޝަންތަކަށް މަސްވެރި އުޅަނދުފަހަރުގެ މައުލޫމާތު ލިބުމަށްފަހު ދެން އެ މަޢުލޫމާތު ބަދަލުވާނީ އިންޑިއާ އަށްތަ؟

Comments are closed.