މަސްވެރިކަމާއި ގުޅޭ

ހިމަ ބޯދި

މިއީ ބޯދީގެ ޢާއިލާގެ ބާވަތެކެވެ. މިބާވަތްވެސް އުޅެނީ އުރަޕަށުގެ ފުން ގާތަކާއި ފަރުގައި ހުންނަ ހޮހަޅައިގައެވެ. އެހެނިހެން ބޯދީގެ ބާވަތްތަކާއި ލައްފަތާ ފަދަ މަސްމަހާއެކު ބައިހަދައިގެންއުޅެއެވެ. މިއީ ރާއްޖޭގެ މަސްވެރިން އަޑިއަށް ފީނައިގެން ކުރާ ބޯދީގެ އެންވެރިކަމުގައި ހިފާބާވަތެކެވެ. އަދި މަސްވެރިކަމަށް ވެސް ރަގަޅު އެމެކެވެ. ހިމަބޯދި، އެހެނިހެން ބޯދީގެ ބާވަތް ތަކަށް ވުރެ ހިމަދިގެވެ.

މިމަސް އެންމެ ބޮޑުވަނީ 7 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރި ބައިގައި 6 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 9 މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 9 މަޑުރިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތުން ކަރުތާފަތާދިމާ ތިރީގައި ހުންނަކޮތަރިބައި ގާތްގަޑަކަށް ބޮލުގެ ދިގުމިނުގެ ދެބައިކުޅަ އެއްބައިހާ ދިގެވެ. މަހުގެ ކުލައަކީ މަޑުފިޔާތޮށި ކުލައެވެ. މަތީބައިގެ ކުލަގަދައެވެ. މަހުގެ ތުނބުން ފެށިގެން ލޯ ހުރަސްކޮށް މަހުގެ ކަރުތާފަތްގަޑުގެ ކޮޅަށް ގަދަމުށިކުލައިގެ ރޮނގެއް ދެމިފައިހުރެއެވެ. މަހުގެ ތުންކޮޅުގެ ކުލައަކީ ރީނދޫ ކުލައެވެ. ކޮތަރިތަކުގެ ކުލައަކީ ފިޔާތޮށި ކުލައެކެވެ. މަހުގެ ނިގޫފަތުގެ ދެކަފީގައިވެސް ކަޅުކުލައިގެ ރޮނގެއް ހުރެއެވެ.

އިނގިރޭސި ނަން: Headstripe cardinalfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!