މަސްވެރިކަމާއި ގުޅޭ

ގަލު ގުރުވަ

މިއީ ކަނޑުގުރުވައިގެ ބާވަތެކެވެ. މިބާވަތުގެ ގުރުވަ ރާއްޖޭގެ ފަރުތަކުގެ ބޭރުމަތީގައި އަދި އެތެރެވަރީގެ ފަރުތަކުގައި، 35 މީޓަރަށް ވުރެ ތިލަ ހިސާބުތަކުގައި އުޅެއެވެ. މިބާވަތުގެ މަސް ގިނައިން ފެނިފައި ހުންނަނީ ބޮޑެތި ހަތާތަކުގެ ދަށުގައި މަޑުކޮށްލައިގެން ތިބޭތަނެވެ. މިއީ ދިވެހިން ފަރުމަތިން ދަގަނޑުޖަހައިގެން ހިފައުޅޭމަހެކެވެ. ދިވެހިން ކައިއުޅޭ މިރު މަހެއްވެސްމެއެވެ. މިއީ ވަރަށް އަޅައިގަންނަފަދަ ލައްތަކެއް ހުންނަ ރީތިމަހެކެވެ. މިބާވަތުގެ ކުދިމަސް ދިރޭކުދިމަހުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުކުރެވެއެވެ.

މިމަސް އެންމެ ބޮޑުވަނީ 65 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 18 ނުވަތަ 19 މަޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ތުން ބޯވާނެއެވެ. މަހުގެ ހުޅުނބުތައް ހުންނަނީ ރާޅުކޮށެވެ.
ގަލުކުރުވައިގެ މައިގަނޑު ކުލައަކީ ހުދުކުލައެވެ. މަހުގެ ބޮޑު ބައެއްގައި ގަދަ މުށިކުލައިގެ ލައްތަކެއް ހުރެއެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ފަނޑުމުށި ކުލައެކެވެ. މިބާވަތުގެ ކުދި ގުރުވަ ހުންނަނީ މުށިކުލައިގައި ހުދުކުލައިގެ ބޮޑެތި ލައްތަކެއް ޖަހާފައެވެ. މިލައްތަކުގެ ބޭރު ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. އަދި މިއީ ވަރަށް ފަރި ހަރަކާތްތަކެއްކުރާ މަހެކެވެ. މަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި ބޮއްޔާއި ކުދިމަހެވެ.

އިނގިރޭސި ނަން: Harlequin sweetlips

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!