މަސްވެރިކަމާއި ގުޅޭ

ވޮށިމަސް

ވޮށިމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި، އެތެރެވަރީ ކަނޑު ތަކުގައި ގިނައިން އުޅޭ ކަނޑުމަހުގެ އާއިލާގެ މަހެކެވެ. މިއީ ހަށިގަނޑު ވަރަށް ފަލަކޮށް އަނގަބޮޑުކޮށް ހުންނަމަހެކެވެ. މަހުގެ އަނގައިގައި ކޮޅަށް އޫކޮށް ހުންނަ ގަދަފަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ދެކޮތަރިބައި ހުންނަނީ ވަރަށް ކައިރީގައި ޖެހިޖެހިގެންކަހަލަ ގޮތަކަށެވެ. އަދި ފުރަތަމަ ކޮތަރިބައިގައި 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ ދިގަށް ފާހަގަކުރެވޭފަދަ ގޮތަކަށް ހުޅުނބުގެ ފަށެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގެ ދެފަރާތުގައި ކޮންމެ ފަރާތަކުން ތިން ކުރަގަނޑު ހުރެއެވެ.

ވޮށިމަހުގެ މަތީބައިގެ ކުލައަކީ ކަޅުނޫކުލަ އެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހިކުލައެއްގައެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ
މަތީކައިރި ހުންނަނީ ކަޅުކުލައެއްގައެވެ. ވޮށިމަހަކީ ދިވެހި މަސްވެރިން ދަންނަ އަދި އެހާމެ ގިނައިން ފަރުފަޅުތަކުގެ ބޭރުން ފައްތައިގެން ދުވާލުކުރާ
މަސްވެރިކަމުގައި ބޭނޭ ދިވެހިން ކައިއުޅޭ މަހެކެވެ. މިބާވަތުގެ މަސްގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮށެވެ. ނަމަވެސް ކުދިއައިން ހަދައިގެން ވޮށިމަސް ފަރުފަޅުގެ ބޭރުގައި އުޅޭކަމަށް ރެކޯޑްކުރެވިފައިވެއެވެ. މިއީ 1.5 މީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ މަހާ، ބޯވައާއި، ބޯވަދިލަމަހެވެ.

އިނގިރޭސި ނަން: Dogtooth tuna

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!