މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-10-10 at 01.57.15 (2)

ވެސަލް މޮނިޓަރިން ޑިވައިސް ހަރުކުރުމުގައި އުރީދޫން ދޮގު ހަދަމުންދާކަމުގެ ތުހުމަތު!

ވެސަލް މޮނިޓަރިންގ ޑިވައިސް ހަރުކުރުމުގައި އުރީދޫ މޯލްޑިވްސްއިން އޮޅުވާލަމުންދާކަމަށް ބައެއް މަސްދޯނިފަހަރުން ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދިން ބައެއް ދޯނިފަހަރުން ބުނީ މި ސިސްޓަމް ހަރުކުރަން އުރީދޫއިން އެޕޮއިންޓްމެންޓް ދިން ދުވަހަށް ހުޅުމާލެއަށް އައުމުން އެތައް ދޮގުތަކެއް ހަދަމުންދާކަމަށެވެ.

"އަޅުގަނޑުމެން ހުޅުމާލެއަށް އައީ އުރީދޫއާ ވާހަކަދައްކާފަ އަންނަ ދުވަހު އެ ސިސްޓަމް ހަރުކުރެވޭނެއޭ ބުނީމަ އުރީދޫން ބުނި ދުވަހަށް. އެދުވަހު ގުޅީމަ ބުނި މި އަންނަނީއޭ. އަނެއް ދުވަހު ގުޅީމަ ބުނި އެބަ ދަމޭ. އަނެއްކާ އަނެއްދުވަހު ގުޅީމަ ބުނި ދެވޭތޯ ބަލާނަމޭ. ނާދެވުނު. މިގޮތަށް 3 ހަތަރު ދުވަހު އަޅުގަނޑުމެން މަހަށް ނުފުރާ އޮންނަން ޖެހުނު. އެންމެ ފަހުން މިއައީ ދޯނީގައި ސިސްޓަމް ހަރު ނުކޮށް. އެންމެ ދުވަހެއްވެސް މަހަށް ނުފުރާ އޮތުމަކީ އެތައް އާއިލާއަކަށް ލިބޭ ގެއްލުމެއް." ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏަކުން ބުންޏެވެ.

މި ސިސްޓަމް ހަރުކުރުމުގައި މައްސަލަ ތައް ދިމާވަމުން އަންނަކަމަށްބުނެ މަސްވެރިން ގެންދަނީ ސޯޝަލް މީޑިއާގައިވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އުރީދޫއަށް މިކަން ނުވާކަމުގައި ވާނަމަ އެހެން ބަޔަކާ މި ޕްރޮޖެކްޓް ހަވާލުކުރުމަށްވެސް މަސްވެރިން ދަނީ ގޮވަމުންނެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ފިޝަރީޒް މިނިސްޓްރީން މަސްދޯނިފަހަރުގައި ވެސަލް ލޮކޭޓިން ޑިވައިސް ހަރުކުރުމުގެ މަޝްރޫޢު ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ވޯލްޑް ބެންކްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ ދަށުން މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގައި މި ޑިވައިސް ހަރުކޮށްދެނީ އެއްވެސް ފީއެއް ނެގުމަކާއި ނުލައެވެ. މިއީ ގާތްގަނޑަކަށް ފަސްދޮޅަސް ހާސް ރުފިޔާގެ އަގުހުރި ޑިވައިސްއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދަން ހަވާލުކޮށްފައިވަނީ އުރީދޫ މޯލްޑިވްސްއާ އެވެ.

އިތުބާރުހުރި ގޮތެއްގައި މަސްވެރިން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެސަލް މޮނިޓަރިންގް ޑިވައިސް ހަރުކުރުން މަޖުބޫރު ކުރުމަށް ފިޝަރީން މިނިސްޓްރީން ވަނީ ނިންމައިފައެވެ. މިގޮތުން ކުރިއަށް އޮތް ތާންގައި ދޯނިފަހަރަށް މަސްވެރިކަމުގެ ލައިސަންސް ދޫކުރާނީ މި ޑިވައިސް ހަރުކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އުޅަނދުފަހަރުގައި ހަރުކުރާ އެންމެ ޒަމާނީ ވެސަލް ލޮކޭޓިންގ ޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، ފިޝަރީޒް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޚާއްސަ މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ފޮޝަރީޒް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެ ކަމަށްވެއެވެ. އަދި މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑިވައިސްގެ ޒަރިއްޔާއިން އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް އުޅަނދުގެ ޓްރެކިން ބަލައި ލެވޭނެއެވެ.

އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރކުރެވޭނެ ޑިވައިސްތައް ހަރުކުރަނީ ބައިނަލްއަޤްވާމީ މުޖްތަމަޢު އަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަކީ، ގާނޫނާއި ގަވާއިދާއި އެއްގޮތަށް މަސްވެރިކަން ކުރާ އުޅަނދުތަކެއް ކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިގޮތަށް ޑިވައިސް ހަރުކުރެވި މަސްވެރިކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ގެންދާކަން ކަށަވަރުކޮށްދިނުމަކީ، ދިވެހިރާއްޖޭގައި ބާނާ މަސް ބައިނަލްއަޤްވާމީ އިތުރު މާކެޓްތަަކަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވި، މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އެނގިފަ ވާގޮތުގައުރީދޫއިން ޑިވައިސް ހަރުކުރަން ދޯނިތަކަށް ދާން ތިބެނީ 2 ސްޓާފުންނަ ފަޅި. ނުވާވަރުން ކަންކަން ކަންކަން ބޮލުގ އަޅައިގެން ވަނެ އެއްޗެއް ތިވަނީ. އަދިވެސް އިންޑިޔާމީހުން ވައްދާ. އެހެންވިމަ ޑިލޭ އައުމަކީ އަދި ދޮގުހެދުމަކީ ކުރަނޖެހޭ ކަމެއް.

  2. ތީީގ ޓިސްޓުރެސ ބަޓަން އެއް ނުވެސް އިނދޭ އެވެސް އޮޅުވާލުމެއް

Comments are closed.