މަސްވެރިކަމާއި ގުޅޭ

ތުނބަ ހަނދި

ތުނބަހަންޖަކީ ރާއްޖޭގެ ކަނޑުތަކުގައި 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. ތުނބަހަންޖަކީ ފަތިކޮށް ހުންނަ މަހެކެވެ. އެހެނިހެން ގިނަ ހަނދީގެ ބާވަތްތަކަށްވުރެ ބޮޑަށް މަހުގެ ތުނބުގައި ބޯހަންފަށެއް ހުރެއެވެ. ދިވެހިން ކުރާ ދުވާލާއި ރޭގަނޑުގެ ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 28 އާއި 31 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 24 އާއި 26 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

ތުނބަހަނދީގެ ކުލައަކީ ރިހިއަޅިކުލައެކެވެ. ދިރޭމަހުގެ މަތީބައި ހުންނަނީ ފަނޑުފެހި ކުލައަކަށްދާ ކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި  ގަދަރީނދޫކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައްތަކުން ގިނަ ލައް ހުންނަނީ މަހު ދިގަށް ދެއަރިމަތީގައި ހުންނަ ހުޅުނބު ރޮނގަށްވުރެ ތިރީގައެވެ. މަހުގެ ދެއަރިމަތީގައި ފަނޑުކޮށް ހުންނަ ފުޅާރޮނގުތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގެ ކައިރިއަށް ހުންނަނީ ހުދުކުލައެއްގައެވެ. މިމަސް އެންމެ ބޮޑުވަނީ 90 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކަނޑުއަޑީގެ ވެލިގަނޑު ތެރޭގައި އުޅޭ ހަރުތޮށިލީ ދިރުންތަކާއި،
ފަންޏާއި ކުދިމަހެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!