މަސްވެރިކަމާއި ގުޅޭ

ލަނޑާ ފާނަ

ލަނޑާފާނައަކީ ދުވާލު ފައްތައިގެން ކުރާ ފަރުމަހުގެ ކެޔޮޅުކަމުގައްޔާއި ރޭގަޑުގެ ކެޔޮޅުކަމުގައި ވަރަށް ގިނައިން ބޭނޭ މާނައެކެވެ. މިމަސް އެންމެ ބޮޑުވަނީ 48 ސެންޓިމީޓަރަށެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިމަސް އުޅެނީ 10 މީޓަރާއި 150 މީޓަރާ ދެމެދުގެ ފުންމިނުގައެވެ.  މިއީ ފަރު ބޭރުން ހުންނަ ހޮހަޅަތަކުގައި ގިނައިން އުޅޭ މަހެކެވެ. މަހުގެ ކަރުތާފަތްގަޑުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ. އަދި މަހުގެ ނިގޫފަތާއި އެހެނިހެން ކޮތަރިތަކުގެ ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ރަތް ނާރިނގު ކުލައެވެ. މަހުގައި ނޫކުލައިގެ ކުދި ތިކިތަކެއް ޖަހާފައި ހުރެއެވެ. މަހުގެ ބުރަކަށިމަތިން ދެފަރާތުގައި ކަޅުކުލައިގެ 4 ލައްގަޑު ވަރަށް ފާޅުކޮށް ކަޅުކުލައެއްގައި ފެންނަން ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑު ދަށުގައިވެސް ކަޅުކުލައިގެ ދެލައްގަޑު ހުރެއެވެ. މަހުގެ ލޯކައިރިން ކަރުތާފަތްގަޑުގައި ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތަކުގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މިމަހުގެ ޢާއްމު ކާނާއަކީ ކުދި މަހެވެ.

އިނގިރޭސި ނަން: : Sixblotch hind

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!