މަސްވެރިކަމާއި ގުޅޭ

މޮޅަދޫ ބޭރުގައި އެޅި ކަނދުފަތި
މޮޅަދޫ ބޭރުގައި އެޅި ކަނދުފަތި

ސްޕޯޓްސް ފިޝިންއަށް އެޅި ކަނދުފަތި އަޑީގައި ނުޖެހި "ގެއްލިއްޖެ"

ސްޕޯޓްސް ފިޝިންއަށާއި ވަދުދަމާ މަސްވެރިންނަށް ޚާއްޞަކޮށްގެން މިއަދު އެޅި ކަނދުފަތި ގެއްލިއްޖެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ކަނދުފަތި ގެއްލުނީ ވާ ކުރުވެގެން އަޑީގައި ނުޖެހުމުގެ ސަބަބުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކަނދުފަތި އެޅުމަށް ވާ ތައްޔާރުކުރީ އެތަނުގެ ފުންމިން ޗާޓުން ބެލުމަށްފަހު އެ ފުންމިނަށްވުރެ މާ ދިގުކޮށް ކަމަށެވެ. ނަމަވެސް ޗާޓުން ފެންނަވަރާ ތަނުގެ އަސްލު ފުންމިނާ ދިމާ ނުވާކަން މިނިސްޓަރު ވާހަގަ ކުރެއްވިއެވެ.

"މީގެކުރިން އަޅުގަނޑުމެން ކަނދުފަތި އެޅާފައި ހުރީ ހަމަ ޗާޓު ބަލައިގެން. އެއީ 1.2 ކިލޯމީޓަރު ނުވަތަ 2 ކިލޯމީޓަރު ފުންމިނުގައި. އެގޮތަށް އެބަ ދިމާވާހެން ހީވަނީ. އެކަމަކު މިއީ މާ ތިލައިގަ އަޅަން ނިންމި ކަނދެއް. މި ކަނދުފަތި އަޅަން ވާ ތައްޔާރުކުރީ 270 މީޓަރަށް. އަޅުގަނޑުމެން މިއަދު ބެލިއިރު 700 މީޓަރަށްވުރެވެސް މިތަން ފުން. އެކަމަކު ގާތްގަނޑަށް 184 މީޓަރު ފުންމިން ހުރިކަމަށް ޗާޓުން ދައްކަނީ. މީގެން މި އިނގެނީ ރައްރަށުގެ ކައިރީގައި މި ހުންނަ ފުންމިން މި ހުންނަނީ ޗާޓުގައިވާ ގޮތަށް ނޫންކަން. މީ ވަރަށް ރަނގަޅު ތަޖުރިބާއެއް އަޅުގަނޑުމެންގެ މިނިސްޓްރީގެ ސްޓާފުންނަށާއި ކަނދުފަތި އަޅާ ޓީމަށް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ތަޖުރިބާއަށް ބަލާ ކުރިއަށްއޮތް ތާންގައި ކަނދުފަތި އަޅާއިރު ފުންމިން ބަލަން ކުރާ ސާރވޭ އިތުރަށް ވަރުގަދަ ކުރައްވާނެކަމަށެވެ.

"މިކަން މިގޮތަށް ދިމާވީމަ މީގެފަހުން އަޅުގަނޑުމެން ކަނދުފަތި އަޅާނީ އެކޯ ސައުންޑަރުން ނުވަތަ އަޑި ބަލާއެއްޗެހި ބޭނުންކޮށްގެން އަޑި ބަލާފަ. އެކޯ ސައުންޑަރު ހުންނާނެ އަޅުގަނޑުމެން އަތުގައި. މީގެކުރިން އަޅުގަނޑުމެން ވަރަށް ބައިވަރު ކަނދުތައް އަޅަން. އެކަމަކު މިކަހަލަ ކަމަކާ ދިމާނުވޭ. ބައެއް ފަހަރު އެބަހުރި ކަނދު ކައްސާލައިގެން އެހެން ތަންނަށް ގޮސްފަ. އެކަމަކު މިތަން ހަމަ ވަރަށް ބޮޑަށް ޗާޓު އޮތްގޮތާ ހިލާފަށް މިއޮތީ." މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވިއެވެ.

މިކަނދުފަތި ވައްޓާލާފައިވަނީ ހއ މޮޅަދޫ އާ ދިމާ 3 މޭލު ބޭރުންނެވެ. މިދަތުރުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިންގެ އިތުރުން ހއ. މޮޅަދޫ ކައުންސިލް މެމްބަރުންނާއި އިހަވަންދޫ ކައުންސިލް މެމްބަރުން ބައިވެރިވިއެވެ. އަދި ކަނދުފަތި އެޅި މަންޒަރު ޕީއެސްއެމް ނިއުސްއިން ވަގުތުން ދެއްކިއެވެ.

"އަޅުގަނޑުމެން މިތާގައި ކަނދެއް އަޅާނަން. މިދަތުރުގައި މި ސާވޭ ކޮށް ނިންމާނަން. މިބަލަނީ ބަރުފައްތައިގެން މިތާންގެ ފުންމިން. ދެކުނަށް ކުރާ ދަތުރު ނިންމާފަ އައިސް މިތާންގައި ކަނދުފަތި އަޅާނަން." މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!