މަސްވެރިކަމުގެ ފަހި މޫސުން ފެށި، ދޯނިތައް ވަނީ ރިކޯޑު އަދަދަކަށް މަސް ބާނަން ފަށާފައެވެ. މަސްވެރިކަން ތިޔާގިއެވެ. މަސް ބޭނެއެވެ. ނަމަވެސް މަސްވެރިންނަށް ހުރި ގޮންޖެހުންތައް ގިނައެވެ. އައިސް ނުލިބޭ ވާހަކައާއި މަސް ނުކިރޭ ވާހަކައަކީ ކޮންމެ ދޯންޏަކަށް ގުޅާލުމުންވެސް ކުރާ ޝަކުވާއެކެވެ.
ގދ. ގައްދޫ އަޒުމް-2 ދޯނިން މިދިޔަ އަންގާރަ ދުވަހުގެ މެންދުރު، ގިނަ އަދަދަކަށް މަސް ބޭނި ނަމަވެސް ކަންތައްވީ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ދޯނީގެ ފަޅުވެރިއެއް ގޮތަށް ހަރަކާތްތެރިވާ، އަދި ދޯނީގެ ވެރިފަރާތުގެ ދަރިއެއްކަމަށްވާ ސައީދު ދީދީ ބުނިގޮތުގައި މަސް ނުކިރުމުން ކަނޑަށް އަޅާލި މަހުގެ އަދަދު 20 ޓަނާ ގާތްކުރާނެއެވެ.
"ކޫއްޑޫއަށް ދިޔައީމަ، އެމީހުން ބޭނުންވާ ވަރަށް ޓެމްޕަރޭޗަރ އޭގަ ނުހިފައޭ ބުނީ. މަސް ހުރީ ފިނިކޮށް. ވާގޮތަކީ، މަސްވެރިކަން ރަނގަޅުވީމ،ަ އެމީހުން އެވަރަށް މަސް ގަންނަން ބޭނުން ނުވަނީ" ސައީދު ބުންޏެވެ.
ބޮޑުމިނުގައި 89 ފޫޓު ހުންނަ އަޒުމް-2 ދޯނިން ނުކިރު މަސްކޮޅު ވިއްކާލަންވެސް މަސައްކަތް ކުރިއެވެ. ބައެއް ރަށްރަށަށް ގުޅުމުންވެސް، ބާނާފައި ވަނީ ގޮދާ ކަމަށްވާތީ، މީހުން ބޭނުން ނުވާ ކަމަށް ސައީދު ފާހަގަ ކުރިއެވެ.
"ރައްރަށުން، ގޮދާމަސް ވީމަ ނުގަނޭ. އާއްމުކޮށް ގަންނަނީ ދެ ކިލޯ ތިންކިލޯމަސް، ވަޅޯ ކުރަންވެސް. ވަރަށް ގިނަ ރަށްރަށަށް ގުޅީމަވެސް، ގޮދާމަސް ވީމަ މީހުން ގަންނާކަށް ބޭނުމެއް ނުވޭ، ކުޑަ އަގެއްގަ ދޭން އުޅުނަސް،" މަސްތައް ކަނޑަށް އަޅާލަން ޖެހުނު ސަބަބު ކިޔައިދެމުން ސައީދު ބުންޏެވެ.
ކުޑަ އަގަކުވެސް ނުވިކުމުން ދެން ދޯނިން ވިސްނީ ހިލޭ ބަހާދިނުމަށެވެ. ނަމަވެސް ހުވަދު އަތޮޅުގއި މިހާރު މަސް ކައްކާ ބަޔަކު ނޫޅޭ ކަމަށް ސައީދު ބުނެއެވެ.
"ކުރީގަ ނަމަ ގެނަމަފުށިން މަސް ގަނޭ. މިހާރު އެކަމު ގެމަނަފުށީގަވެސް މަސް ކައްކާ ހިއްކައެއް ނަހަދާ. ގައްދޫގަވެސް ނުކުރޭ. ކުރީގަ ނަމަ ބަޔަކަށް ދިނީމަވެސް އެކަން ކޮށްލާނެ،" ސައީދު ބުންޏެވެ.
މިހާރު ހިލޭ ދިން ނަމަވެސް މީހުން މަަސް ކައްކަން ބޭނުން ނުވާކަމަށް ސައީދު ބުންޏެވެ.
އާއްމު ދުވަސްވަރު 10 ނުވަތަ 15 ޓަނު މަސް ބޭނޭ އަޒުމް-2 ދޯންޏަށް އެންމެ ރަނގަޅަށް މަސް ބޭނުނީ މިިދިޔަ ރޯދަ މަހުއެވެ. އެއީ 24 ނުވަތަ 25 ޓަނު މަހެވެ. އޭރު ދޯނީގައި 26 މަސްވެރިން ހަރަކާތްތެރިވި ނަމަވެސް، އޭގެ ފަހުން މަސްވެރިކަން ދަށްވެ، މަސްވެރިން އެހެން ވަޒީފާތަކަށް ދިޔައީއެވެ. އެހެންކަމުން ދޯނީގައި މިހާރު ތިބީ 17 މަސްވެރިންނެވެ.
މަސް ދޯނިފަހަރަށް ހުރި ދަތިިތައް ކަމަށް ސައީދު ފާހަގަ ކުރީ، އެހެން މަސްވެރިންވެސް ފާހަގަ ކުރާ ކަންކަމެވެ. އެއީ އައިސް ހޯދަން އުނދަގޫވުމެވެ. އަމިއްލަ ރަށް، ގައްދޫގައި ހުރި އައިސްޕްލާންޓް ހަލާކުވެފައި ހުރިކަން ފާހަގަކޮށް ސައިދު ބުނީ، އަތޮޅުގެ ގިނަ އައިސްޕްލާންޓްތައްވެސް މަސައްކަތް ނުކުރާ ކަމަށެވެ. އެހެންކަމުން އައިސް ހޯދުމަށް އެއް ދުވަސް ނުވަތަ ދެ ދުވަހު ދުއްވަން ޖެހޭ ކަމަށް ސައީދު ބުނެއެވެ.
ސައީދުގެ ޝަކުވާއަކީ، ރަނގަޅަށް މަސް ނުބޭނި ހަތަރު ފަސް މަސް ހޭދަވެގެން ދިޔައިރު، އައިސްޕްލާންޓްތައް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމެވެ. ރަނގަޅަށް މަސް ބާނަން ފެށުމުން އުނދަގޫތަކާ ކުރިމަތިވަނީ އެހެންވެ ކަމަށް ސައީދު ބުންޏެވެ. މަސްވެރިކަމުގައި އުޅޭތާ 12 އަހަރު ހޭދަކުރި އިރު، މިފަދަ ކަންކަމުގައި މަސްވެރިންނަށް ކުރިއެރުން ނުލިބޭ ކަމަށް ސައީދު ބުނެއެވެ.
ކުރިއަށް އޮތް މަސްވެރިންގެ ދުވަހު، މަސްވެރިން މި ހުރިހާ ޝަކުވާއެއް ސަރުކާރާ ހިއްސާކުރާނެއެވެ. ދަތިތަކާ އުނދަގޫތައް ކިޔައިދޭނެއެވެ. ނަމަވެސް މިކަަމަށް ރަނގަޅު ހައްލެއް ލިބޭނެ ކަމާމެދު މަސްވެރިން ޝައްކު ކުރެއެވެ. އެއީ ކުރިންވެސް ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކޮށް، ފަހި މަގެއް ފެނިފައި ނުވާތީއެވެ.
6 Responses
އެއްވެސްސަރުކާރަކަށްވާނެކަމެއްނޫންތީރާއްޖޭގެހުރިހާމަސްވެރިންބާނާމަސްނުގަނެވޭނެތިމަންނާމެންގެވެރިކަމެއްގައިމަސްވެރިންބާމާހާމަހެއްކިރާނަމޭދޫއޮތީމާބުނަނީ
ކުރިން ބުނި އެތި ކެންސަލް؟
ނުގަނެވެންޏާ ސަރުކާރެއް އޮންނާނެ ކަމެއް ނެތް. ރައްކާވޭ. ގެއްލޭ. ފެއްސޭ..
މަސްވެރިން ގަޓު ނުހުންނާތީ އެހެންވަނީ... ނިކަން ހުރިހާ މަސްވެރިން އެކަޗެއް ކިޔާ ބަލަ ސަރުކާރައް ތާއީދެއް ނެތޭ..... ތާއީދު ބޭނުންނަމަ
ހަމ ކަންނެީ ދިވެހިން. އަހަރުމެންނަށްް ގެނެސްދ.. ކައްކާނަން
. ތިދޯނީގެ ވެރިން ކޮސްކަމާއެ. ޢެމަސްތައް ކައިރި ރަށްތަކަށް ވިއްކޭނެ. ބޭނުން ޖެހިފަ ހުރި ރަށް ތައް ބައިވަރު. ޥަކި ކަމެއް ހާސިލު ކުރަން ކަން ދައްކަން ހަދައިގެން ލިބޭނެ ވަކި މޮޅެއް ނޯންނާނެ. ވިސްނުމެއް ނެތި ކުރާ ކަންކަމުން ލިބޭނީ ދެރަ. ތިޔަވަަރުގެ މީހުން ދޯނި ގެންގުޅޭތީ ދެރައީ.
ދެން ބާރަށް އަތް ޖަހަންވީނު. އަމިއްލައަށް ބޮނޑި ބޮއިގެން ތިބެ ދެން ކޮން ކަނޑަށް މަސްއެޅި ވާހަކައެއް ދައްކާކަށް. ރަނގަޅަކަށްނު ތިއޮތީ ވެފަ.
Comments are closed.