މި ދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ދަށްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސްވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު 'ބޭ އޮފް ބެންގަލް' ހުރަސްކޮށް ރާއްޖެއާ ހަމަޔަށް ފޯރާ ކަމަށެވެ.
މި ހިރަފުހުގެ ސަބަބުން، ހާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އުނނަދޫވުން ގާތް ކަމަށާއި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިރުޝާދުދީފައެވެ.
ބަނަފިނި (ހޭޒް)ގެެ ސަބަބުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށް މެޓުން ބުންޏެވެ.
މިކަން ބޮޑަށް ފެންނަނީ ޑިސެމްބަރު މަހުން ފެށިގެން މާޗރް މަހުގެ ނިޔަލަށް ކަމަށެވެ.
އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފި ކަމަށް މެޓުން ބުންޏެވެ.